އައްމަޓީގެ މައްސަލަ މިއަދުވެސް ކެންސަލް
ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ)ގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުން މިއަދުވެސް ކެންސަލްކޮށްފިއެވެ.
ހުޅުމާލޭގައި 3000ހައުސިން ޔުނިޓް އެޅުމަށް 200އަށް ވުރެ ގިނަ މީހުންގެ އަތުން އެތައް މިލިއަން ރުފިޔާ ނަގައި އެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލައިގައި 2021ވަނަ އަހަރު އައްމަޓީގެ މައްޗަށް 42ދައުވާއެއް އުފުލިއެވެ. އެއީ ޖުމްލަ 65އަހަރުގެ ޖަލުގެ ހުކުމެއް އަންނަ ވަރުގެ ދައުވާތަކެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރީލް މަހު ނިންމީ އޭގެން އެއްވެސް ދައުވާއެއް އޭގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
އޭގެ ފަހުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުންވަނީ އެ މައްސަލަ ހައިކޯޓުގަިއ އިސްތިއުނާފްކޮށް އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފައެވެ.
އިސްތިއުނާފްފެ ޝަރީއަތުގެ ފުރަތަމަ އަޑު އެހުން މިދިޔަ މަހު 19ވަނަ ދުވަހު ބޭއްވި ފަހުން ދެވަނަ އަޑު އެހުމެއް ތާވަލުކުރިއެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކުރިއެެވެ.
ހައި ކޯޓުގައި މިއަދު އަލުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް މިއަދުގެ އަޑު އެހުންވެސް ވަނީ ކެންސަލްކޮށްފައެވެ. އޭގެ ސަބަބެއް ހާމައެއް ނުކުރެއެވެ.
އައްމަޓީ މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައުސިން ޔުނިޓްތަކުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
އަދި ފަހުން އޭނާ އުޅުނީ ރާއްޖެއިން ބޭރުގައި ފިލައިގެންނެވެ. އެހެންވެ އޭނާ ހޯދަން 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާއިރު އޭނާ ހައްޔަރުކޮށްފައި ވަނީ 2021ވަނަ ފެބްރުއަރީ މަހު ލަންކާއިން އެވެ. އަދި ދިވެހި ސިފައިން ގޮސް އޭނާ ރާއްޖެ ގެނައީ ޖެހިގެން އައި މަހުއެވެ.
އެ މައްސަލައިގައި އައްމަޓީގެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކުން ކޯޓުގައި ދައުވާ ކުރުމުން އެ ދައުވާކުރި 203މީހުންނާއެކު ކޯޓުން ބޭރުގައި ސެޓުލްމެންޓު އެއްބަސްވުމެއް ހަދައި 45މިލިއަން ރުފިޔާގެ ބަދަލު ކަނޑައަޅައި އެ މީހުންނަށް ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތަކުން ފުލެޓު ގަތުމަށް ފުރުސަތު ލިބޭ ގޮތަށް މައްސަލަ ނިންމާފައިވެއެވެ.