ދެން ފުރަމަލަ

މުހައްމަދު ނަސީމް: މާފަރުގެ ތާރީޚް ދިރާސާ ކުރުމުގެ މަސައްކަތުގައި އަވަދިނެތި، އައްސަރިބަހާ ސާބަސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މުހައްމަދު ނަސީމްއަކީ ކާކުކަން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނުވަތަ އޭނާއަކީ މާ މަޝްހޫރު މީހަކަށް ވެސް ނުވެދާނެއެވެ. އެހެން ނަމަވެސް މުހައްމަދު ނަސީމަކީ ވަރަށް ބުރަ މަސައްކަތެއް ކުރައްވަމުންދާ މީހެކެވެ. އެ މަސައްކަތުގެ އަގު އަޅުގަނޑުމެން އެންމެން ވެސް އަދާކުރަން ޖެހޭ މަސައްކަތެކެވެ.

Ads by STELCO

ގައުމެއްގެ އެންމެ ބޮޑު އެއް ރައުސްމާލަކީ އެގައުމެއްގެ ތާރީޚު ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ. އެގޮތުން ކޮންމެ ރަށެއް ނުވަތަ ގައުމެއް ނަމަވެސް ތާރީޚެއް އޮންނާނެކަން ގައިމެވެ. މުހައްމަދު ނަސީމް ކުރަމުން އެގެންދާ މަސައްކަތަކީ އެއީއެވެ. އޭނާގެ އުފަންރަށް ނ.މާފަރުގެ ތާރީހު ދިރާސާކޮށް، އެވާހަކަތައް މީހުންނަށް ކިޔައިދިނުމުގައި އޭނާ އުޅެނީ އަވަދިިނެތިއެވެ.

ތާރީހު ދިރާސާކު ރުމުގެ ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟

މުހައްމަދު ނަސީމް އަކީ މިއަދު ނ.މާފަރުގެ ދިވެހި ޓީޗަރެކެވެ. މާފަރުގެ ގިނަ ބަޔަކު އޭނާއާ މުހާތަބު ކުރުމުގައި ބޭނުންކުރާ ނަމަކީ "މޯޑު ސަރ"އެވެ. މޯޑު ސަރ ތާރީހު ދިރާސާ ކުރުމުގެ ޝައުގުވެރިކަން އުފެދުނީ ކިހިނެއްތޯ މޯޑު ސަރ އާ ސުވާލު ކޮށްލީމެވެ. ޖަވާބު ފަށަމުން މޯޑު ސަރ އައު ކުރީ، 2012 ވަނަ އަހަރު ހަނދާނެކެވެ. އޭނާ ދިވެހިބަހުގެ ޑިގްރީއަށް ކިޔަވަމުން ދިޔަ ދުވަސްވަރުގެ ހަނދާނެކެވެ.

މާޒީގެ ސަފްހާތައް ދެންއާ ހިއްސާ ކުރަމުން މޯޑު ސަރ ބުނީ، ތާރީހު ދިރާސާ ކުރުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނީ އެ ދުވަސްވަރު ކަމަށެވެ، އެގޮތުން އެ ކޯހުގައި ތާރީހު ވަކި މޮޑިއުލްތަކެއްގެ ގޮތުގައި ކިޔަވައިދިން ކަމަށް މޯޑުސަރ ބުންޏެވެ.

އެގޮތުން ގަދީމީ ތާރީހުގެ ވަކި މޮޑިއުލްއެއް މޯޑު ސަރމެން އެ ކޯހުގައި ކިޔެވިއެވެ. އެގޮތުން، ނ،މާފަރާ ވަރަށް ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ނ.ލަންދޫ އަކީ ވަރަށް ގަދީމީ ތާރީހެއް އޮންނަ ރަށެއްކަން އެ މޮޑިއުލް އިން އެނގިގެން ދިޔަ ކަަމަށް ފާހަގަ ކުރިއެވެ. އެގޮތުން ރާއްޖެ އިސްލާމް ވުމުގެ މާ ކުރީގައި ވެސް އެ ރަށުގައި މީހުން ދިރިއުޅުނު ކަމުގައި ފާހަގަ ކުރިއެވެ.

