ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ޖަޕާނާ އެކު މުހިންމު މަޝްވަރާތަކެއް ކޮށްފި
ދިވެހިރާއްޖޭގެ ސިއްހީ އަދި އިޖުތިމާއީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، އެ ދާއިރާތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގަމީ އާއި ސިއްހަތާއި އާއިލީ އަދި އިޖްތިމާއީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.
ޖަޕާނުގެ އެމްބަސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ބާއްވާފައި ވަނީ ސަފީރު އިޝިގަމީ، ވަޒީރު ގީލާގެ އަރިހަށް ކުރެއްވި ރަސްމީ އިހުތިރާމްގެ ޒިޔާރަތެއްގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން ސިއްހީ ނިޒާމުގެ ކުރިއެރުމަށް އެއްބާރުލުން ދެވިދާނެ އާ ދާއިރާތަކާމެދު ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިފައިވާ ކަމަށް އެމްބަސީން މައުލޫމާތުދެއެވެ.
ދިވެހިރާއްޖޭގެ ތަރައްގީގެ ގާތް ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޖަޕާނަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އަބަދުވެސް ދީލަތި އެހީތަކެއް ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އެގޮތުން، ކުއްލި ސިއްހީ ހާލަތްތަކުގައި ބޭނުންކުރުމަށް ހާއްސަ ސީ-އެމްބިއުލާންސެއް މިއަހަރުގެ ފެބްރުއަރީ މަހު ވެސް އެ ގައުމުން ވަނީ ދިވެހި ސަރުކާރަށް ހަދިޔާކޮށްފައެވެ. މީގެ އިތުރުން، ސިއްހީ ދާއިރާއަށް ބޭނުންވާ ޒަމާނީ އާލާތްތައް ފޯރުކޮށްދިނުމާއި މީހުން ބިނާކުރުމުގެ ރޮނގުން ވެސް ޖަޕާނުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.