ދީން

ރުޅި އަންނަ ވަގުތު ދަރިންނާ ދިމާއަށް ބުނެވޭ ބަސް ބަދުދުޢާއަށްވެ، އެކަމުގެ ހިތާމަ ދަރިން އުމުރަށް އުފުލަންޖެހޭ!

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މައިންބަފައިންނަށް ރުޅިއެވޭ ހިނދު އަމިއްލަ ދަރިންނާ ދިމާއަށް ބުނެވޭ ހުތުރު ބަސްތަކާއި ކުރެވޭ ބަދުދުޢާތަކަކީ އެކުދިންގެ މުޅި ޙަޔާތް ބަރުބާދުވެ، އުމުރުދުވަހުގެ ހިތާމައާ ކުރިމަތިލާންޖެހިދާނެ ފަދަ ނުރައްކާތެރި ކަމެއްކަމަށް އިސްލާމީ ތާރީޚާއި ދީނީ ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގެއެވެ.

ދަރިންކުރާ ކަންކަމާ ހިތްހަމަނުޖެހިގެން ނުވަތަ ރުޅިއައިސްގެން އެކުދިންނަށް ލަޢުނަތްދީ، ގޯސް ބަސްތައް ރައްދުކުރުމަކީ މުޖުތަމަޢުގައި ވަރަށް އާންމުކޮށް ފެންނަ ކަމެއްކަމަށް ފާހަގަކުރެވެއެވެ. މި މައުޟޫޢުގައި ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވެސް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މުފްތީ މެންކް އިރުޝާދު ދެއްވާ ގޮތުގައި، އަމިއްލަ ދަރިންނަށް ބަދުދުޢާ ކުރުމަކީ މައިންބަފައިންނަށް ކުރެވޭނެ އެންމެ ނުބައި އެއް އަމަލެވެ. ޙާލަތު ކިތަންމެ ގޯސްވި ނަމަވެސް، މައިންބަފައިންގެ ދުލުން އަބަދުވެސް ބޭރުކުރަން ވާނީ ދަރިންނަށް ހެޔޮ ދުޢާއާއި ހިދާޔަތަށް އެދި ކުރާ މުނާޖާއެވެ.

ބަދުދުޢާގެ ނުރައްކާތެރިކަން ހާމަކޮށްދޭ އެތައް ހާދިސާއެއް އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ މުޢުތަޒިލާއިންގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ އިމާމް ޒަމަޚްޝަރީގެ ޙަޔާތްޕުޅުގައި ހިނގާދިޔަ ކަމެކެވެ. އެކަލޭގެފާނުގެ އެއް ފައިންޕުޅު ބުރިކޮށްލަން ޖެހުނީ، ކުޑައިރު ފެންފޯއް ދޫންޏެއްގެ ފައިގައި ވާގަނޑެއް އައްސައިގެން ކުޅެނިކޮށް، އެ ދޫނީގެ ފައި ބުރިވެގެން ދިޔުމުން މަންމަ ކުރި ބަދުދުޢާއެއްގެ ސަބަބުންނެވެ. އެ މަންޒަރު ފެނި ކޯފާވި މަންމަ ވަނީ، އެ ދޫނީގެ ފައި ބުރިކޮށްލި ފަދައިން ދަރިފުޅުގެ ފައި ވެސް ބުރިވެގެން ދިޔުމަށް އެދި ދުޢާކޮށްފައެވެ. އޭގެ ދުވަސްތަކެއް ފަހުން ޢިލްމު އުނގެނުމަށް ކުރެއްވި ދަތުރުފުޅެއްގައި ސަވާރީން ވެއްޓި ފަޔަށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން، ފަރުވާއެއް ނުލިބި އެންމެ ފަހުން ޖެހުނީ އެކަލޭގެފާނުގެ ފައިންޕުޅު ބުރިކޮށްލާށެވެ.

މީގެ އިތުރުން، ބުޚާރީ އާއި މުސްލިމްގެ ރިވާޔަތްތަކުން ފެންނަން އޮތް ޖުރައިޖުގެ ހާދިސާއަކީ ވެސް މިކަމުގެ ބޮޑުކަން ހަނދާންކޮށްދޭ ވަރުގަދަ ފިލާވަޅެކެވެ. ޖުރައިޖަކީ ފައްޅިއެއްގައި އަޅުކަންކުރުންމަތީ ދެމިހުރި ޞާލިޙު މީހެކެވެ. އޭނާ ނަމާދަށް ހުއްޓައި މަންމަ އައިސް ގޮވުމުން، ނަމާދު ދޫކޮށްލުމަށް ފަހު، އޭނާ އިޚުތިޔާރުކުރީ އަޅުކަން ފުރިހަމަކުރުމަށެވެ. މިގޮތަށް ތިން ދުވަހު ކަންތައް ވުމުން، އެ މަންމަ އައި ރުޅީގައި އޭނާއަށް ބަދުދުޢާކުރިއެވެ. އެއީ ޒިނޭކުރާ އަންހެނަކާ ބައްދަލުވުމުގެ ކުރިން އޭނާ މަރުނުވުމަށް އެދި ކުރި ދުޢާއެކެވެ. މި ދުޢާ އިޖާބަވެ، ފަހުން ރަށުގެ ބަދުއަޚުލާޤީ އަންހެނަކު ހޯދި ނަހަލާލު ދަރިއެއް ޖުރައިޖުގެ ބޮލުގައި އެޅުވުނެވެ. މީސްތަކުން އޭނާއަށް އަނިޔާކޮށް ފައްޅި ތަޅާލި ނަމަވެސް، މާތް ﷲ ގެ ކިބަފުޅަށް ދުޢާދަންނަވައި، އެ ތުއްތު ކުއްޖާއާ ސުވާލުކުރުމުން އެކުއްޖާ ވަނީ އަސްލު ބައްޕައަކީ ބަކަރި ހުއިހައްޕާ މީހާކަން ހާމަކޮށް ޖުރައިޖު އެ ތުހުމަތުން ސަލާމަތްކޮށްދީފައެވެ.

މިފަދަ ޢިބުރަތްތެރި ހާދިސާތަކުން ކަށަވަރުކޮށްދެނީ، އަމިއްލަ ދަރިންދެކެ ކިތަންމެ ބޮޑަށް ރުޅިއައި ނަމަވެސް، އެކުދިންނަށް ނިކަމެތިކަމާއި ހަލާކު އެދި ބަދުދުޢާ ކުރުމުގެ ނުބައިކަމެވެ. ބަދުބަސް ބުނުމުގެ ބަދަލުގައި، ކެތްތެރިކަން އިސްކޮށް ހެޔޮ ދުޢާ ކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.