ޚަބަރު

ކޮންމެ 15 މީހަކަށް ސިވިލް ސާވެންޓެއް އެބަހުރި: ވަޒީރު ޝަފީއު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ތައުލީމީ ވަޒީރު، ސިވިލް ސާވިސް ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ : ފޮޓޯ - އެޑިއުކޭޝަން މިނިސްޓްރީ

ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 15މީހަކަށް ސިވިލް ސާވިސް މުވައްޒަފެއް އެބަހުރި ކަމަށާއި ސިވިލް ސާވިސްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވެން ޖެހޭ ކަމަށް ތައުލީމާއި މަތީ ތައުލީމުގެ ހިދުމަތުގެ ވަޒީރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ "ދިވެހިރާއްޖެ 2.0"ގެ ތަސައްވުރުގެ ތެރެއިން ސިވިލް ސާާވިސްގެ ހިދުމަތް ޓެކްނޮލޮޖީގެ އެހީގައި އިތުރު ހަރުފަތަކަށް ގެންދިއުމަށް މިއަދު ސިވިލް ސާވިސް ކޮންފެރެންސެއް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ޝަފީއު ވިދާާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިން ވެސް ހިމެނޭ ގޮތަށް ކޮންމެ މީހަކަށް 15 ސިވިލް ސާވިސް މުވައްޒަފުން އެބަތިބި ކަމަށެވެ. އެއީ ނިސްބަތަށް ބަލާނަމަ ބޮޑު އަދަދެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަހަރުގެ މިހާތަނަށް ވެސް ސަރުކާރުގެ މުވައްޒަފުންނަށް ކުރާ ހޭދަ 15 ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާ ކަމަށާއި މުވައްޒަފުންނަށް މިހާ ބޮޑު ހޭދައެއް ކުރާ މައިގަނޑު އެއް ސަބަބަކީ ވެސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ހިތްހަމަޖެހޭ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ވަރުގެ މުސާރައެއް ދިނުމަކީ އެއީ ސަރުކާރުގެ ސިޔާސަތު. ހަމަ ގައިމު ވެސް މި ހޭދައާ އެއް ގޮތަށް ރައްޔިތުންގެ އުންމީދުތަކެއް ވެސް ހުންނާނެ" ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ލިބޭ އޮފީހަށް ހާޒިރުވާން ޖެހޭ ކޮންމެ މުވައްޒަފެއްގެ ކިބައިން ރައްޔިތުން އެދެނީ ހަލުވި ހިދުމަތަކަށް ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުހިންމު ކަންކަމަށް އިސްކަންދީގެން، ފަރުވާތެރި މުވައްޒަފުންތަކެއް ފެންވަރު ރަނގަޅު ހިދުމަތެއް ލިބިދޭން އެދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.