ޚަބަރު

އެންޑްރޮއިޑް ފޯނުތަކަށް "މާލެ ޓެކްސީ" އެޕްލިކޭޝަން ތަޢާރަފްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހިންގާ "މާލެ ޓެކްސީ" ގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ހާއްސަ މޯބައިލް އެޕްލިކޭޝަން، ގޫގުލް ޕްލޭ ސްޓޯރު މެދުވެރިކޮށް އެންޑްރޮއިޑް ފޯނުތަކަށް ދޫކުރަން ފަށައިފިއެވެ.

މީގެ ކުރިން ހަމައެކަނި އެޕަލްގެ އައިއޯއެސް ޑިވައިސްތަކަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަން، މިހާރު އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ވެސް ފަސޭހަކަމާ އެކު އިންސްޓޯލްކޮށްގެން ދަތުރުތައް ނެގޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މި ޒަމާނީ އެޕްލިކޭޝަނަކީ ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެހެން ތައްޔާރުކޮށްފައިވާ މަންސައެކެވެ. އެގޮތުން، ވަގުތުން ދަތުރުތަކަށް އެދުމުގެ އިތުރުން، ދަތުރު ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ދަތުރުތައް ޝެޑިއުލް ކުރުމުގެ އިހުތިޔާރު ވެސް މި އެޕްގެ ޒަރީއާއިން ލިބޭނެއެވެ. ފައިސާ ދެއްކުމުގެ ނިޒާމު ވެސް ވަނީ ވަރަށް ބޮޑަށް ފަސޭހަކޮށްފައެވެ. އެޕްގައި ހިމެނޭ ޑިޖިޓަލް ވޮލެޓަށް ފައިސާ އަޅައިގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކޭޝްކާޑުން އަދި ކިއުއާރް ކޯޑު "ސްކޭން އެންޑް ޕޭ" ކޮށްގެންވެސް ދަތުރުގެ އަގު އަދާކުރެވޭނެއެވެ. ހަމައެއާ އެކު، ކުރިން ކޮށްފައިވާ ދަތުރުތަކާއި ކުރިއަށް އޮތް ދަތުރުތަކުގެ ރެކޯޑުތައް ފަސޭހައިން ބަލައިލެވޭނެއެވެ.

ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުއްލި ހާލަތްތަކުގައި ބޭނުންކުރާނެ "އިމަޖެންސީ" ފީޗާއެއް މި އެޕްގައި ވަނީ ހިމަނާފައެވެ. އަދި ހިދުމަތް ހޯދާ ފަރާތާއި ޑްރައިވަރާ ދެމެދު އެޕް މެދުވެރިކޮށް މެސެޖުންނާއި ފޯނުން މުވާސަލާތު ކުރެވޭނެ އިންތިޒާމާއި، ޓެކްސީގައި ތަކެތި ބޭއްވިއްޖެ ހާލަތެއްގައި އެކަން ރިޕޯޓުކުރެވޭނެ ހާއްސަ މެނޫއެއް ވެސް އެކުލެވިގެންވެއެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި އާންމުންނަށް ދިމާވެފައިވާ ޓެކްސީގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ފެށި މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެޕްލިކޭޝަންގެ އިތުރުން، މާލެ ޓެކްސީގެ ވެބްސައިޓާއި، ހޮޓްލައިން 1655 އަށް ގުޅައިގެން ވެސް ކުރިއެކޭ އެއްގޮތަށް ޓެކްސީއަށް އެދެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

Ads by Allied Insurance