ޚަބަރު

މިހާރުގެ ހާލަތާ ގުޅޭ ގޮތުން ކުރީގެ ތިން ރައީސުންގެ މަންދޫބުން މަޝްވަރާކުރައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮޓޯ: ދައުރު

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުންގެ އިއްތިހާދުން ދެވަނަ ބައްދަލުވުމެއް މި ހަފުތާ ތެރޭގައި ބާއްވައިފިއެވެ.

ކުރީގެ ތިން ރައީސުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ބައްދަލުކުރެއްވީ މެއި 15ގައެވެ.

މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން އަނބުރާ އިޔާދަކުރަން އެކުގައި މަސައްކަތްކުރަން ތިން ލީޑަރުން އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ.

ކުރީގެ ތިން ރައީސުންގެ އިދިކޮޅު ހަރަކާތް ހިންގުމަށް ތިން ރައީސުންގެ މަންދޫބުންގެ ކޮމިޓީއެއް ވެސް ނެންގެވިއެވެ. އެ ކޮމިޓީގައި ކޮންމެ ރައީސެއްގެ ދެ މަންދޫބުން ހިމެނިއެވެ. އޭގެ ފަހުން އެ އިއްތިހާދުގެ މަސައްކަތުގެ އެއްވެސް އަދާހަމައެއް ނުލިބޭތީ ނޫސްވެރިއަކު ސުވާލުކުރުމުން އެ އިއްތިހާދުގެ މީޑިއާ އޮފިޝަލަކު ފޮނުވި މެސެޖެއްގައި ވަނީ މިހަފުތާ ތެރޭގައި ތިން ރައީސުންގެ މަންދޫބުން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"މިހާރުގެ ހާލަތާ ގުޅޭ ގޮތުން ތިން ރައީސުންގެ މަންދޫބުން ވެސް ހިޔާލު ބަދަލުކުރައްވާފައިވޭ"އެ މެސެޖުގައިވެއެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.

އެ ކޮމިޓީގައި ނަޝީދުގެ މަންދޫބުންނަށް ތިއްބަ ވަނީ ފައްޔާޒު އިސްމާއީލާއި، އީވާ އަބްދުﷲއެވެ. ޔާމީންގެ މަންދޫބުންނަށް ތިއްބަ ވަނީ މުހައްމަދު މަލީހު ޖަމާލާއި އިސްމާއިލް ޒަރިޔަންދެވެ. ސޯލިހުގެ މަންދޫބުންނަކީ އަހުމަދު ސަލީމް (ސައްލެ)އާއި، މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.