މަޖީދިއްޔާގެ ތާރީޚީ ބިނާ 'ދާރުލްޢުލޫމް' އިހުގެ އަސްލު ފެންނަގޮތަށް ތަރައްޤީކުރަނީ
މަޖީދިއްޔާ ސްކޫލަށް ސަތޭކަ އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، އެ ތަނުގެ ގޯތިތެރޭގައި ހުރި ތާރީޚީ ބިނާ "ދާރުލްޢުލޫމް" އޭގެ އިހުގެ އަސްލު ފެންނާނެހެން މިއަހަރުގެ ތެރޭގައި އަލުން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ، މަޖީދިއްޔާގެ ސައްތަވީ ޙަރަކާތްތައް އިންތިޒާމުކުރާ ސްޓިއަރިންގ ކޮމިޓީގެ ރައީސް އަދި ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު، ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި، ދާރުލްޢުލޫމާއި ކުރިބޯށި ޢިމާރާތަކީ ތަޢުލީމީ ޙަޔާތާ ގުޅިފައިވާ ރާއްޖޭގެ އެންމެ ދުވަސްވީ ދެ އާސާރެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން އިޢުލާނުކުރައްވާފައިވާ ފަދައިން، މި ދެ ޢިމާރާތް ތަރައްޤީކުރެވިގެންދާނީ ދިވެހިރާއްޖޭގެ ތަޢުލީމީ މާޒީއާއި މަޖީދިއްޔާގެ ދިގު ތާރީޚު ދައްކުވައިދޭ "ނެޝަނަލް އެޑިޔުކޭޝަން މިއުޒިއަމް"ގެ ގޮތުގައެވެ.
ސްޓޭޓް މިނިސްޓަރު މަޢުލޫމާތު ދެއްވިގޮތުގައި، އެކި ޒަމާންތަކުގައި ދާރުލްޢުލޫމަށް ގެނެވިފައިވާ ބަދަލުތަކާ ގުޅިގެން އެތަނުގެ އާސާރީ ގިނަ ސިފަތަކެއް ވަނީ ގެއްލިފައެވެ. އެހެންކަމުން، ތަޢުލީމީ ވުޒާރާއާއި، މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ އިތުރުން ކަމާ ބެހޭ އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އެ ޢިމާރާތުގެ ފުރިހަމަކަން އަނބުރާ ގެނެވޭނެއެވެ. މީގެ އިތުރުން، ކުރިބޯށި ޢިމާރާތުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މަޖީދިއްޔާގެ އައު ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުންނެވެ.
މި ތަން ތަރައްޤީކުރުމަށް ފަހު ބޭނުންކުރާނެ ގޮތަކާ ގުޅޭގޮތުން ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، ވަޒީރުގެ އިރުޝާދުގެ ދަށުން، ދާރުލްޢުލޫމް ވެގެންދާނީ އާންމު ރައްޔިތުންނަށާއި ދައުލަތަށް މުހިންމު ކުދި ޙަފުލާތައް ބޭއްވޭ ފެންވަރުގެ ޝަރަފުވެރި އަދި ހިތްގައިމު ހޯލަކަށެވެ.
ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި 1952ވަނަ އަހަރު ބިނާކުރެއްވި "ދާރުލްޢުލޫމް" ނުވަތަ "ތަޢުލީމުގެ ގެ" އަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ބިނާއެކެވެ. އެގޮތުން، 1953ވަނަ އަހަރުގެ ޖެނުއަރީ 1ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާންކޮށް، އަމީން ދީދީ ރައީސްކަމުގެ ހުވާކުރެއްވީ ވެސް މި ތާރީޚީ ހޯލުގައެވެ. 1984ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ދައުލަތުގެ އެންމެހައި ރަސްމީ ބައްދަލުވުންތަކާއި ޖަލްސާތައް ބާއްވަމުން އައީ ވެސް ހަމަ މި ޢިމާރާތުގައެވެ. މިއީ ދިވެހި ތާރީޚު އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށްދިނުމުގެ ގޮތުން ޙިމާޔަތްކުރުން މުހިންމުވެފައިވާ އާސާރީ ބިނާއެކެވެ.
