ޚަބަރު

ޕޭޕަލްގެ ޚިދުމަތާއެކު ބައިނަލްއަޤުވާމީ ބާޒާރުން ޖާގަ ހޯދުމަށް ދިވެހި އުފެއްދުންތެރިންނަށް ރައީސް ގޮވާލައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ޕީއެންސީ

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޑިޖިޓަލް އިޤުތިޞާދުގެ ތެރެއިން ދުނިޔޭގެ މާކެޓުގައި ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިން ފައިތިލަ ސާބިތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

މި ޚިދުމަތް ފެށުމަކީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި މުހިންމު ވަޢުދެއްގެ ފުރިހަމަވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ކުޑަކަމުން ބައިނަލްއަޤުވާމީ މާލީ މަންސަތަކަށް ނުވަދެވޭނެކަމަށް ކުރިން ދެކެމުން އައި ގަބޫލުކުރުންތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އަމިއްލަ އުފެއްދުންތައް ބޭރު ދުނިޔެއަށް ވިއްކައިގެން އާމްދަނީ ހޯދުމަށް ދިވެހި ޒުވާނުންނަށް އޮތް އެންމެ ބޮޑު ހުރަސް މިކަމުގެ ސަބަބުން ނެތިގެންގޮސްފައިވާކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މިއީ ހަމައެކަނި ޕޭޕަލް ގެނައުން ނޫންކަމަށާއި، މިއީ 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ދައުލަތަކަށް ހެދުމަށްޓަކައި އިޤުތިޞާދު ސިންދަފާތުކުރުމަށް އެކަށައަޅާފައިވާ ބިޔަ މަޝްރޫޢުގެ މުހިންމު ބައެއްކަމަށް ރައީސް ސިފަކުރެއްވިއެވެ. މިގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޑިޖިޓަލް އިޤުތިޞާދުގެ ހިއްސާ މަދުވެގެން ފަނަރަ އިންސައްތައަށް މައްޗަށް ޖެއްސުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ އުމްރާނީ ވަސީލަތްތައް ރާއްޖޭގައި ޤާއިމުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. ގޫގަލް ކުންފުންޏާ ގުޅިގެން "ދިވަރު" ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކާބަފައިން ކަނޑުމަގުން ބޭރު ދުނިޔެއާ ގުޅުން ބޭއްވި ފަދައިން، މިއަދުގެ ޖީލުތައް ދުނިޔެއާ ގުޅިފައިވަނީ ޑިޖިޓަލް ވިއުގަތަކުގެ ތެރެއިން ކަމަށެވެ.

ޑިޖިޓަލް ވަސީލަތްތަކުގެ އިތުރުން އުފެއްދުންތެރިންނަށް ބޭނުންވާ ޖާގަތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން، ޒަމާނީ ސްޓޫޑިއޯތަކާއި މަސައްކަތްކުރާނެ މާޙައުލު ހިމެނޭ "ކްރިއޭޓަރ ހަބް" އެއް މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށާއި، އަތޮޅުތެރޭގައިވެސް މިފަދަ މަރުކަޒުތައް ޤާއިމުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު، ލިބިފައިވާ މި ރަނުގެ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ތަފާތު އީޖާދުތައް ދުނިޔެއަށް ނެރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.