"ރާއްޖެ އިސްލާމްވީ 12 ވަނަ ގަރުނުގަ. 6 ވަނަ ގަރުނުގައި ވެސް  އެތާ މީހުން އުޅުނު ކަމުގެ ހެކި އެބަހުރި. ރާއްޖޭގެ އެންމެ ދުވަސްވީ ލިޔުން ފެނުނީ އެ ރަށުން. ލަންދޫ އިން. މިހާރު ވެސް ވާނެ ދާރުލް އާސާރުގައި. ގަލެއް އެއީ"

މޯޑު ސަރ ބުނީ، އެހާވަރުގެ ބޮޑު ތާރީހެއް އޮތް ރަށަކާ ނުހަނު ކައިރީގައި އަމިއްލަ ރަށް އޮތްއިރު، މާފަރަކީ އަދި މާ ބޮޑު ބިޔަ ރަށެއް ކަމަށެވެ. އެހެން ކަމުން މާފަރުގައި ވެސް އެހާ ގަދީމީ ތާރީހެއް އޮތުމަކީ ގާތް ކަމެއް ކަމުގައި މޯޑު ސަރ ފާހަގަ ކުރިއެވެ. އެހެން ނަމަވެސް ރަސްމީ އެއްވެސް ލިޔުމަކުން މިހާތަނަށް ވެސް އެކަހަލަ އެއްވެސް ކަމެއް އެނގެން ނެތް ކަމުގައި ވެސް މޯޑު ސަރ ބުންޏެވެ.

ތަރިކަ ފޮތުގައި ވެސް އޮންނަނީ ހަމަ އެކަނި މާފަރުގައި އަކިރި ފުންޏެއް/ގައު ފުންޏެއް ހުންނަ ވާހަކަ އެކަނި ކަމުގައެވެ. އެހެން ނަމަވެސް އެ ގައު ފުންޏާއި ބެހޭ ގޮތުން މައުލޫމާތު އެނގޭ މީހަކު މާފަރުގައި ނެތްކަމަށް  މޯޑު ސަރ ބުންޏެވެ. އަދި އެކަމުން ވެސް، މާފަރުގެ ތާރީހަށް މާބޮޑަށް މީގެ ކުރިން އަޅާލެވިފައި ނުވާކަން ހާމަވާ ކަމުގައި މޯޑު ސަރ ފާހަގަ ކުރިއެވެ.

އެ ކަންތައްތައް މިއަދުގެ ޖީލުތަކަށް ގެނެސް ދިނުމަށް މޯޑު ސަރ އަޒުމު ކަނޑައެޅީ އެހިސާބުންނެވެ. ނ.މާފަރުގެ ތާރީހު ރަށުގެ ރައްޔިތުންނަށް ފޯރު ކޮށްދޭން މޯޑު ސަރ އަޒުމު ކަނޑައެޅީ ވެސް އެހިސާބުންނެވެ.

ނ.ލަންދޫ ހައްކަ ސަރަހައްދު

ތާރީހު ދިރާސާ ކުރުމުގެ ތެރޭގައި ދިމާވި އެންމެ "އިންޓްރެސްޓިން" ކަންތައް

ތާރީހު ދިރާސާ ކުރުމަކީ ވަރަށް ބޮޑު މަސައްކަތެކެވެ. ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ކުރާ ކަމެކެވެ. އެހެން ނަމަވެސް އެ ކަމަކީ ވަރަށް ޝައުގުވެރި، ވަރަށް ގިނަ އައު ކަންތައްތަކެއް ދަސްވެގެން ވެސް ދާނެ ކަމެއް ކަން ޔަގީނެވެ. އެގޮތުން، މާފަރުގެ ތާރީހު ދިރާސާ ކުރުުމުގައި ދިމާވި އެންމެ "އިންްޓްރެސްޓިންގް" ކަމަކީ ކޮބާތޯ އަޅުގަނޑު މޯޑު ސަރއާ ސުވާލު ކޮށްލީމެވެ.

