ޙަސަން ޒަރީރަށް ރުހުން ހޯދުމަށް މަޖިލީހުގެ ދިރާސާކުރާ ކޮމިޓީއަށް
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް ދާދިފަހުން ޢައްޔަންކުރައްވާފައިވާ ޙަސަން ޒަރީރަށް ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 129ވަނަ މާއްދާގެ (ހ)ގެ ދަށުން، މި ހިނގާ މަހުގެ 8ވަނަ ދުވަހު ޒަރީރު އެ މަޤާމަށް ޢައްޔަންކުރެއްވީ، ކުރިން އެ ވުޒާރާއާ ޙަވާލުވެ ހުންނެވި މޫސާ ޒަމީރު ސިއްޙީ ސަބަބުތަކަށްޓަކައި އެފަދަ ބުރަ މަސްއޫލިއްޔަތެއް އުފުއްލެވެން ނެތްކަމަށް ބަޔާންކުރައްވައި މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ޒަރީރަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރުކަން ވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން އެކައުންޓިންގ ދާއިރާއިން ބެޗެލަރސް ޑިގްރީ އަދި ފައިނޭންސްގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ޙާޞިލުކުރައްވާފައެވެ.