ޚަބަރު

"ދަނޑުވެރި މަންފާ" ގްރާންޓުގެ ދެވަނަ ބުރަށް ފުރުސަތު ހުޅުވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އެސްއެމްއީ ޑިޖިޓަލް އާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ދޫކުރާ "އެގްރިބިޒްނަސް މެޗިން ގްރާންޓް" ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުސަތު މިއަދު އާންމުކޮށްފިއެވެ.

"މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)"ގެ ދަށުން ކުރިއަށްގެންދާ މި ސްކީމް ޚާއްސަކޮށްފައި ވަނީ ހއ، ހދ، އަދި ށ. އަތޮޅުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން އެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ޖަމިއްޔާތަކަށެވެ. މިއަދުން ފެށިގެން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ފުރަތަމަ ބުރެކޭ އެއްގޮތަށް މި ފަހަރުގެ ގްރާންޓް ވެސް މުޅިން ޚާއްސަކޮށްފައި ވަނީ 'ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން' ނުވަތަ މޫސުމާ ގުޅޭ ޒަމާނީ އުކުޅުތަކަށެވެ. އޭގެ ތެރޭގައި ހައިޑްރޯޕޯނިކްސް ސިސްޓަމްތަކާއި ގްރީންހައުސް ބޭނުންކޮށްގެން ގަސްހެއްދުން ހިމެނެއެވެ. މި ޕްރޮގްރާމުގެ ތެރެއިން ޝަރުތު ފުރިހަމަވާ ކޮންމެ ފަރާތަކަށް ވެސް ގިނަވެގެން 150،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރާނެއެވެ. އެއީ މަޝްރޫއަށް ހިނގާނެކަމަށް ލަފާކުރެވޭ ޖުމްލަ ޚަރަދުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދެކެވެ.

މި ފައިސާގެ އިތުރުން ޕްރޮޖެކްޓަށް ބޭނުންވާ ބާކީ ފައިސާ އަމިއްލަ ޖީބުން ނުވަތަ "ދަނޑުވެރި ނަފާ" ލޯނު ސްކީމްގެ ތެރެއިން ހަމަޖެއްސުމުގެ އިޚުތިޔާރު އެޕްލިކަންޓުންނަށް ލިބިގެންވެއެވެ. އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދޭ ގޮތުގައި، ދަނޑުވެރި ނަފާ ފައިނޭންސިންގ މެދުވެރިކޮށް ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކަށް ދެ މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ހޯދޭނެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ފާހަގަކުރެއްވި ގޮތުގައި، ހިލޭ އެހީއާއި ފައިނޭންސިންގ ގުޅުވާލައިގެން ހިންގާ މި މޮޑެލްގެ ސަބަބުން ދަނޑުވެރިން އުފުލަންޖެހޭ މާލީ ބުރަ އިންތިހާއަށް ކުޑަވެގެންދާނެއެވެ. އަދި އައު އީޖާދުތަކާ އެކު ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ބިނާކުރުމަށް މިއީ ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ މެޕް ޕްރޮޖެކްޓުގެ ފުރަތަމަ ބުރުގައި ވެސް 15 ދަނޑުވެރިއަކަށް ވަނީ ގްރާންޓް ދޫކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އުތުރުގެ 26 ރަށެއްގައި ފާރމާ ފޯރަމް ގްރޫޕްތައް އުފައްދައި، 12 ރަށެއްގައި ކޮކޯޕީޓް ބޭނުންކޮށްގެން ކަރާ، މިރުސް އަދި ކިއުކަމްބާ ފަދަ ބާވަތްތައް ހައްދާނެ ގޮތުގެ އަމަލީ ތަމްރީނުތައް މިހާރު ވެސް ދަނީ ހިންގަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!