މޯޑު ސަރ ބުނީ، ޝައުގުވެރިވާ އެތައް ކަމަކާ ކުރިމަތިވެފައި އެބަހުރި ކަމަށެވެ. މޯޑު ސަރ ފާހަގަ ކުރީ މީގެ ކުރިން މާފަރާ ބެހޭގޮތުން މާގިނަ މައުލޫމާތުތަކެއް، ނުވަތަ ވާހަކަ ތަކެއް ގިނަ ބަޔަކަށް އެނގިފައި ނުވާ ކަމެވެ. އެހެން ނަމަވެސް މޯޑު ސަރގެ ބުރަ މަސައްކަތުން މިއަދު ހަމަ ހަގީގަތުގައި ވެސް ވަނީ މާފަރުގެ ހޯދިފައިނުވާ އެތައް ކަމެއް ދިރާސާކޮށް ހޯދާފައެވެ. މީގެ ކުރިން މީހަކަށް ނޭނގޭ އެތައް ކަމެއް ވެސް މޯޑު ސަރ ވަނީ ދިރާސާ ކޮށްގެން ދެނެގަނެފައެވެ.

އެގޮތުން "އުތުރު ގަޑުބަޑު"ގެ ވާހަކަ މޯޑު ސަރ ހިއްސާ ކުރިއެވެ. އެގޮތުން ބޮޑުތަދު ދުވަސްވަރު ކުޅުދުއްފުށިން ރާވައިގެން އުތުރުގެ ހުރިހާ ރަށަކުން މާލެއަށް އުތުރުގަޑުބަޑުގެ ނަމުގައި ބަޣާވާތް ކުރުމަށް މީހުން އަންނަ ވާހަކަ ތާރީހުގައި އޮންނަ ކަމަށް މޯޑު ސަރ ބުންްޏެވެ. އުތުރުގެ ހުރިހާ ރަށަކުން ބައިވެރިވެގެން ކުރި މި ކަންތަކުގައި އެކި ރަށްރަށުގެ މީހުންނަށް އަދަބު ލިބުނެެވެ. އޭގެ ތެރޭގައި ނ.އަތޮޅު ބައެެއް ރަށްތަކުގެ މީހުން ވެސް ހިމެނެއެވެ. ނަމަވެސް މާފަރުގެ ވާހަކަ އެއްވެސް ގޮތަކަށް އެވާހަކައިގައި އައިސްފައެއް ނުވެއެވެ.

އެހެންކަމުން އުތުރުގެ ހުރިހާ ރަށަކުން ކުރި އެހާ ބޮޑު ކަމެއްގައި މާފަރުން ބައިވެރި ނުވަނީތޯ މޯޑު ސަރގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި އެކަންތައް ދިރާސާ ކުރުމުގެ ޝައުގު ހިތުގައި އުފެދުނެވެ. އެ މަސައްކަތް މޯޑު ސަރ ފެށިއެވެ. އެ މަސައްކަތުގައި އުޅުމުގެ ތެރޭގައި އުތުރު ގަޑުބަޑުގެ ތަހުގީގުގައި ކޮށްފައިވާ ސުވާލުތައް ދިވެހި ޑައިޖެސްޓުން ފެނުނު ކަމަށް މޯޑު ސަރ ކިޔައިދިނެވެ. އޭގައި މާފަރު މީހުންގެ ވާހަަކަ އޮތް ކަމުގައިވެސް މޯޑު ސަރ ބުންޏެވެ. އޭގައި މާފަރުގެ އޭރުގެ ކަތީބުގެ ވާހަކަ ލިޔެފައި އޮތެވެ.

މާފަރުގެ އެއްވެސް މީހަކަށް އަދަބު ނުލިބި އެ މައްސަލައިގައި ސަލާމަތްވީ ކިހިނެެއްތޯ މޯޑު ސަރ ދިރާސާ ކުރިއެވެ. ކުރި ދިރާސާއިން އެނގުނީ އޭރު މާފަރުގެ ކަތީބު އެކަމަށް ފަންޑިތައެއް ހެދީ ކަމެވެ. އޭނާ ހެދި ފަންޑިތައިގެ ސަބަބުން ތަހުގީގު ކުރަން މާފަރަށް ދިޔަ މީހުންވެސް އަނބުރާ މާލެއަށް ދިޔައީއެވެ.

