ޖަޕާނުގެ އެންމެ ފަހުގެ 'ޔުނިކޯން' މަނަވަރު މާސްޓް އުފެއްދުމުގެ މަސައްކަތް އިންޑިއާގައި ފަށަނީ
ޖަޕާނާއި އިންޑިއާއާ ދެމެދު ދިފާޢީ އާލާތްތައް ގުޅިގެން އުފެއްދުމުގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޖަޕާނުގެ ޚާރިޖީ ވުޒާރާއިން މިކަން ވަނީ ހާމަކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢެއްގެ ގޮތުން އަމާޒު ހިފާފައިވަނީ މަނަވަރުތަކުގައި ބޭނުންކުރާ 'ޔުނިކޯން' (ޔުނިފައިޑް ކޮމްޕްލެކްސް ރޭޑިއޯ އެންޓެނާ) މާސްޓް ގުޅިގެން ތަރައްޤީކޮށް ލައިސަންސްގެ ދަށުން އުފެއްދުމަށެވެ.
އެންއީސީ ކޯޕަރޭޝަނުން މި ނިޒާމު އީޖާދުކޮށްފައިވީ ނަމަވެސް، ޖަޕާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންޑިއާގެ މަނަވަރުތަކުގައި އެ ޤައުމުގެ އަމިއްލަ ސެންސަރުތަކާއި އެންޓެނާތައް އިންޓެގްރޭޓްކުރުމަށް އިންޑިއާއިން ދަނީ މަސައްކަތްކުރަމުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާއިން މި ނިޒާމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ދެ ޤައުމުގެ ސްޓްރެޓީޖިކް ގުޅުމުގެ އޮނިގަނޑުގެ ދަށުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޔުނިކޯން މާސްޓްތައް އިންޑިއާއަށް އެކްސްޕޯޓުކުރުމުގެ އެއްބަސްވުން ވަނީ ނިންމާފައެވެ.
'މޭކް އިން އިންޑިއާ' އިސްނެގުމުގެ ދަށުން، މި މަޝްރޫޢުގެ ތެރެއިން އިންޑިއާގައި މާސްޓް އުފެއްދުމުގެ މަސައްކަތްކުރާނީ ބާރަތު އިލެކްޓްރޯނިކްސް ލިމިޓެޑް (ބީއީއެލް) އާއި ޖަޕާނުގެ ކުންފުނިތައް ގުޅިގެންނެވެ. ޖަޕާނުން ޑިޒައިން ޓެކްނޮލޮޖީ ފޯރުކޮށްދޭއިރު، އިންޑިއާއިން އުފެއްދުމުގެ ބައިތައް ގުޅުވާލުމުގެ މަސައްކަތްކުރާނެއެވެ. މިއާއެކު އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުގައި މިހާރު ބޭނުންކުރާ ނިޒާމުތަކުގެ ބަދަލުގައި މަޑުމަޑުން މި ޔުނިކޯން މާސްޓްތައް ބޭނުންކުރަން ފަށާނެކަމަށް ބެލެވެއެވެ.
މީލިޓާރނީ ނޫހުން ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތާއި އިޓަލީއާ ގުޅިގެން ހަވަނަ ޖީލުގެ ފައިޓަރ ޖެޓެއް އުފެއްދުމަށް ހިންގާ ގްލޯބަލް ކޮމްބެޓް އެއަރ ޕްރޮގްރާމް (ޖީސީއޭޕީ) ގައި ބައިވެރިވުމަށް ޖަޕާނުގެ ސަރުކާރުން ވަނީ އިންޑިއާއަށް ދައުވަތު ދީފައެވެ.
'ނޯރާ-50' ގެ ނަމުންވެސް ނަންދެވިފައިވާ ޔުނިކޯން ނިޒާމަކީ ޖަޕާނުގެ މޮގާމީ ކްލާހުގެ ފްރިގޭޓްތަކަށް ޚާއްޞަކޮށްގެން އެންއީސީ ކޯޕަރޭޝަނާއި، ސަމްޕާ ކޯގްޔޯ ކޭކޭ އަދި ދަ ޔޮކޮހާމާ ރަބަރ ކޯ ލިމިޓެޑުން އުފައްދާފައިވާ އިންޓެގްރޭޓެޑް މާސްޓް ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ގިނަ ސެންސަރުތަކެއް އެއް އޮނިގަނޑެއްގެ ތެރެއަށް ލައި، މަނަވަރުގެ ބޭރުގައި ހަރުކުރާ އެންޓެނާތައް މަދުކޮށްދެއެވެ. މި ނިޒާމު ފަރުމާކުރުމުގެ މަސައްކަތް 2015 އިން 2016 އަށް ކުރިއަށްދިޔައިރު، 2018 ގައި އާންމުކޮށް އުފައްދަން ފެށިއެވެ. އަދި 2019 ގައި މޮގާމީ ކްލާހުގެ މަނަވަރުތަކުގައި ހަރުކުރަން ފެށުނެވެ.
