ޚަބަރު

މަރްޙޫމް ޢާސިފްގެ ޢާއިލާއާ ސީޕީ ބައްދަލުކުރައްވައި ރައީސްގެ ތައުޒިއާ މެސެޖް ރައްދުކޮށްދެއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
މަރްޙޫމް ޢާސިފްގެ ޢާއިލާއާ ސީޕީ ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ފުލުހުންގެ ޚިދުމަތް

މަރްޙޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ޢާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލިބުނު ހިތާމައެއްކަން ފާހަގަ ކުރައްވާއި، ގައުމީ ވާޖިބު އަދާ ކުރެއްވުމުގައި ދެއްކެވި ސާބިތު ކަމާއި، އިހުލާސްތެރި މަސައްކަތުގެ އަގު ވަޒަން ކުރެއްވިއެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ސަރުކާރުގެ ފަރާތުން އާއިލާއަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުއްވިއެވެ.

މީގެއިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންނާއި ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައި ވެސް އާއިލާއަށް ތަޢުޒިޔާ ރައްދުކުރެއްވިއެވެ.

މަރުހޫމް އަޙްމަދު ޢާސިފް ގައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރައްވައި، މަރުހޫމްގެ ހިދުމަތާއި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކުކަން ކޮމިޝަނަރ ތަކުރާރުކުރެއްވިއެވެ.