އުތުރު ގަޑުބަޑުގެ ފޮޓޯއެއް، ފޮޓޯ: އަވަސް

މާފަރުގެ ތާރީހު ދިރާސާ ކުރުމުގައި ހުރި ގޮންޖެހުމަކީ ކޮބާ؟

ދިރިއުޅުމުގައި ކުރާ ކޮންމެ ކަމެއްގައިވެސް ގޮންޖެހުންތަކެއް ހުންނާނެ ކަން ޔަގީނެެވެ. އަދި ތާރީހު ދިރާސާ ކުުރުން ފަދަ މަސައްކަތެއް ކުރުމަކީ ފަސޭހަ ކަމެެއް ނޫނެވެ. މާފަރުގެ ތާރީހު ދިރާސާ ކުރުމުގައި ދިމާވާ އެންމެ ބޮޑު ދަތި ކަމަކީ ނުވަތަ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ އަޅުގަނޑު މޯޑު ސަރއާ ސުވާލު ކޮށްލީމެވެ.

މޯޑު ސަރ ބުނީ ތާރީހު ދިރާސާ ކުރުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނުލެއް މާ ލަހީ ކަމުގައެވެ. 2012 ވަަނަ އަހަރަކީ ހަގީގަތުގައި ވަރަށް ފަސް ކަމަށާއި ކުރިން މާފަރުގައި ހިނގާފައިވާ ކަންތައްތައް ކިޔައިދެވޭނެ ވަރުގެ ދުވަސްވީ މީހުން އޭރު ވެސް މި ދުނިޔެއާ އަލްވަދާއު ކިޔާފައިވާ ކަމަށެވެ. އެހެންކަމުން ކުރީގައި ހިނގާފައިވާ ކަންތައްތައް ކިޔައިދެވޭނެ ވަރުގެ އިސްރަށްވެހިން މާފަރުގައި މިއަދު ވަރަށް މަދެވެ. އެފަދަ ހަރު ކުލައިގެ އުޅެނީ ދެތިން މީހެކެވެ.

އިސްރަށްވެހިންގެ އެ ޖީލު މިއަދު ދުނިޔޭގައި ނެތުމަކީ ތާރީހު ދިރާސާކޮށް ކުރީގައި ހިނގާފައިވާ ކަންތައްތައް ހޯދަން ވަރަށް ދަތިތަކާ ކުރިމަތިވާ ކަމެއް ކަމުގައި މޯޑު ސަރ ފާހަގަ ކުރިއެވެ. އަދި މޯޑު ސަރ އަކީ މާފަރު މީހެއް ނަމަވެސް އޭނާ އުޅެ ބޮޑުވީ މާލޭގައެެވެ. އެހެންކަމުން އެކަންތައް ވެސް ވެގެންދަނީ ވަރަށް ބޮޑު ގޮން ޖެހުމަކަށެވެ.

ދެން އޮތް ގޮންޖެހުމަކީ މާފަރުގެ ތާރީހު މީގެ ކުރިން ދިރާސާ ކޮށްފައި ނެތް ކަމެވެ. ދިވެހި ތާރީހު ފޮތް ތަކުންވެސް މާފަރުގެ ވާހަކަ ފެންނަން ނެތް ކަމެވެ. އެހެން ނަމަވެސް އެތަންތަނުގައި މާފަރުގެ ވާހަކަ ނެތުމަކީ މާފަރުގެ ތާރީހެއް ނެތުން ކަމުގައި ގަބޫލު ކުރެވޭކަށް ނެތެވެ. އެހެނީ ދުވަހަކަށްވުރެ ދުވަހެއް މޯޑު ސަރ ދަނީ މާފަރުގެ ތާރީހުން އެތައް ވާހަކައެއް ހޯދަމުންނެވެ.

މާފަރުގެ މުދިމުކަން ގިނަ ދުވަސްތަކެއް ވަަންދެން ކުރެއްވި އަބޫބަކުރުއާ މޯޑު ސަރ ސުވާލު ކުރަނީ

އެކެޑެމީގެ ރައީސް އަޝްރަފަށް ހާއްސަ ޝުކުރެއް

ތާރީހު ދިރާސާ ކުރުމުގައި މޯޑު ސަރ މިހާރު ވަނީ ގާތްގަނޑަކަށް 8 ވަރަކަށް އަހަރު ހޭދަ ކޮށްފައެވެ. މި ހޭދަވީ 8 އަަހަރު ދުވަހުގެ ތެރޭގައި ގިނަ ބައެއްގެ ފަރާތުން އެހީތެރިކަން މޯޑު ސަރ އަށް ވަނީ ލިބިފައެވެ. އެގޮތުން މޯޑު ސަރ ތާރީހު ދިރާސާކުރަން ފެށި ދުވަސްވަރު ދިވެހިބަހުގެ އެކެޑެމީ އިން ތާރީހު ވޯކްޝޮޕެއް ކުރިއަށް ގެންދިޔަކަން މޯޑު ސަރ ފާހަގަ ކުރިއެވެ. އަދި ވޯކް ޝޮޕްތަކުން އެކެޑެމީގެ ރައީސް އަޝްރަފް ޢަލީއާ ބައްދަލުވިކަމަށް ބުންޏެވެ.

