ޚަބަރު

ސީޝެލްސްއިން ހާމަކޮށްދެނީ އިންޑިއާގެ ޖަޒީރާ ޑިޕްލޮމަސީގެ ކޮން މަންޒަރެއް؟

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ޖިއޯޕޮލިޓިކްސްގައި ކުދި ޖަޒީރާ ޤައުމުތަކަށް ވަނީ ސްޓްރެޓީޖިކް ގޮތުން ބޮޑު ސަމާލުކަމެއް ލިބެން ފަށާފައެވެ. އިންޑިއާއާއި ސީޝެލްސްއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށް، ސީޝެލްސްގެ އައު ރައީސް ޕެޓްރިކް ހަރމިނީ އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުން، ހުޅަނގު އިންޑިއާ ކަނޑުގައި ކަނޑުމަތީގެ ވާދަވެރިކަން އިތުރުވަމުންދާ މިންވަރު ވަނީ ވަރަށް ރަނގަޅަށް ދައްކުވައިދީފައެވެ.

މި ދަތުރުފުޅުގެ ސަބަބުން އިންޑިއާގެ 'މަހާސާގަރު' (މިއުޗުއަލް އެންޑް ހޮލިސްޓިކް އެޑްވާންސްމަންޓް ފޯރ ސެކިއުރިޓީ އެންޑް ގްރޯތު އެކްރޮސް ރީޖަންސް) ތަޞައްވުރުގައި ސީޝެލްސްގެ ދައުރު ފުޅާވަމުންދާކަން ވަނީ ހާމަވެފައެވެ. މިގޮތުން 'ސެސެލް' ގެ ނަމުގައި ގުޅިފައިވާ ތަޞައްވުރެއް އިޢުލާނުކޮށް، ކަނޑުމަތީގެ ސަލާމަތާއި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް 175 މިލިއަން ޑޮލަރުގެ ޚާއްޞަ އިޤުތިޞާދީ ޕެކޭޖެއް ވަނީ ހަމަޖައްސާފައެވެ. ދެ ޤައުމުގެ ގުޅުމަށް ފަސް ދިހަ އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ކަނޑުމަތީގެ ސަލާމަތާއި، ތަރައްޤީގެ ބައިވެރިވުމާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުން ފަދަ ކަންކަމުން ސީޝެލްސްއާއެކު އިންޑިއާއިން ބާއްވާ ޖަޒީރާ ޑިޕްލޮމަސީގެ މިސްރާބު ސާފުވެގެންދެއެވެ.

ކަނޑުމަތީގެ ސަލާމަތް

ސީޝެލްސްގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު (އީއީޒެޑް) އޭގެ އެއްގަމުގެ ބިމަށްވުރެ ބޮޑުވުމުގެ ސަބަބުން، ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކަލަށް އެ ޤައުމު ވަރަށް ބޮޑަށް ހުށަހެޅިފައިވެއެވެ. އެހެންކަމުން ކަނޑުމަތީގެ ސަވައިލަންސްއާއި ކަނޑުފޭރުމާ ދެކޮޅު ޤާނޫނުތައް ހެދުމަކީ މިހާރު ޤައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެކެވެ. މީގެ ރައްދުގައި ސީޝެލްސްއިން ވަނީ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްކާތެރިކަން ހޯދާފައެވެ. ސުޕްރީމް ކޯޓެއް ޤާއިމުކުރުމާއެކު ކަނޑުފޭރޭކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މަގުފަހިވެ، އެ ޤައުމު ވެގެންދިޔައީ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ޤައުމަށެވެ.

