ޚަބަރު

ދާއިމީ ނަތީޖާ އާންމުކުރުމާ އެކު ނަޝީދު އެމްޑީޕީގެ ރިޔާސަތާ މިރޭ ހަވާލުވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން ނަޝީދު؛ މިރޭ ރަސްމީކޮށް މަގާމާ ހަވާލުވެ ގައުމީ މަޖިލިސް ބައްވާނެ - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ދާއިމީ ނަތީޖާ އާންމުކޮށް، މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ތާވަލުކޮށްފިއެވެ.

ޗެއާޕާސަން އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަން އަދި ނުވަ އަހަރު އެ ޕާޓީގެ ރައީސްކަން ކުރެއްވި ނަޝީދު ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރައްވަނީ %69ވޯޓު ހޯއްދަވައިގެންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ނަޝީދު ރިޔާސަތު ބަލަހައްޓަވާ ފުރަތަމަ ގައުމީ މަޖިލީހުގެ ބައްދަލުވުން މިރެއަށް ވަނީ ތާވަލުކޮށްފަ އެވެ. މިރޭ ސެންޓްރަލް ހޮޓެލްގައި ބާއްވާ އެ ބައްދަލުވުން ފަށަނީ މިރޭ 9:00ޖަހާއިރެވެ.

ދާއިމީ ނަތީޖާ ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 21,063ވޯޓެވެ. ނަޝީދާ ވާދަ ކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމަށް 9,263ވޯޓެވެ.

އިންތިހާބީ ޗެއާޕާސަންގެ ހައިސިއްޔަތުން ނަޝީދު ވަނީ އިއްޔެ ޕާޓީގެ އިސް ބޭފުޅުންނާއި މީކާއިލްއާ ވެސް ބައްދަލުކުރައްވައިފައެވެ. ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ސިޓީތަކުގެ މޭޔަރުން ހިމެނިވަޑައިގަންނަވައެވެ. އަދި ރޭގެ ވަގުތެއްގައި ނުރަސްމީކޮށް ގައުމީ މަޖިލީހުގެ މެންބަރުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.