ފަލަސްޠީނުގެ މައްސަލައިގައި އީރާނުގެ ބަހާއި ޢަމަލާ ދިމާނުވާކަން ހާމަވެއްޖެ
ފާއިތުވި ހަތަރު ދިހަ އަހަރަށްވުރެ ގިނަ ދުވަހު އީރާނުން އައީ ފަލަސްޠީނުގެ ޙައްޤުގައި އެންމެ ވަރުގަދައަށް ވަކާލާތުކުރާ، އަދި އެ މައްސަލައިގެ މުހިންމު ދިފާޢީ ބާރެއްގެ ގޮތުގައި އެ ޤައުމު ތަމްސީލުކުރަމުންނެވެ. ކޮންމެ އަހަރެއްގެ ޤުދުސް ދުވަހު އިސްރާއީލު ކުށްވެރިކޮށް ތަޤްރީރުތައް ދިނުމާއި، އިސްލާމީ އުއްމަތުގެ އެންމެ ބޮޑު މައްސަލައަކީ ފަލަސްޠީނުކަމަށް ބުނުމަކީ އީރާނުގެ އިސްވެރިންގެ އާދައެކެވެ. ނަމަވެސް، ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން، އީރާނުން ދައްކާ ވާހަކަތަކާއި އެ ޤައުމުގެ ޢަމަލުތަކާ ހުރި ބޮޑު ފަރަޤު ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. އަމިއްލަ ޤައުމުގެ މަސްލަހަތާއި ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔުމުން، އީރާނުން ޢަމަލުކުރަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ.
މީގެ މާނައަކީ އީރާނުން ފަލަސްޠީނުގެ ޖަމާޢަތްތަކާ ގުޅުން ކަނޑާލުމެއް ނޫނެވެ. އީރާނުން އަދިވެސް ހަމާސް އަދި ޕަލަސްޓީނިއަން އިސްލާމިކް ޖިހާދު ފަދަ ޖަމާޢަތްތަކަށް ސިޔާސީ، އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. އެހެންނަމަވެސް، ފަލަސްޠީނުގެ ދިފާޢުގައި ސީދާ އަސްކަރީ ކުރިމަތިލުމަކަށް ގޮސް، އެމެރިކާއާއި އިސްރާއީލާއެކު ބޮޑު ހަނގުރާމައަކާ ކުރިމަތިލުމަށް އީރާނުން ފަސްޖެހެއެވެ.
މަޝްވަރާތަކުގައި ޣައްޒާ ބާކީވުން:
އީރާނުގެ މަސްލަހަތު ހިމެނޭ މަޝްވަރާތަކުގައި އަބަދުވެސް ލުބުނާނާއި ޙިޒްބުﷲ ގެ ވާހަކަ ދެކެވެއެވެ. ސަބަބަކީ ޙިޒްބުﷲ އަކީ ސަރަޙައްދީ ގޮތުން އީރާނުގެ އެންމެ ބާރުގަދަ ބައިވެރިޔާއަށް ވުމެވެ. ނަމަވެސް، އީރާނުގެ ޑިޕްލޮމެޓިކް މަޝްވަރާތަކުގައި ޣައްޒާގެ މައްސަލަ މައިގަނޑު ޝަރުޠެއްގެ ގޮތުގައި ނުހިމެނެއެވެ. އީރާނުން އެންމެ ބޮޑަށް އިސްކަންދެނީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ނިއުކްލިއަރ ޕްރޮގްރާމާއި، ސަރަޙައްދީ ނުފޫޒުގެ އިތުރުން ވެރިކަމުގެ ނިޒާމު ޙިމާޔަތްކުރުމަށެވެ.
ހަމާސްގެ ލީޑަރު އަވަހާރަކޮށްލުން:
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ދަތުރުފުޅެއްގައި އަވަހާރަކޮށްލުމަކީ މިކަމުގެ އެންމެ ބޮޑު އެއް ހެތްކެވެ. މިއީ އީރާނުގެ ސަލާމަތީ ނިޒާމުގެ ބޮޑު ފޭލިވުމެކެވެ. އަދި އީރާނަކީ "މުޤާވަމަތުގެ ބާރުތަކުގެ" (ރެޒިސްޓެންސް އެކްސިސް) ޙިމާޔަތްތެރިޔާ ކަމަށް ދަޢުވާކުރާ ކުރުމަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ. ބަދަލުހިފާނެކަމަށް އީރާނުން ބުނި ނަމަވެސް، އެ ޤައުމުން ޢަމަލުކުރީ ވަރަށް ބޮޑަށް މިންކޮށްގެންނެވެ. އެއީ ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވިޔަ ނުދިނުމަށެވެ.
ޙިޒްބުﷲ އާއި ހަމާސްގެ ތަފާތު:
އީރާނުގެ ސަރަޙައްދީ ސްޓްރެޓަޖީ ބިނާވެފައިވަނީ ހަމައެކަނި ފަލަސްޠީނުގެ ޖަމާޢަތްތަކުގެ މައްޗަކަށް ނޫނެވެ. އީރާނުގެ އެންމެ ވަރުގަދަ ބައިވެރިޔަކީ ލުބުނާނުގެ ޙިޒްބުﷲ އެވެ. ހަމާސްއާ ޚިލާފަށް، ޙިޒްބުﷲ އަކީ އިސްރާއީލުގެ އުތުރު ސަރަޙައްދުގައި އީރާނަށް ސްޓްރެޓީޖިކް ބާރުވެރިކަން ހޯދައިދޭ، އީރާނުގެ ޤައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ޖަމާޢަތެކެވެ. ފަލަސްޠީނުގެ ޖަމާޢަތްތައް ބޭނުންކުރަނީ އީރާނުގެ ސަރަޙައްދީ ނުފޫޒު ފުޅާކުރުމުގެ ވަސީލަތެއްގެ ގޮތުގައެވެ.
ޤައުމީ މަސްލަހަތު އިސްކުރުން:
ތާރީޚަށް ބަލާއިރު، އެމެރިކާއާއި ކުރީގެ ސޯވިއެޓް ޔޫނިއަން ފަދައިން އީރާނުންވެސް އިސްކަންދެނީ ފިކުރަށްވުރެ ޤައުމުގެ ސަލާމަތާއި ދެމިއޮތުމަށެވެ. ޣައްޒާގައި އާންމުންނަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާއެކުވެސް، އީރާނުން އިސްރާއީލާއެކު ސީދާ ހަނގުރާމައަކަށް ނުދިއުމަށް ނިންމީ ވެރިކަމުގެ ނިޒާމު ޙިމާޔަތްކުރުން މާ މުހިންމު ކަމަށް ފެންނާތީއެވެ.
މެދުއިރުމަތީގެ ގިނަ ބަޔަކު މިހާރު ފަލަސްޠީނުގެ ޙައްޤުތަކާއި އީރާނުގެ ސިޔާސީ މަޤްޞަދުތަކާ ހުރި ތަފާތު ދެނެގަނެއެވެ. ފަލަސްޠީނަށް އީރާނުން އެހީތެރިވަނީ އެ ޤައުމުގެ ސްޓްރެޓީޖިކް މަސްލަހަތުތަކަށް ނުރައްކާ ނުވާ މިންވަރަށެވެ. އެ ހިސާބަށް ދިއުމުން، ޖަޒުބާތީ ވާހަކަތަކުގެ ބަދަލުގައި އީރާނުން އިޚްތިޔާރުކުރަނީ ރައްކާތެރިކަމާއެކު ފަހަތަށް ޖެހުމަށެވެ.