މި މާސްޓުގައި އޮމްނިޑައިރެކްޝަނަލް ސަވައިލެންސް ރޭޑާ އެންޓެނާ، އީއެސްއެމް އެންޓެނާ، ވައިފައި، ލިންކް 16 އެންޓެނާ، ޔޫއެޗްއެފް ޓްރާންސްމިޓް އަދި ރިސީވް އެންޓެނާ، އައިއެފްއެފް އެންޓެނާ، ވީއެޗްއެފް އަދި ޔޫއެޗްއެފް މުވާސަލާތީ އެންޓެނާތަކާއި، ޓެކްޓިކަލް ނެވިގޭޝަން ނިޒާމެއްގެ އިތުރުން ލައިޓްނިންގ ކޮންޑަކްޓަރެއް ހިމެނެއެވެ. މި ފަރުމާގެ ސަބަބުން މަނަވަރުގެ ރޭޑާ ކްރޮސް-ސެކްޝަން ކުޑަކޮށްދީ، ސްޓެލްތް ސިފަތައް އިތުރުކޮށްދީ، ކަނޑުމަތީގައި ދުޝްމަނުންނަށް ފާހަގަކުރަން އުނދަގޫވާނެއެވެ.
ދުނިޔޭގެ އެހެނިހެން ކުރު ޚަބަރުތައް:
ރަޝިޔާގެ ރޮސްޓޮވް ސަރަޙައްދުގައި ބޭނުންކުރުން ހުއްޓާލާފައިވާ ގާތްގަނޑަކަށް 300 އަސްކަރީ އުޅަނދު ވަނީ ނީލަމަށް ލެވިފައެވެ. އަދި ލިބިފައިވާ ސެޓެލައިޓް މަންޒަރުތަކުން ރަޝިޔާގެ ލަޑިމިއަރ ސްޕޭސް ކޮމިއުނިކޭޝަން ސެންޓަރުގެ މައި ހާޑްވެއަރ އަދި ސޮފްޓްވެއަރ ކޮމްޕްލެކްސްގެ މައި އެންޓެނާއަށް ގެއްލުންވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.
މީގެ އިތުރުން، ކުރީ ސަފަށް ސިފައިން އަވަހަށް އުފުލުމަށް އެއަރބައިކާއި އެއަރ-މޯބައިލް ބަގީ ތަރައްޤީކުރުމަށް ޔޫކްރެއިނުން ދަނީ ވިސްނަމުންނެވެ. ޔޫކްރެއިނުގެ ބްރޭވް1 ގެ ސީއީއޯ އަންޑްރީ ހްރިޓްސެންޔުކް ހާމަކުރެއްވި ގޮތުގައި، އެ ޤައުމުގެ ސިފައިންނަށް ބޭނުންވާ ހިއުމަނޮއިޑް ރޮބޮޓް އުފެއްދުމަށް ގްރާންޓް މުބާރާތެއް ވެސް ބާއްވާނެއެވެ.
ހަމައެހެންމެ، ރަޝިޔާގެ އެތެރޭގައި ހަރަކާތްތެރިވާ 'ބްލެކް ސްޕާކް' ޖަމާޢަތުން އަލަބޫގާ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައިވާ ޝާހިދު ޑްރޯން އުފައްދާ ކާރުޚާނާއަށް ވަދެގަނެފައިވާއިރު، ޑްނިޕްރޯ އޯސިންޓް ޓެލެގްރާމުން ރިޕޯޓުކުރާގޮތުގައި އަލަބޫގާ ސަރަޙައްދުގައި ބޮޑެތި އިމާރާތްކުރުމުގެ މަސައްކަތްތަކެއް ފެށިފައިވާކަން ވަނީ ރެކޯޑުކުރެވިފައެވެ.
