ދިވެހި ފުލުހުންނާއި ލަންކާގެ ގުޅުން ހުރި މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި
ދިވެހި ފުލުހުންގެ ހިދުމަތާއި ސްރީލަންކާގެ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަން، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.
އެގޮތުން އެ ބައްދަލުވުމުގައިއެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރިކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން، މިހާރު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް ސްރީލަންކާއިން ދެމުންދާ އެހީތެރިކަމާ ގުޅޭގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކުރިކަމަށް ފުލުހުން ބުންޏެވެ.
ހަމަ އެހެންމެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ފަންނީ ތަރައްގީއާއި، ފުލުހުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެފަރާތުން ހިޔާލު ބަދަލުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު ވަނީ ސްރީލަންކާގެ ފަރާތުން ދިވެހި ފުލުހުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެފަރާތުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކޮމިޝަނަރު ދެއްވިއެވެ.
ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ތިމުތު ދިސާނަޔަކަ އާއި، ސްރީލަންކާ ހައިކޮމިޝަންގެ ތާރޑް ސެކްރެޓަރީ (އިކޮނޮމިކް އެންޑް ވެލްފެއަރ)މިޒް ނިޝާންތާ ކަމްބުރަދެނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.