އަޝްރަފް ސަރ އަކީ ވަރަށް ހިތްހެޔޮ، ކުރިއަށް ދިއުމުގައި ވަރަށް އެހީތެރިވި މީހެއް ކަމުގައި މޯޑު ސަރ ފާހަގަ ކުރިއެވެ. އެގޮތުން، އެކެޑެމީ ތެރެއިން ލިބެން ހުރި ހުރިހާ މައުލޫމާތެއްހެން މޯޑު ސަރއަށް އަޝްރަފް ހޯދައި ދިނެވެ. އަދި ތާރީހު ދިރާސާ ކުރުމަށް ދާނެ މަގުތައް މޯޑު ސަރއަށް އަޝްރަފް ކިޔައި ދެއްވިއެވެ. މިވެނި މައުލޫމާތެއް އެންމެ ފަސޭހައިން ލިބޭނީ އެވެނި ބޭފުޅެއްގެ ގާތަށް ދިއުމުން ކަމަށާއި އެވެނި މައުލޫމާތެއް އެންމެ ފަސޭހައިން ލިބޭނީ މިވެނި ބޭފުޅެއްގެ ގާތަށް ދިއުމުން ކަމުގައި އަޝްރަފް ކިޔައިދެއްވިއެވެ.

އެދުވަސްވަރު ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ތާރީހު އިލްމުވެރިން ކަމަށްވާ މުހައްމަދު ވަހީދު (ނަދުވީ) އާއި ނަސީމާ މުހައްމަދު މެން ފަދަ ބޭފުޅުންނާ މޯޑު ސަރއާ ބައްދަލުވާނެ މަގު ވެސް އަޝްރަފް ތަނަވަސް ކޮށްދެއްވިއެވެ.

ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ

ބޭނުންވަނީ މާފަރުގެ ތާރީހު ފޮތެއް ނެރެން

ކޮންމެ މީހަކުވެސް ކޮންމެ ކަމެއްވެސް ކުރަން ފަށާނީ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެންނެވެ. މޯޑު ސަރ ވެސް މާފަރުގެ ތާރީހު ދިރާސާ ކުރަން މަސައްކަތް ފެށީ ވަރަށް ބޮޑު އުއްމީދަކާއެކުގައެވެ. ވަރަށް ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. މިއަދު މޯޑު ސަރ އެ ދަނީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

މޯޑު ސަރގެ އަމާޒަކީ މާފަރުގެ ތާރީހު ދިރާސާކޮށް އެކަމާ ބެހޭ ފޮތެއް ލިޔެ ޝާއިއު ކުރުމެެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި މޯޑު ސަރ ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެއެވެ.

މާފަރުގެ ތާރީހު ދިރާސާ ކޮށް އެވާހަކަތައް މީސްމީޑިއާގައި ހިއްސާ ކުރުމަށް "ހިސްޓޮރީ އޮފް މާފަރު"ގެ ނަމުގައި މޯޑު ސަރ ދަނީ ޕޭޖެއް ވެސް ހިންގަމުންނެވެ. އެ ޕޭޖުގައި ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރަމުން ދެއެވެ.

ފޮތެއް ނެރުމުގެ ކުރިން އެ މައުލޫމާތުތައް ޕޭޖެއްގައި ހިއްސާ ކުރަމުންދާ ސަބަބުވެސް މޯޑު ސަރ ކިޔައިދިނެވެ. އެގޮތުން، 2014 ވަނަ އަހަރު ނަސީމާ މުހައްމަދުގެ އަރިހަށް ޒިޔާރަތެއް ކުރި ވާހަކަ ކިޔައިދިނެވެ. އަދި މޯޑު ސަރގެ އަމާޒަކީ ކޮބައިތޯ ނަސީމާ ސުވާލު ކުރެއްްވި ކަމަށް ބުންޏެވެ. މޯޑު ސަރގެ ޖަވާބަކަށްވީ މާފަރުގެ ތާރީހާ ބެހޭ ފޮތެއް ލިޔެ ޝާއިއު ކުރުން ކަމުގައެވެ.

