ޚަބަރު

ތިކިތައް ހުރި ވޯޓުތައް ބާތިލްނުވާ ކަމަށް ނިންމުމުން ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސުޕްރީމް ކޯޓު

މ. ވޭވަށު ކައުންސިލްގެ ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިިކިތަކެއް ހުރުމުން އެ ތިން ވޯޓު ކަރުދާސް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

ހައި ކޯޓުން ބާތިލްކުރި ތިން ވޯޓަކީ ވެސް އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން ނައީމަށް ލިބިފައިވާ ތިން ވޯޓެކެވެ. އެ ތިން ވޯޓު ބާތިލްކުރުމުން ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހު އެއް ވޯޓުގެ ފަރަގުން އެ ގޮނޑި ކާމިޔާބުވެއެވެ. ހައި ކޯޓުގެ އެ ހުކުމް އެމްޑީޕީގެ ކެންޑިޑޭޓް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރިއެވެ.

ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ ވޯޓު ކަރުދާހުގައި ހިމެނޭ ކަޅު ދެލީގެ ތިކިތަކަކީ ޗާޕުކުރުމުގެ ތެރެއިން ޖެހިފައިވާ ތިކިތަކެއް ކަމަށް ބެލެވޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވޯޓު ކަރުދާސްތައް ޗާޕުކުރި ނޮވެލްޓީން ބުނާއިރު އެއީ ވޯޓުލީ މީހުން ގަސްތުގައި ކުރެހި ތިކިތަކެއް ކަން އެނގޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.

ވޯޓުލީ ފާހަގަ ހުރީ ނޫކުލާގައި ކަމާއި ކަޅުކުލައިގެ ގަލަމެއް ވޯޓުލާ މަރުކަޒަށް ވެއްދިކަމުގެ އެއްވެސް ޝަކުވާއެއް ނެތުމުން، ވޯޓުގެ ސިއްރު ކަން އޭގެ ސަބަބުން ގެއްލޭ ކަމަށް ބާރުދެވޭ ކަމެއް ވެސް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރިއެވެ.

ސުޕްރީމް ކޯޓުން ހައި ކޯޓުގެ ހުކުމް ބާތިލްކުރުމުން އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން 121 ވޯޓުން އިންތިހާބުވެ އެވެ. ޕީއެންސީގެ ކެންޑިޑޭޓް ނަޒީހަށް ލިބޭނީ 118 ވޯޓެވެ.

މިއާއެކީ ވޭވަށު ކައުންސިލްގެ މެޖޯރިޓީ ވެސް ލިބެނީ އިދިކޮޅު އެމްޑީޕީއަށެވެ. އެއީ މި ގޮނޑިއާއި ކައުންސިލްގެ ރައީސްގެ ގޮނޑި ހިމެނޭ ގޮތަށް ދެ ގޮނޑިއެވެ. އަދި ޕީއެންސީގެ ގޮނޑިއެކެވެ.

Ads by Allied Insurance