ސްވައިޕް އިންޓަރނޭޝަލް އެކައުންޓް ހުޅުވޭ ގޮތުގެ ތަފުސީލް ދީފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ ގޮތާއި ބޭރުން ފައިސާ ގެނެވޭ ޚިދުމަތުގެ ތަފްސީލު ހާމަކޮށްފިއެވެ. މި ޚިދުމަތާއެކު އަމިއްލަ "އިންޓަރނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު" (IBAN)އެއް ހިމެނޭ އިންޓަރނޭޝަނަލް އެކައުންޓެއް ހުޅުވައި، ބޭރުގެ އެކައުންޓްތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގުފަހިވެގެންދާނެއެވެ.
އިންޓަރނޭޝަނަލް އެކައުންޓްގެ ހިދުމަތް ލިބޭނީ ޑޮލަރު، ޔޫރޯ އަދި ޕައުންޑް އިންނެވެ. މިއީ ކަސްޓަމަރުންނަށް ތަފާތު ފައިސާއިން މުއާމަލާތް ކުރުމަށް ލިބޭ ބޮޑު ލުޔެކެވެ. ބައިނަލްއަގުވާމީ ފައިސާގެ ޓްރާންސްފާއެއް ހިންގުމާއެކު، ވަގުތުން ކަސްޓަމަރުގެ "ސްވައިޕް"ވޮލެޓަށް އެ ފައިސާ ޖަމާވާނެއެވެ. މިއީ ލިބޭ ފައިސާ އަވަހަށް އަދި ފަސޭހައިން ބޭނުންކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ސްވައިޕްއަށް ލިބޭ ޕީ-ޓު-ޕީ ފައިސާގެ ޓްރާންސްފަރތަކުން އެއްވެސް ފީއެއް ނުނަގާނެއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބައިނަލްއަޤްވާމީ ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ ކަސްޓަމަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށާއި، މީގެ ސަބަބުން ފްރީލާންސް މަސައްކަތްކުރާ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިވެރިން އަދި ބޭރުގެ ބައިވެރިންނާއެކު މުޢާމަލާތްކުރާ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.
"މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ގައުމެއްގައި ބޭންކް އެކައުންޓެއް ހުޅުވައިގެން އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން އިންސްޓަންޓްކޮށް ފައިސާ ޖަމާވެގެންދާނެ. މިއީ "ސްވައިޕް"އަކީ ފުރިހަމަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކަށް ހެދުމަށާއި، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކާއި އީޖާދީ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް"ޝަރީފު ވިދާޅުވިއެވެ.
މިއަހަރުގެ ކުރީކޮޅު ރަސްމީކޮށް ތައާރަފްކުރި "ސްވައިޕް"ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 20،000އަށްވުރެ މައްޗަށް އަރާފައެވެ. ފަސޭހަކަމާއެކު ފައިސާ ދެއްކޭ މި ޚިދުމަތަށް ބީއެމްއެލްގެ ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއް ދަނީ ލިބެމުންނެވެ. އަދި 3,300އަށްވުރެ ގިނަ މާޗަންޓުން މިހާރުވެސް މި ޚިދުމަތް ބޭނުންކުރަމުންދާއިރު، މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި އަދި އެންމެ އަވަހަށް ފައިސާ ސެޓްލްކޮށްދޭ އެއް ޑިޖިޓަލް ޕޭމަންޓް ޚިދުމަތެވެ.