ނަސީމާ އެ ދުވަހު މޯޑު ސަރ އަށް ނަސޭހަތެއް ދެއްވިއެވެ. އެގޮތުން، ތާރީހު ދިރާސާ ކުރުމަކީ ވަރަށް ގިނަ ވަގުތު ނަގާ ކަމެއްކަން ނަސީމާ މޯޑު ސަރ އަށް ވިސްނައި ދެއްވިއެވެ. އެހެންކަމުން ރަށެއްގެ ތާރީހުގެ މައްޗަށް ބޮޑު ފޮތެއް ލިޔެ ތައްޔާރު ކުރުމަކީ ވަރަށް ގިނަ ދުވަސް ނަގާނެ ކަމެއް ކަމުގައި ނަސީމާ ވިދާޅުވިއެވެ. އަދި އަބަދުވެސް ދިރާސާ ކުރެވޭ ވަރަކުން ލިޔަމުން ހިއްސާ ކުރަމުން ދިއުމަށް ނަސީމާ ނަސޭހަތް ދެއްވިއެވެ،

އެހިސާބުން މޯޑު ސަރ ނިންމީ ވަކި ތާރީހެއްގައި ފޮތް ނެރުމަށް ކަނޑައެޅި ކަނޑައެޅުން ދޫކޮށްލުމަށެވެ. އެެގޮތުން 2020ގައި ފޮތް ނެރެން އޭރު ބޭނުންވި ނަމަވެސް މިއަދު މޯޑު ސަރ ބޭނުންވަނީ ހިތްހަމަ ޖެހޭ ވަރަށް ދިރާސާކޮށް ނިމުމުން ފޮތެއް ނެރޭށެވެ.

ދިވެހިރާއްޖޭގައި ވަކި ރަށެއްގެ ތާރީހާ ބެހޭ ފޮތެއް ނެރެވިފައިވަނީ އެންމެ ރަށަކާ ބެހޭ ގޮތުންނެވެ. އެއީ ފ.ނިލަންދޫއެވެ.

މާފަރުގެ ރައްޔިތުންނަށް ހާއްސަ ޝުކުރެއް

މޯޑު ސަރ އެންމެ ފުރަތަމަ ތާރީހު ދިރާސާ ކުރަން ފެށި ދުވަސްވަރު މީހެއްގެ ގާތުގައި ސުވާލެއް ކުރި ނަމަވެސް ވަރަށް ގިނައިން ޖަވާބު ދޭން ދެކޮޅު ހަދައެވެ. ސަމާސާ ކުރަނީ ކަމަށް ހީކޮށެވެ. އިސް ރަށްވެއްސެއްގެ ގާތުގައިވެސް މިވެނި ކަމެއް ކިޔައިދޭށޭ ބުނުމުން އެމީހުންނަށް ހީވަނީ އެ އުޅެނީ ކޮންމެވެސް ސަކަރާތެއް ޖަހަން ކަމަށެވެ. އަދި ގަބުރުސްތާނަށް ވަދެ މަހާނަތައް ފޮޓޯ ނަގައި ވަލު ތެރެއަށް ވަދެ ތަންތަން ބަލައި ހަދަން އުޅެން ފެށުމުން އެ ދުވަސްވަރު ކޮންމެވެސް ވަރަކަށް ރައްޔިތުންގެ ނުރުހުން ވެސް މޯޑު ސަރ އަށް އަމާޒު ވިއެވެ.

