ކަނޑުތަކުން ޕްލާސްޓިކް ނަގަން ރާއްޖެ ގެނައި ހާއްސަ އުޅަނދަށް މިނިސްޓަރުގެ ތައުރީފް
ކަނޑުތަކަށް ދޫވާ ޕްލާސްޓި ނެގުމަށް ހާއްސަ އުޅަނދެއް ރާއްޖެ ގެނެސްފިއެވެ.
އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް އަލަށް ގެނައި ތިމާވެއްޓާ ރައްޓެހި، ޚާއްސަ "އީކޯ-ވެސެލް"އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފު ބައްލަވާލައްވައި ވަނީ އެ އުޅަނދަށް ތައުރީފްވެސް ކުރައްވައިފައެވެ.
މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ދުނިޔޭގައި ފާހަގަކޮށްލެވޭ ރާއްޖޭގެ ނާޒުކު ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް ކަމަށާއި އަދި އެފަދަ ދެމެހެއްޓެނިވި ޓެކްނޮލޮޖީތަކުގެ އެހީގައި ރާއްޖޭގެ ތިމާވެށި މިހާރަށްވުރެ ބޮޑަށް ސާފުކޮށް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އެސްއޭއެސް އީ ކޮންސްޓްރަކްޝަނުން ގެނައި މި އުޅަނދަކީ ކަނޑުތަކަށް ދޫވާ ޕްލާސްޓިކާއި އެހެނިހެން ތަކެތި ނެގުމަށް ޒަމާނީ ވަސީލަތްތައް ހަރުކުރެވިފައިވާ އުޅަނދެކެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް އަމިއްލަ ކުންފުންޏަކުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި އުޅަނދަކީ ކަނޑުފަޅުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ކަނޑަށް އުކާލެވޭ ކުނިބުނި ނައްތާލުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.
ރާއްޖޭގައި ޕްލާސްޓިކް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު ކަނޑުތަކުން ވެސް ޕްލާސްޓިކް ފެންނަ މިންވަރު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ.