މާލޭގެ ޓްރެފިކް މައްސަލަތަކަށް 2028ގެ ކުރިން ހައްލެއް ގެނެސްދޭނަން: ސައީދު
ގްރޭޓަރ މާލެ ސަރަހައްދުގައި އާންމުންނަށް ކުރިމަތިވެފައިވާ ދަތުރުފަތުރުކުރުމުގެ ދަތިތަކާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހައްލެއް ގެނެސްދެއްވާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި އަލަށް ތައާރަފުކުރި 'މާލެ ޓެކްސީ ލައިން' ގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ މި މައްސަލަތައް ހައްލުކުރުމަށް ކަމާ ބެހޭ ހުރިހާ އިދާރާތަކަކުން މިހާރު އަންނަނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ރައީސްގެ ސީދާ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ޕާކުކުރާނެ ޖާގަ ނެތުމާއި، އެއްގަމު އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ހުރި އުނދަގޫތަކުގެ އިތުރުން މަގުތައް ތޮއްޖެހުން ކުޑަކުރުމަށެވެ.
މި ކަންކަން ހައްލުކުރުމަށް އެކުލަވާލާފައިވާ ހާއްސަ ތަސައްވުރު ވަރަށް އަވަހަށް އާންމުކުރައްވާނެކަން އިއުލާނުކުރައްވަމުން ވަޒީރު ވިދާޅުވީ، މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ބޭރު މަގު އެމްޕީއެލް ސަރަހައްދާ ހަމައަށް ނިމިފައިވާއިރު، ފެރީ ޓާމިނަލާ ހިސާބަށް މަގު ފުޅާކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ.
މުޅި މާލެއާއި ވިލިމާލޭގެ މަގުތައް އެންމެ މަތީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ޗައިނާ ސަރުކާރުން ދީފައިވާ ހިލޭ އެހީގެ ދަށުންނެވެ. މިއީ ރައީސް ޑރ. މުއިއްޒު 2023ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ކަށަވަރުކުރެއްވި 130 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ހިންގާ އެންމެ އިސްކަންދޭ އެއް މަޝްރޫއެވެ. މި މަޝްރޫއު ފެށުމަށްޓަކައި ބޭނުންވާ ފަންނީ ސާވޭތައް މި މަހުގެ ކުރީކޮޅުން ފެށިގެން އަންނަނީ ކުރަމުންނެވެ.
މި ބިޔަ މަޝްރޫއު ނިމުމުން، ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ނިމުމެއް އައުމުގެ އިތުރުން، އުޅަނދުތަކާއި މަގުހިނގާ މީހުންނަށް ރައްކާތެރި އަދި ފަސޭހަ ނިޒާމެއް ގާއިމުވެގެންދާނެއެވެ. މިއާ އެކު ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.