އެހިސާބުން، ތިމަންނާ އަކީ ވަކި ކަމެއް ހާސިލުކުރަން އުޅޭ މީހެއްކަން މާފަރުގެ ރައްޔިތުންނަށް އަންގައިދޡޭން މޯޑު ސަރ ބޭނުންވިއެވެ. އެންމެ ފުރަތަމަ، "ހިސްޓްރީ އޮފް މާފަރު" ޕޭޖް ހަދަން މޯޑު ސަރ ނިންމީ ވެސް މި ސަބަބަށް ޓަކައެެވެ. ޕޭޖު ހަދައިގެން މާފަރުގެ ތާރީހާ ބެހޭ ގިނަ ވާހަކަތަކެއް އެ ޕޭޖުގައި މޯޯޑު ސަރ ހިއްސާ ކުރަން ފެށިއެވެ. އެހިސާބުން މާފަރުގެ ގިނަ ފަރާތްތަކަކަށް މާފަރުގެ ތާރީހު ދިރާސާ ކުރުމުގެ މަސައްކަތް މޯޑު ސަރ ކުރަމުންދާ ކަން އެނގެން ފެށިއެވެ.

މާފަރުގެ ޒުވާނުންތަކެއް މޯޑު ސަރއަށް އެހީތެރިވަނީ

މިއަދު މާފަރުގެ މީހަކަށް މަގުމަތިން ކުރީގެ ލާރިއެއް ފެނުނަސް ގެންގޮސް އަވަހަށް އެ ދޭނީ މޯޑު ސަރގެ އަތަށެވެ. އާދަޔާޚިލާފު އެއްޗެއް ތަނަކުން ފެނުނަސް އެއެއްޗެއް މޯޑު ސަރ އަށް ދައްކާނެއެވެ. އެގޮތުން މިހާރުވެސް މާފަރުގެ އެކި މީހުން ގެނެސްދީފައިވާ 20 ވަރަކަށް ފައިސާ ފޮތި އަތުގައި އޮންނާނެ ކަމަށް މޯޑު ސަރ ބުންޏެވެ. އަދި އެކަމާ ނުހަނު އުފާވާ ކަންވެސް ފާހަގަ ކުރިއެވެ.

މާފަރުގެ ތާރީހު ދިރާސާ ކުރުމުގައި މޯޑު ސަރ އާއެކު މާފަރުގެ ޒުވާން ގިނަ ފަހުލަވާނުންތަކެއް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ޒުވާން ކުދިންނާއެކު މޯޑު ސަރ ދަނީ ގިނަ ޕްރޮޖެކްޓުތަކެއް ކުރިއަށް ގެންދަމުންނެެވެ. އެގޮތުން، ވަރަށް އަވަހަށް ވީޑިއޯ ޑޮކިއުމެންޓްރީ ތަކެއް ފެނިގެންދާނެ ކަމަށް މޯޑު ސަރ ފާހަގަ ކުރިއެވެ.

ހިސްޓްރީ އޮފް މާފަރު ޓީމް

ގައުމެއްގެ ނުވަތަ ރަށެެއްގެ ތާރީހު ދިރާސާ ކުރުމަކީ ފަސޭހަ ކަމެެއް ނޫނެެވެ. އެކަމަކީ ނުހަނު ކަވި އެހާމެ ގިނަ ދުވަސް ނަގާ މަސައްކަތެކެެވެ. ގިނަ ގޮންޖެހުންތަކެއް ވެސް ކުރިމަތިވާނޭ މަސައްކަތެކެވެ. އެހެން ނަމަވެސް ކުރިމަތިވާ ގޮންޖެހުންތަކާއި ދިމާވާ ދަތިތަަކާއެކު ވެސް މޯޑު ސަރ އެދަނީ މާފަރުގެ ތާރީހު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. އެކަމަށްޓަކައި މޯޑު ސަރ އަށް އައްސަރިބަހާ ސާބަސް ރައްދު ކުރަމެވެ.

އަޅުގަނޑާއި "ދެން" ޓީމުގެ ފަރާތުން މޯޑު ސަރގެ މަސައްކަތުގައި ކާމިޔާބަށް އެދެމެވެ.

  1. ދިވެހިއްޔާ

    ތާޜިހީީ އިލްމްވެރިންް ފާޙަގަަ ކުރާގޮތުގައިި މާފަރަކީީ އެހާާ ގަދީމިީ ރަށެއްނޫނެވެެ.ތަރީޙުންް އިނގެނީީ ލަންދޫޫ މީހުނަނަށްް ރުއްދަޑުު ބިންް ބިންް މާފަރުންް ދިންކަންް.މިއަދުު މާފަރަކީީ ތާޜީޙީ ރަށެށް.އެއީީ މިލަދުންމަޑުލު ގައޮތްް އެންެމެެ މުހިއްމުު ރަށް