ޚަބަރު

އީސީގެ މެންބަރުކަމަށް ޝަކީލް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަޤާމަށް، ކުރީގެ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ މުޙައްމަދު ޝަކީލް އައްޔަންކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށް ރުހުން ދީފިއެވެ.

އީސީގެ މެންބަރުކަމަށް ޝަކީލް ހަމަޖެއްސުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅު ދިރާސާކުރުމަށް ފަހު، މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އޭނާއަށް ރުހުން ދިނުމަށް ފެންނަކަމަށް ނިންމި ނިންމުމަށް ބިނާކޮށެވެ. މިއީ އެ ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި ޖާގައެއް ފުރުމަށްޓަކައި ނެގުނު ވޯޓެކެވެ.

މަޤާމަށް ކުފޫހަމަވޭތޯ ބެލުމަށް ކޮމިޓީން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝަކީލް ވަނީ، އޭނާގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދެއްވާނެ ކަމަށާއި، މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާޙައުލެއް ނެތްނަމަ މަޤާމުން ދުރަށް ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އީސީއިން އޭނާ އިސްތިއުފާ ދެއްވީ ވެސް މިނިވަން މާޙައުލެއް ނެތުމުގެ ސަބަބުންކަން ޝަކީލް ފާހަގަކުރެއްވިއެވެ.

މިއީ އީސީގެ މެންބަރުކަމާ ޝަކީލް ހަވާލުވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން، 2014ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުން ފެށިގެން 2018ވަނަ އަހަރުގެ މޭ މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަނުގެ މެންބަރުކަން އޭނާ ކުރައްވާފައިވެއެވެ. އޭގެ ކުރިން އޭނާ ވަނީ އެ މުއައްސަސާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ވެސް ފުރުއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!