އަނބިމީހާ އުފަލުގައި ބެހެއްޓުމަށް ފިރިން ސަމާލުކަންދޭންވީ ކަންކަން
ދެމަފިރިންގެ މެދުގައި އޮންނަ ލޯބި އިތުރުކޮށް، އުފާވެރި ޒަވާޖީ ޙަޔާތެއް ވޭތުކުރުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ކަމެކެވެ. އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރެއިން، އަނބިމީހާ އުފަލުގައި ބެހެއްޓުމަށް ޓަކައި ފިރިމީހާއަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. ތިރީގައި މިވަނީ ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ބައެއް ކަންކަމެވެ.
އެހެން މީހުންގެ ކުރިމަތީގައި ތަޢުރީފުކުރުން:
އަނބިމީހާ އުފާކޮށްދިނުމުގެ ގޮތުން، އެހެން މީހުންގެ ތެރޭގައި އޭނާއަށް ތަޢުރީފުކުރުމަކީ މުހިންމު ކަމެކެވެ. މީގެ ސަބަބުން އަނބިމީހާއަށް އުފާވެރިކަން ލިބުމުގެ އިތުރަށް، އޭނާގެ ހިތުގައި ފިރިމީހާއަށް އޮންނަ ޤަދަރާއި އިޙްތިރާމް އެތައް ގުނައަކަށް ބޮޑުވެގެންދާނެއެވެ.
ކުށްތައް ފަލީޙަތްނުކުރުމާއި، ރަނގަޅު ކަންކަމަށް އިސްކަންދިނުން:
އަބަދު ގޯސްކޮށް ކުރެވޭ ކަންކަމުގައި ހިފައި، އެ ވާހަކަ ތަކުރާރުކޮށް ދެއްކުމަކީ ކައިވެނި ރޫޅުމަށް މަގުފަހިވާނެ ކަމެކެވެ. އަދި މިއީ މާތްﷲ ނުރުއްސަވާ އަމަލެކެވެ. މީހުންގެ ތެރޭގައި އަނބިމީހާގެ ކުށްތައް ފަލީޙަތްކުރުމުގެ ބަދަލުގައި، ދެމީހުން އެކަނި ތިބޭ ވަގުތެއްގައި އޯގާތެރިކަމާއި މަޑުމައިތިރިކަމާ އެކު ވިސްނައިދިނުމަކީ އެންމެ ރީތި ގޮތެވެ.
ގޭތެރޭގެ މަސައްކަތުގައި އެހީތެރިވެ، ހަދިޔާ ދިނުން:
ކޮންމެ ދުވަހަކު އެއް މަސައްކަތްތަކެއް ކުރުމަކީ ފޫހިވެ ވަރުބަލިވާނެ ކަމެކެވެ. އެހެން ނަމަވެސް ޝަކުވާއަކާ ނުލައި އަނބިން އެކަންކަން ކުރަމުންދާއިރު، އެކަމުގެ ޝުކުރެއްގެ ގޮތުން ގޭތެރޭގެ މަސައްކަތުގައި އެހީތެރިވެދިނުމަކީ މާތް ނަބިއްޔާ ވެސް ކުރެއްވި ސުންނަތެކެވެ. މީގެ އިތުރުން ހަދިޔާ ދިނުމަކީ ވެސް ދެމެދުގައި ލޯބި އާލާވާނެ ކަމެކެވެ.
އަގުވަޒަންކޮށް އިޙްތިރާމްކުރުން:
އަނބިމީހާއަކީ ފިރިމީހާގެ ނޯކަރެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާ ކުރާ ބުރަ މަސައްކަތްތައް ބަލައިގަނެ، އެކަމުގެ އަގުވަޒަންކުރަންވާނެއެވެ. އިންސާނަކަށް ވީތީ އަނބިމީހާގެ ވެސް އިޙްސާސްތަކެއް ހުންނާނެކަން ދަނެގަނެ، އޭނާއަށް ފުރިހަމައަށް އިޙްތިރާމްކުރުން މުހިންމެވެ.
ވަގުތުދީ، ވާހަކަ އަޑުއެހުން:
ދިރިއުޅުމުގެ ކަންކަމުގައި ފިރިހެނުން އަބަދު ބުރަކޮށް އުޅެންޖެހުނު ކަމުގައިވިޔަސް، އަނބިމީހާއަށް ވަގުތު ހުސްކުރުމަކީ މުހިންމު ކަމެކެވެ. މަސައްކަތުގައި ބިޒީކޮށް އުޅެމުން ވެސް ވަގުތުކޮޅެއް ހޯދައި، އަނބިމީހާ ދައްކާ ވާހަކަތައް އަޑުއެހުމަށް ސަމާލުކަން ދިނުމަކީ ގުޅުން އިތުރަށް ވަރުގަދަކޮށްދޭނެ ކަމެކެވެ.
ހެޔޮ ދުޢާކުރުން:
އަނބިމީހާގެ އުފާވެރިކަމަށް އެދި ނަމާދުކޮށް، މާތްﷲ ގެ ޙަޟްރަތުގައި ދުޢާދެންނެވުމަކީ ފިރިއަކަށް ކުރެވޭނެ އެންމެ މަތިވެރި އެއް ކަންތަކެވެ. އެއް އިންސާނަކަށް އަނެއް އިންސާނާއަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ހެޔޮ ދުޢާއެވެ. ގޭތެރެ ބަލަހައްޓައިދޭ މީހެއްގެ ހައިސިއްޔަތުން އޭނާގެ ދުޅަހެޔޮ ޞިއްޙަތަށް އެދި ދުޢާކުރަންވާނެއެވެ.
އޯގާތެރިވުމާއި ހިތްހެޔޮކަން އިސްކުރުން:
ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ)އަކީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ނުހަނު އޯގާތެރިކަމާ އެކު ހިތްހެޔޮކޮށް ކަންތައް ކުރެއްވި ބޭކަލެކެވެ. އިސްލާމްދީނުގައި އަންގަވާފައި ވަނީ މަންމައެކޭ އެއްފަދައިން އަނބިމީހާއާ މެދު ވެސް އިންސާފުވެރިކަމާ އެކު ހެޔޮކޮށް ހިތުމަށެވެ.