ސިއްޙަތު

އަންހެނުންނަށްވުރެ ފިރިހެނުންގެ ސިއްހަތު ދަށް، މި އޮތީ އެކަމަށް އޮތް ހައްލު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އަންހެނުންނާ އަޅާބަލާއިރު ފިރިހެނުންގެ ސިއްހަތު ދަށްވުމާއި އުމުރުހަމަވުމުގެ ކުރިން މަރުވުމުގެ ނިސްބަތް މާބޮޑަށް އިތުރު ކަމަށް އިނގިރޭސިވިލާތުގެ ދިރާސާކުރާ ތަޖުރިބާކާރުން ބުނެއެވެ. އެހެންނަމަވެސް، ފިރިހެނުންގެ ސިއްހީ ހާލަތު މިހާ ބޮޑަށް ދަށްވެފައި ވަނީ ކީއްވެގެންތޯއާއި، މިކަމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ މިއީ އުފެދޭ ސުވާލެކެވެ.

އިނގިރޭސިވިލާތުގައި ފިރިހެނުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމުގެ އިތުރުން، ކޮލެސްޓްރޯލް އަދި ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަތައް ގިނައެވެ. މިއީ އަންހެނުންނަށްވުރެ ފިރިހެނުންގެ އުމުރު 4 އަހަރު ކުރުވާ މައިގަނޑު ސަބަބުތަކެވެ. އަދި އުމުރުން 75 އަހަރުވުމުގެ ކުރިން ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ކެންސަރާއި، ފުރަމޭގެ ބަލިތަކުގެ އިތުރުން އެކްސިޑެންޓްތަކުގައި މަރުވުމުގެ ފުރުސަތު ފިރިހެނުންނަށް 60 އިންސައްތަ އިތުރެވެ.

'މެންސް ހެލްތު ފޯރަމް' ގެ ކޯ-ފައުންޑަރ އަދި ލީޑްސް ބެކެޓް ޔުނިވަރސިޓީގައި ފިރިހެނުންގެ ސިއްހަތާބެހޭ މަރުކަޒެއް ގާއިމުކުރެއްވި ޕްރޮފެސަރ އެލަން ވައިޓް ވިދާޅުވާ ގޮތުގައި މި މައްސަލައާމެދު މިހާރަށްވުރެ ސީރިއަސްކޮށް ވިސްނަންޖެހެއެވެ. އޭނާ މިސާލެއްގެ ގޮތުން ދެއްކެވީ ކޯވިޑް-19 ގެ ބަލިމަޑުކަމެވެ. އެ ދުވަސްވަރު އަންހެނުންނަށްވުރެ އިތުރަށް 19،000 ފިރިހެނުން ވަނީ މަރުވެފައެވެ. ނަމަވެސް އެކަމާ ގުޅިގެން މާބޮޑު ސަމާލުކަމެއް ދެވިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ފިރިހެނުންގެ ސިއްހަތު ދަށްވުމުގެ ސަބަބަކީ ހަމައެކަނި އެމީހުންގެ ދިރިއުޅުމުގެ އާދަތައް ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، މިއީ އެއަށްވުރެ މާ އުނދަގޫ މައްސަލައެއް ކަމަށް ޕްރޮފެސަރ ވައިޓް ގަބޫލުކުރައްވައެވެ.

ބަޔޮލޮޖިކަލް ގޮތުން ބަލާއިރު، ބަލިތަކާ ދެކޮޅަށް ހަނގުރާމަކުރުމުގެ ގާބިލުކަން ފިރިހެނުންގެ ދިފާއީ ނިޒާމުގައި ކުޑައެވެ. މީގެ އިތުރުން، އަމިއްލަ ސިއްހަތާ ގުޅޭގޮތުން ވާހަކަދައްކަން ނުކެރުމާއި، ބަލީގެ އަލާމާތްތައް ދެނެގަންނަން ނޭނގުން ފަދަ މައްސަލަތައް ވެސް ހިމެނެއެވެ. އާންމުގޮތެއްގައި އަންހެނުން ދަރިމައިވުމުގެ މަރުހަލާތަކާއި އެހެނިހެން ޓެސްޓުތައް ހެދުމަށް ސިއްހީ މަރުކަޒުތަކަށް ގަވާއިދުން ޒިޔާރަތްކުރި ނަމަވެސް، ފިރިހެނުންގެ މެދުގައި މި އާދަ ވަރަށް ކުޑައެވެ.

'އޯލް-ޕާޓީ ޕާލަމެންޓަރީ ގްރޫޕް އޮން މެންސް އެންޑް ބޯއީސް އިޝޫސް' ގެ ޕޮލިސީ އެޑްވައިޒަރު މާކް ބްރޫކްސް ވިދާޅުވާ ގޮތުގައި ފިރިހެންވަންތަކަން ދެއްކުމުގެ ވިސްނުމަކީ ވެސް ސިއްހަތަށް ފަރުވާކުޑަކުރެވޭ ސަބަބެކެވެ. މުޖުތަމައުއިން ފިރިހެނުންނާ މެދު ދެކެނީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ކެތްތެރިވެ، ބާރުގަދަ ބައެއްގެ ގޮތުގައެވެ.

އުމުރުން 40 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންނަށް ކޮންމެ 5 އަހަރަކުން އެންއެޗްއެސްއިން ދޭ ހެލްތު ޗެކްތައް ހެދުމަށް ދަނީ 10 ފިރިހެނުންގެ ތެރެއިން އެންމެ 4 މީހުންނަށްވުރެ ވެސް މަދު އަދަދެކެވެ. ބްރޫކްސް ލަފާދެއް ވަނީ މިކަމަށްޓަކައި މުސާރަ ހިނގާގޮތަށް 2 ގަޑިއިރުގެ ޗުއްޓީއެއް މަސައްކަތްތެރިންނަށް ދިނުމަށެވެ. އަދި ބައެއް ފިރިހެނުން ބަލިވުމުން އެކަން ސިއްރުކުރަނީ ވަޒީފާ ގެއްލިދާނެކަމުގެ ބިރަށެވެ.

ވަޒީފާގެ ކަންބޮޑުވުންތަކާއި، މާލީ އަދި އާއިލީ މައްސަލަތަކުގެ ސަބަބުން އަމިއްލައަށް މަރުވާ ފިރިހެނުންގެ ނިސްބަތް ވަރަށް މައްޗެވެ. އަމިއްލައަށް މަރުވާ މީހުންގެ ތެރެއިން ހަތަރުބައިކުޅަ ތިންބަޔަކީ ފިރިހެނުންނެވެ. ނަމަވެސް 'ޓޯކިންގ ތެރަޕީ' ފަދަ ނަފްސާނީ ފަރުވާ ހޯދާ މީހުންގެ ތެރޭގައި ފިރިހެނުންގެ ނިސްބަތަކީ އެންމެ ތިންބައިކުޅަ އެއްބައެވެ. ޕްރޮފެސަރ ވައިޓް ވިދާޅުވާ ގޮތުގައި ފިރިހެނުންގެ ކިބައިން ޑިޕްރެޝަން ފަދަ ބަލިތަކުގެ އަލާމާތްތައް ފެންނަނީ ރުޅިގަދަވުމާއި، މީހުންނާ އެކަހެރިވުމާއި، އަދި ބަނގުރަލަށް ދެވިހިފުން ފަދަ ކަންކަމުގެ ސިފައިގައެވެ.

ޕްރޮފެސަރ ވައިޓް ވިދާޅުވާ ގޮތުގައި، 2022ވަނަ އަހަރު އެކުލަވާލި އަންހެނުންގެ ސިއްހަތާބެހޭ ސްޓްރެޓެޖީއެކޭ އެއްފަދައިން، ގައުމީ ފެންވަރުގައި ފިރިހެނުންގެ ސިއްހަތަށް ޚާއްސަ ސްޓްރެޓެޖީއެއް އެކުލަވާލުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މިއީ ފިރިހެނުންނަށް ދެވޭ "ހޭލައްވާލުމުގެ ރަނގަބީލަކަށް" ވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ އިރުޝާދަކީ ހަށިގަނޑު ފަލަވާނަމަ ކަސްރަތުކުރުމާއި، މީހުންނާ ވާހަކަދައްކައި ގުޅުން ބަދަހިކުރުމާއި، ގަވާއިދުން މެޑިކަލް ޗެކްއަޕް ހެދުމުގެ އިތުރުން ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެ އަވަހަށް ފަރުވާ ހޯދުމެވެ.