މެޑަމް ސާޖިދާ ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ފައްޓަވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު "ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މުބާރާތުގެ ރަސްމީ ބޯޅައިގައި ސޮއިކުރައްވައި މި ޗެމްޕިއަންޝިޕް ފައްޓަވައިދެއްވުމަށް ފަހު، އެކަމަނާ ވަނީ ފުރަތަމަ މެޗުގައި ކުޅުނު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވާފައެވެ. ފުރަތަމަ މެޗުގައި ވާދަކުރީ ޖަމާލުއްދީން ސްކޫލާއި ހުރަވީ ސްކޫލެވެ. ހަތް މިނެޓުގެ ހަތަރު ކުއާޓަރަށް ކުޅުނު މި މެޗު ތިން ޕޮއިންޓް ތޭވީސް ޕޮއިންޓުން ކާމިޔާބުކުރީ ހުރަވީ ސްކޫލުންނެވެ. އަދި މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ މެޗް" ގެ މަޤާމް ހޯދި ހުރަވީ ސްކޫލްގެ އާމިނަތު ތުޤާއަށް އިނާމު ޙަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކުރާ މި މުބާރާތަކީ، ކުރިން 'އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓް' ގެ ނަމުގައި ބާއްވަމުން އައި މުބާރާތެވެ. އަލަށް ބްރޭންޑްކޮށްގެން ފެށި މި ފަހަރުގެ މުބާރާތުގައި މައިގަނޑު ދެ އުމުރުފުރާއަކުން ކުދިން ވާދަކުރާނެއެވެ. އެއީ ފަނަރަ އަހަރުން ދަށުގެ އުމުރުފުރާގެ ސާދަ ޓީމަކާއި ސަތާރަ އަހަރުން ދަށުގެ އުމުރުފުރާގެ އެގާރަ ޓީމެކެވެ.
މި މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން ނެޓްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.