ޚަބަރު

އެފްޑީސީ ފްލެޓް ތައް ކައިރީގައި ބަސް ސްޓޮޕް ބަހައްޓަން މަޝްވަރާ ކުރާނަން: މޭޔާ އާޒިމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް / ފޮޓޯ:ރައީސް އޮފީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ގާއިމްކޮށްފައިވާ ފްލެޓް ހިމެނޭ ސަރަހައްދުގައި ބަސް ސްޓޮޕް ބެހެއްޓުމަށް މަޝްވަރާ ކުރައްވާނެކަމަށް މާލެ ސިޓީގެ މޭޔާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އާޒިމް މިފަދައިން ވިދާޅުވީ ފަހި ޔޫނިއަން ޖަމިއްޔާއާ އެކު މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ އެ ސަރަހައްދުގައި ބަސް ހުއްޓިއެއް ނެތުމަކީ ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ބަހުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ ސަބަބުން، ކުދިން ސްކޫލަށް ގެންދިއުމާއި އޮފީސްތަކަށް ދިއުމުގައި ޢާންމުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމުގެ ޢާންމު ކަންކަމަށް ބުރޫއަރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅުވައިގެން މޭޔާ އާޒިމް ވިދާޅުވީ މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކަމާގުޅުންހުރި ހުރިހައި އިދާރާތަކާ ބައްދަލުކޮށް މަސައްކަތްތައް ފަށްޓަވާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަވާނެހެން ބަސް ހުއްޓިތައް ހުންނަން ޖެހޭނެ ކަމަށެވެ.

"އެ ފްލެޓްތަކުގައި ވެސް އުޅެނީ އިންސާނުން، އެ މީހުންނަށް ވެސް ފަސޭހަވާނެހެން ބަސް ހުއްޓިތައް ހުންނަން ޖެހޭނެ" މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނީ އެއްވެސް ސަބަބަކާ ހުރެ ފްލެޓް މިލްކުނުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ވަގުތަކު ރަށްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް މާލެ ސިޓީގެ ދަފްތަރުގައި ޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ.