ޚަބަރު

8000އެއްހާ ދަރިވަރުން ގަވައިދުން ސްކޫލަށް ހާޒިރުނުވޭ: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވާހަކަ ދައްކަވަނީ / ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

8000އެއްހާ ދަރިވަރުން މި ދުވަސްވަރު ގަވައިދުން ސްކޫލަށް ހާޒިރުނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ މިދިޔަ އަހަރުގެ ކީސްޓޭޖް ތިނެއްގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓު އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މި ދުވަސްވަރަކީ ވޯލްޑްކަޕް ދުވަސްވަރު ނަމަވެސް އެހާ ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދިއުމަކީ ކަންބޮޑުވާކަމެއް ކަމަށާއި ބެލެނިވެރިން އެކަމާމެދު ވިސްނަންޖެހޭ ކަމަށެވެ.

ބެލެވޭ ގޮތުން އެހާ ގިނަ ދަރިވަރުން ސްކޫލަށް ނުދަނީ ވޯލްޑް ކަޕްގެ މެޗުތައް އާންމުކޮށް އޮންނަނީ ރޭގަނޑު ދަންވެ ވަރަށް ލަސްވާފަހުން ކަމަށްވެފައި، މެޗުތައް ބަލަން ނުނިދާ ތިބުމަށްފަހު ހެނދުނު ހޭލައިގެން ސްކޫލަށް ނުދެވޭތީއެެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ސްކޫލަކަށް ނުދާ ދަރިވަރުން އެންމެ ގިނައީ މާލެ ސަރަހައްދުގައެވެ. އެގޮތުން މި ސަރަހައްދުގެ ސުކޫލުތަކުގެ 40އިންސައްތަ ދަރިވަރުން ސުކޫލަށް މި ދުވަސްވަރު ގަވައިދުން ނުދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލަށް ނުދާނަމަ ފިލާވަޅުތައް ގެއްލި އޭގެ އަސަރު ދަރިވަރުންގެ ނަތީޖާއަށް ވެސް އަސަރުކުރާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!