ބޮޑުތަކުރުފާނުމަގު ފެހިކުރަން ރައީސްގެ ޕްލޭންއަކީ ގްރީން ބެލްޓެއް ގާއިމުކުރުން
ބޮޑުތަކުރުފާނުމަގު ފެހިކުރަން ގްރީން ބެލްޓެއް ގާއިމުކުރުމުގެ ޕްލޭން އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ އޮގަސްޓު މަހުއެވެ. ފަސް ސެގްމަންޓަކަށް ބަހާލައިގެން އެ މަގު އަލުން ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު މިހާރު ދަނީ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުގެ މަސައްކަތް ކުރަމުންނެވެެ.
ރައީސް އޮފީހުގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ފެހިކަން އިތުރުކުރަން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށެވެ. އެގޮތުން މާލޭގައި ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު ގްރީން ބެލްޓެއް ގާއިމުކުރުމުގެ ވިސްނުން އެބަ ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގަސް އިންދުމުގައި، ބޮޑެތި ޕޮޓްތަކުގައި، ބޮޑެތި ގަސް ޖަހާފައި، ބަރިބަރިއަކަށް، ބިންމަތީގައި އިންދާ ގަސްތައް ހުންނާނީ ވަކި ދުރުމިންތަކެއްގައި. ދެން އެދޭތެރެ މެދުގައި ޕޮޓްތައް ހުންނާނެ ކަހަލަ ގޮތަށް ތަންކޮޅެއް ފެހި ބެލްޓެއް ގޮތަށް މޫނުމަތި ފެންނާނީ، ކުރިއަށް ވުރެ ފެހި ބެލްޓެއްގެ ގޮތަށް"ރައީސް ވިދާޅުވިއެވެ.