މާލޭގެ މަގުތަކަށް ބިދޭސީން ކުނިއުކާލާކަން ވަނީ ފާހަގަކުރެވިފައި: މާލެ ސިޓީ ކައުންސިލް
މާލެގެ މަގުތަކަށް ބިދޭސީން ކުނިއުކާލާކަން ފާހަގަކުރެވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްއިން މިއަދު ބުނެފިއެވެ.
އާންމު ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދީ މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އެކަން ހުއްޓުވުމުގެ ގޮތުން، މަގުތަކަށް ކުނި އަޅާ ފަރާތްތައް ހޯދައި، އެ ފަރާތްތައް ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެތަކުގައި މެއިޑުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންނާއި އަދި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް، އެ ނާތަހުޒީބު އަމަލު ހުއްޓާލުމަށް ބާރު އަޅައިދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަންތަނުގެ ގޮތުގައި ބޭއްވުމަށް ޓަކައި ހުރިހައި ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ވެސް އެ ކައުންސިލްއިން އިލްތިމާސްކުރިއެވެ.
މާލެ ސިޓީ ކައުންސިލްއިން ބުނީ އެ ކައުންސިލްގެ އަމާޒަކީ މާލޭގެ ކޮންމެ މަގެއް ވެސް، ހިތްފަސޭހަކަމާ އެކު ބޭނުންކުރެވޭނެ މަގަކަށް ހެދުމެވެ.