މި އަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 20އަށް އަރައިފި
މި އަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 20އަށް އަަރައިފިއެވެ.
މި އަހަރު ރާއްޖޭގައި ހިމަބިހީގެ އައުޓްބްރޭކެއް އައީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން ދިޔައީ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނީ ނިމިގެން ދިޔަ ހަފްތާވެސް މާލެ ސަރަހައްދުން ހިމަބިހީގެ ފަސް ކޭސް ފެނުނު ކަމަށެވެ. އަދި އެއާއެކު މި އަހަރު ހިމިބިހި ފެނުނު މީހުންގެ އަދަދު 20އަށް އަރާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ހިމަބިހި އިތުރުވަމުންދާތީ އެ ބަލި ކޮންޓްރޯލްކުރަން ހިމަބިހީގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަ ނުކުރާ މީހުންގެ ގަޔަށް ވެކްސިން ޖަހަން ވެސް ހެލްތު މިނިސްޓްރީން މިހާރު ވަނީ ނިންމައިފައެވެ. އިންޑިއާއިން ވަނީ އެކަމަށް ބޭނުންވާ ވެކްސިން ޑޯޒްތައް ދާދި ފަހުން ރާއްޖެއަށް ހަދިޔާވެސްކޮށްފައެވެ.
ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާ އެކު ފެތުރޭ މި ބައްޔަކީ "މީސްލްސް"ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ސިއްޙީ ތަޖުރިބާކާރުން ބަޔާންކުރައްވާ ގޮތުގައި، ބަލިމީހާ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކުގައި އުޅޭ މީހުންގެ ތެރެއިން ނުވަދިހަ އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ބަލިމީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ވައިރަސް ވާސިލު ވަނީ ހަށިގަނޑުން ބިހިތައް ފާޅުވުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، ބިހިތައް ނަގާތާ ހަތަރު ފަސް ދުވަސް ފާއިތުވަންދެން އޮންނަ މުއްދަތުގެ ތެރޭގައެވެ.