ޗައިނާގައި ބާއްވާ މުހިންމު ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ފުރާވަޑައިގެންފި
ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ޤައުމަށް ފުރާވަޑައިގެންފިއެވެ.
ހަތްވަނަ ޗައިނާ-ސައުތު އޭޝިއާ ފޯރަމްގެ އިތުރުން، ދިހަވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ވެސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ފޯރަމް ފެށުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި އެކަމަނާ މުހިންމު ތަޤުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި މަހުގެ 11 އިން 12 އަށް ޗައިނާގެ ކުންމިންގ ސިޓީގައި ކުރިއަށްދާ ފޯރަމެކެވެ.
މީގެ އިތުރުން، މި ރަސްމީ ދަތުރުފުޅުގެ ތެރެއިން ޔުނާން ޕްރޮވިންސްގެ އެންމެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ހަމައެހެންމެ، އެ ޕްރޮވިންސްގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ކިޔަވާ ކުދިންނާ ވެސް ވަޒީރު ބައްދަލުކުރައްވާނެއެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ކަމަށްވާ، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލްގެ އިތުރުން ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް ބައިވެރިވެވަޑައިގަންނަވައެވެ.