'ރީޖަނަލް ފިއުޝަން' އަދި 'ލޯ އެންފޯސްމަންޓް ސެންޓަރ ފޯރ ސޭފްޓީ އެންޑް ސެކިއުރިޓީ އެޓް ސީ' ފަދަ ނިޒާމުތަކުގެ ޒަރީޢާއިން ކަނޑުމަތީގެ ނުރައްކާތަކަށް އަމާޒުކޮށް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކަށަވަރުކޮށްދެއެވެ. ސީޝެލްސްއަކީ ކަނޑުމަތީގެ ޤާނޫނުތައް ތަންފީޒުކުރުމުގައި ސަރަޙައްދީ މުހިންމު ބައިވެރިއެއްކަން ވަނީ ސާބިތުކޮށްދީފައެވެ. ނަމަވެސް 100،000 މީހުންގެ އާބާދީއެއް އޮންނަ ޤައުމަކަށް އަމިއްލަ ޤާބިލުކަން އިތުރުކުރެވޭނީ ވަކި މިންވަރަކަށެވެ. ބޮޑެތި ސަރަޙައްދީ ބައިވެރިން ނުހިމަނައި، ކަނޑުފޭރުމުގެ ނުރައްކާ ކުޑައެއް ނުކުރެވޭނެއެވެ. އިންޑިއާގެ ސްޓްރެޓީޖިކް ދައުރު މި ހިސާބުން މުހިންމުވެއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ކަނޑުގެ ސިފައިން ދަނީ ގަލްފް އޮފް އެޑްންގައި މެދުކެނޑުމެއްނެތި މިޝަންތައް ހިންގަމުންނެވެ. އިންޓަނޭޝަނަލް ޓްރާންސިޓް ކޮރިޑޯތަކުގައި ކަނޑުފޭރުމާ ދެކޮޅަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން އިންޑިއާގެ އޮޕަރޭޝަނަލް ދާއިރާ ފުޅާވެ، ސީ ލޭންސް އޮފް ކޮމިއުނިކޭޝަންސް (އެސްއެލްއޯސީ) ތަކުގެ ސަލާމަތްތެރިކަން ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން 'އިންފޮމޭޝަން ފިއުޝަން ސެންޓަރ-އިންޑިއަން އޯޝަން ރީޖަން' ގެ ދަށުން ވަގުތުން ވަގުތަށް ކަނޑުމަތީގެ މަޢުލޫމާތު ޙިއްޞާކޮށް، ގުޅިފައިވާ ޤައުމުތަކުގެ މެދުގައި އިތުބާރު ވަނީ އުފައްދާފައެވެ.

އިންޑިއާއާއި ސީޝެލްސްއާ ދެމެދު ބޭނުންކުރާ ޕެޓްރޯލް އުޅަނދުފަހަރާއި ޑޯނިއަރ މަތިންދާބޯޓު އަދި ނޭވީ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތުން ރަސްމީ އެއްބަސްވުންތަކަކާ ނުލައި ދެފަރާތުގެ އިތުބާރު ވަނީ ޤާއިމުކޮށްފައެވެ. ހަމައެކަނި ކަނޑުމަތީގެ ސަލާމަތުން ޖިއޯޕޮލިޓިކްސް ދެމެހެއްޓެން ނެތުމާއެކު، އިތުބާރުހުރި ތަރައްޤީގެ ބައިވެރިވުމެއް އޮތުން ވަނީ ލާޒިމުވެފައެވެ.

ތަރައްޤީގެ ބައިވެރިވުން

މުހިންމު އެސްއެލްއޯސީތަކާ ކައިރީގައި އޮތުމުގެ ސަބަބުން ސީޝެލްސްއަށް ވަނީ ދެފުށްކެނޑި ނުރައްކަލަކާ ކުރިމަތިލާންޖެހިފައެވެ. އެ ޤައުމުގެ ޖިއޯޕޮލިޓިކަލް މުހިންމުކަމާ އެއްވަރަށް އިޤުތިޞާދީ ބާރުވެރިކަމެއް ނެތެވެ. ބޭރުގެ އިންވެސްޓްމަންޓްތަކަށް ބަރޯސާވާން ޖެހުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބިރުވެރިކަމުގެ ތެރޭގައި ސީޝެލްސް ފަދަ ކުދި ޖަޒީރާތައް ވަނީ ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ ތެރޭގައި ތާށިވެފައެވެ. އެހެންކަމުން ދެމެހެއްޓެނިވި ތަރައްޤީއާއި އިޤުތިޞާދީ ވިލުންތެރިކަމަކީ ޤައުމީ މަޞްލަޙަތަކަށް ވަނީ ވެފައެވެ. ނަމަވެސް ތަރައްޤީގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި އެކި ބައިވެރިން ހޯދަން ޖެހެއެވެ.

