ޚަބަރު

އެމްޑީޕީ އިންތިހާބު: ފީއަލީގައި ބަޔަކު ވޯޓު ފޮށި ގެންގޮސްފި، ފިޔޯރީ ވޯޓު ފޮށި ފަޅާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފިޔޯރީ ވޯޓުލާ މަރުކަޒުގައި ހިނގި ހަމަނުޖެހުން

ފ. ފީއަލީގައި ބަޔަކު ގޮސް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބޭނުންކުރާ ވޯޓު ފޮށި ގެންގޮސްފިއެވެ. އަދި ގދ. ފިޔޯރީގައި ވޯޓު ފޮށި ފަޅާލައިފިއެވެ.

ފީއަލީގެ އެމްޑީޕީގެ އޮފިޝަލަކު "ދެން އޮންލައިން"އަށް ވިދާޅުވީ އެ ރަށުގައި މައްސަލަ ޖެހުނީ ވޯޓު ލިސްޓުގައި ނަން ނެތް ކަމަށް ބުނެ ވޯޯޓުލުމުގެ ފުރުސަތު ނުދިނުމުން އެކަމާ އެ މީހުން ނުރުހުން ފާޅުކުރަމުންނެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވެސް، ޕާޓީން ލިސްޓު އާންމުކުރި އިރު ވެސް ނަން ތިބި ބަޔަކު ވޯޓުލާން ފެށި ގަޑީގައި ލިސްޓުގައި ނަން ނެތް ކަމަށް އެންގީ. އެ ހިސާބުން ކޮންމެ ވެސް ވަރެއްގެ ބަހުގެ ހަމަލާތަކެއް ދީ ނިމިގެން ވޯޓު ފޮށި ގެންދިޔައީ" އެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަން ނެތް ކަމުގެ ޝަކުވާ ކުރީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ޓީމުގައި އުޅޭ ބަޔެކެވެ. އަދި މައްސަލަގަނޑުގެ ތެރެއިން ވޯޓު ފޮށި ގެންދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސަޕޯޓު ކުރާ ބަޔެކެވެ.

މީގެ އިތުރުން ގދ. ފިޔޯރީގެ އޮފިޝަލަކު "ދެން އޮންލައިން"އަށް ވިދާޅުވީ ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު، ކެންޑިޑޭޓެއްގެ މަންދޫބަކު ކަމަށް ބުނެ ވޯޓުލާ ކިއޫއަށް އެރި ކަމަށެވެ. ނަމަވެސް އޭނާގެ ނަން ލިސްޓުގައި ނެތުމުން ވޯޓުނުލެވޭނެ ކަމަށް އެންގުމުން އެ ތަނުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި ވޯޓު ފޮށި ވެސް ފަޅާލާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

"އެކަމަކު އެ ތަނުން އެ ވަރަށް ޗެކް ކުރި އިރު ވެސް އޭނާގެ ނަން ވޯޓާސް ލިސްޓުގައެއް ނެތް"އޭނާ ވިދާޅުވިއެވެ.

މިއަދު މެންދުރުފަހު 2:30އިން ފެށިގެން ރޭގަނޑު 8:30އާ ހަމައަށް ކުރިއަށްގެންދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް ނަޝީދާއި މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.