ޚަބަރު

ޒުވާނުންނަށް ހައްގު މިންވަރަކީ ލީޑާޝިޕް، ސޯޝަލް މީޑިއާ ހިންގަން ތިބުމެއް ނޫން: މީކާއިލް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް

ޒުވާނުންނަށް ހައްގު މިންވަރަކީ ލީޑާޝިޕް ކަމަށާއި ސޯޝަލް މީޑިއާ ހިންގަން ތިބުމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިފަދައިން ވިދާޅުވީ ރޭގައި ކުރިއަށްގެންދިޔަ، 'އިތުބާރު' ކެމްޕެއިން ނިންމާލުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މީކާއިލް ވިދާޅުވީ މީގެ އެތަށް މަހެއް ކުރިން މި އިންތިހާބަށް އޭނާ ނުކުތީ އޭނާގެ އެދުރަކާ ވާދަކުރަން ނޫން ކަމަށާއި ބައެއް ބޭފުޅުންގެ ވިސްނުމަށް އައި ކުއްލި ބަދަލަކުން އޭނާ ވާދަކުރަން މި ޖެހެނީ ކުރީގެ ރައީސަކާ ކަމަށެވެ.

ރާއްޖޭގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އުމުރުން 59 އަހަރުގެ ނަޝީދާ މި އިންތިހާބުގައި ވާދަކުރައްވަން ޖެހުމަކީ ޒުވާނުންނަށް ކުރިމަގު ހޯދުމަށް، ޖާގަ ހޯދުމަށް ކުރަން ޖެހިފައި އޮތް މަސައްކަތް ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި އެއީ މި ތަޖުރިބާއަށް އޭނާއަށް ކުރެވޭ އިހުސާސް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒުވާނުންނަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި ހައްގު މިންވަރަކީ، ސިޔާސީ ލީޑަރުންގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓު ޖެހުން އެކަންޏެއް ނޫން. އެންމެ މަތީ މަގާމާ ހަމައަށް ދިޔުން މި ޕާޓީތަކުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަށަވަރުކޮށްދޭނަން." މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މީކާއިލް ވިދާޅުވީ އަނެއްކާ ވެސް 2023ވަނަ އިއާދަވެދާނެ މަންޒަރު ކަމަށާއި މި އިންތިހާބުގައި އެކަނި ވެސް އެފަދަ ވާހަކަ ދައްކާތީ ހިތާމަކުރާ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގައި މީކާއިލް އާ އެކުގައި ނުތިބެވޭ އެންމެން ތިބެންޖެހޭނީ އެންމެ ފަހަތު ސަފުގައި ކަމަށް ބުނާ ސިޔާސަތަކީ ގަބޫލުކުރާ ސިޔާސަތެއް ނޫން ކަމަށާއި މި އިންތިހާބުުގައި އޭނާ ނުތިބެވިޔަސް އެންމެ ކުރީ ސަފުގައި އެކުއެކީ ތިބޭފުޅުންނަށް ޖާގަ ކަށަވަރު ކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by Allied Insurance