އިންޑިއާއިން މި ސަރަޙައްދުގައި އަދާކުރާ ދައުރުގެ ސަބަބުން، އިންސާނީ ވަސީލަތާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި ސީޝެލްސްއިން އިންޑިއާ ދެކެއެވެ. އިންޑިއާއާއެކު އޮންނަ މުއައްސަސީ ގުޅުމުގެ ސަބަބުން ސީޝެލްސްއަށް ތަރައްޤީ ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ފަސޭހަވެ، އިންޑިއާގެ 'މަހާސާގަރު' ތަޞައްވުރުގެ މުހިންމުކަން ހާމަވެއެވެ. އެއް މެގަވޮޓްގެ ސޯލާ ޕްލާންޓެއް ހަރުކުރުން ފަދަ އާންމުންނަށް ފައިދާހުރި ކުދި މަޝްރޫޢުތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދެއެވެ. ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އުމްރާނީ ތަރައްޤީގެ ޑިޕްލޮމަސީ ފުޅާކުރަމުންދާ ދަނޑިވަޅެއްގައި، ސީޝެލްސްގެ އިތުބާރު ހޯދުމަކީ އިންޑިއާއަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

ޗައިނާއިން މަރުކަޒީ ފައިނޭންސިންގ މެދުވެރިކޮށް ހަލުވިކަމާއެކު ތަރައްޤީ ގެނެސްދިން ނަމަވެސް، އެކަން ގިނަފަހަރަށް ގުޅިފައި އޮންނަނީ ޗައިނާގެ ދައުލަތުގެ ކުންފުނިތަކާއެވެ. މީގެ ސަބަބުން މުޖުތަމަޢުގެ ބައިވެރިވުން ކުޑަވެ، ޗައިނާއަށް ބަރޯސާވުން އިތުރުވެއެވެ. އިންޑިއާގެ ސައުތު-ސައުތު ކޯޕަރޭޝަންގެ ދަށުން އިންސާނީ ވަސީލަތްތައް ބިނާކުރުމަށް އިސްކަންދޭ ގޮތަކީ ޗައިނާއާ ޚިލާފަށް ސީޝެލްސްއަށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބޭ ފުރުޞަތެކެވެ. މިފަދަ ވާދަވެރިކަމެއްގެ ތެރޭގައިވެސް، ސީޝެލްސްއިން ގެންގުޅޭ ކުދި ދައުލަތްތަކުގެ ސިޔާސަތުގެ ދަށުން، އަމިއްލަ ޤައުމީ މަޞްލަޙަތުތައް ރައްކާތެރިކުރުމާއެކު ބޭރުގެ އެކި ފަރާތްތަކުގެ އެހީ ހޯދައިގެން ތަރައްޤީ މެކުހަށް ޖެހުމަށް މަސައްކަތްކުރެއެވެ. މި ތަރައްޤީގެ މަންފާ ކުރާނީ އެ ޖަޒީރާއަށް މޫސުމީ ބަދަލުތަކާ ކުރިމަތިލެވޭނެ ޤާބިލުކަން ލިބިގެންނެވެ.

މޫސުމީ ބަދަލުތަކަށް ވިލުންތެރިވުން

މޫސުމީ ބަދަލުތަކަކީ ސީޝެލްސް ފަދަ ޖަޒީރާ ޤައުމުތަކުގެ އައްސޭރިފަށުގެ މުޖުތަމަޢުތަކަށް އޮތް ވަރަށް ގާތް ނުރައްކަލެކެވެ. 2023 ވަނަ އަހަރު މާހޭއަށް ކުރި ރެކޯޑު މިންވަރުގެ ވިއްސާރައިގެ ސަބަބުން ޕޯޓް އޮފް ވިކްޓޯރިއާގެ މަސްވެރިކަމާއި ވިޔަފާރިއާއި ފަތުރުވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. ސީޝެލްސް ސަރުކާރުން ވަނީ މޫސުމީ ނާޒުކުކަން ބަލައިގަނެ 'ނޭޝަނަލް ކްލައިމެޓް ޗޭންޖް ސްޓްރެޓެޖީ' އެކުލަވާލާފައެވެ. ސޮވެރިން ބްލޫ ބޮންޑާއި ސީޝެލްސް ކޮންޒަވޭޝަން އެންޑް ކްލައިމެޓް އެޑަޕްޓޭޝަން ޓްރަސްޓް ފަދަ މަޝްރޫޢުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މާލީ އެހީތެރިކަމަށެވެ. ނަމަވެސް މިކަންކަން ވަނީ އެކަހެރިވެފައެވެ. މިކަންކަން ތަންފީޒުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާއިރު، އިންޑިއާގެ ބައިވެރިވުން ވަރަށް މުހިންމެވެ.

ސީޝެލްސްއަށް ބަނދަރުތަކަކީ ދިރިތިބުމުގެ މައި ނާރެވެ. ކޯލިޝަން ފޯރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީޑީއާރުއައި) ގެ ދަށުން އިންޑިއާއިން އިސްނަގައިގެން ކުރިއަށްގެންދާ 'އިންފްރާސްޓްރަކްޗަރ ފޯރ ރެޒިލިއަންޓް އައިލެންޑް ސްޓޭޓްސް' ގެ ތެރެއިން 2025 އިން 2027 އަށް ކުރިއަށްގެންދާ މެރިޓައިމް ރިސްކް އެސެސްމަންޓްތަކުން ނާޒުކު ބަނދަރުތައް ދެނެގަންނާނެއެވެ. މަޤްޞަދަކީ ކުރިމަގުގެ ކާރިސާތަކަށް ސީޝެލްސް ކުރީބައިގައި ތައްޔާރުކުރުމަށް އިންޒާރުގެ ނިޒާމުތަކާއި ފެންބޮޑުވުމުން ރައްކާތެރިވުމުގެ ނިޒާމުތަކަށް މަގުދައްކައިދިނުމެވެ. އިންޑިއާގެ އެހީގައި ސީޝެލްސްގެ ބަނދަރުތަކުގެ ވިލުންތެރިކަން އިތުރުކޮށް، މުހިންމު އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރެވޭނެއެވެ. އިންޑިއާގެ 'މަހާސާގަރު' ތަޞައްވުރު ބާރުއަޅަނީ ހަމައެކަނި އެހީ ދިނުމުގެ ބަދަލުގައި ސައުތު-ސައުތު ކޯޕަރޭޝަންގެ ދަށުން މަޢުލޫމާތު ބަދަލުކުރުމާއި ބައިވެރިވުމުގެ މައްޗަށެވެ.

އަޒަމްޕްޝަން އައިލެންޑްސްގައި ދެ ޤައުމު ގުޅިގެން ކޯސްޓް ގާޑު ފެސިލިޓީއެއް ހެދުމާ ގުޅިގެން ސީޝެލްސްގެ އެތެރޭގައި ސިޔާދަތާ މެދު ކަންބޮޑުވުންތަކެއް އުފެދުނެވެ. އެހެންނަމަވެސް އިންޑިއާއިން ވަނީ އެ މައްސަލައިން އަރައިގަނެފައެވެ. ކަނޑުމަތީގެ ސަލާމަތާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް އިންޑިއާއިން ދޭ އަހަންމިއްޔަތުކަމުގެ ސަބަބުން، ސީޝެލްސް ފަދަ ނާޒުކު ޤައުމުތަކަށް އިންޑިއާ ވަނީ އިސްކަންދޭ ބައިވެރިއަކަށް ވެފައެވެ. އިންޑިއާއިން ދަނީ ބްލޫ އިކޮނޮމީއާއި ސީޝެލްސްގެ ސަލާމަތަށް އެހީތެރިކަން ފޯރުކޮށްދީ، އެ ޤައުމުގެ ސްޓްރެޓީޖިކް މަޞްލަޙަތުތައް ލޯކަލް ލެޖިޓިމަސީއާއެކު ހަމަހަމަކުރަމުންނެވެ.

(އިޕްސާ ސާހޫ އަކީ އިންޑިއާގެ ނިއު ދިއްލީގެ އޯ.ޕީ. ޖިންޑަލް ގްލޯބަލް ޔުނިވަރސިޓީގެ ޖިންޑަލް ސްކޫލް އޮފް އިންޓަނޭޝަނަލް އެފެއާޒްގެ ޕީއެޗްޑީ ފެލޯއެއް އަދި 2024 އިން 2026 އަށް އައިސީއެސްއެސްއާރު ޑޮކްޓޯރަލް ފެލޯޝިޕް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ދިރާސާތައް އަމާޒުކުރައްވަނީ ކަނޑުމަތީގެ ސަލާމަތާއި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އިންޑިއާގެ ޑިޕްލޮމަސީއަށެވެ. މި ލިޔުން ޝާއިޢުކޮށްފައިވަނީ ކްރިއޭޓިވް ކޮމަންސް ލައިސަންސްގެ ދަށުންނެވެ. އަދި އެޓްރިބިއުޝަނާއެކު އަލުން ޝާއިޢުކުރެވިދާނެއެވެ.)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!