ބަލޫޗިސްތާނުގައި ޗައިނާގެ މަޝްރޫޢުތަކަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޗައިނާއާއި ޕާކިސްތާނުގެ ގުޅުމަށް އިމްތިޙާނަކާ ކުރިމަތިވެއްޖެ
ޕާކިސްތާނުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބެލެވޭ ޗައިނާއަކީ ޕާކިސްތާނުގެ "އައިރަން ބްރަދަރ" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޤައުމެކެވެ. ނަމަވެސް، ޗައިނާގެ އިންވެސްޓްމަންޓްތަކާއި މުވައްޒަފުންގެ ސަލާމަތާ މެދު ކަންބޮޑުވާކަން އެ ޤައުމުން ދަނީ ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ތަކުރާރުކޮށް އަންގަމުންނެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ޕާކިސްތާނުގެ ބަލޫޗިސްތާނަކީ ވަރަށް މުހިންމު ސަރަޙައްދެކެވެ. އޭގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގެ ދަށުން އުމްރާނީ ތަރައްޤީއާއި، ހަކަތަ އުފެއްދުމާއި، މައުދަން ނެގުމަށް ޗައިނާއިން ވަނީ 65 ބިލިއަން ޑޮލަރު ފޯރުކޮށްދީފައެވެ. އެހެންނަމަވެސް، އަފްޣާނިސްތާނާއި އީރާނާ އިންވެގެން އޮންނަ، ޤުދުރަތީ ވަސީލަތްތަކުން މުއްސަނދިވެފައިވާ ބަލޫޗިސްތާނަކީ ނަސްލީ ގޮތުން ތަފާތު ބަލޫޗް ހަނގުރާމަވެރިންގެ ނުރައްކާ ބޮޑު ސަރަޙައްދެކެވެ. ފާއިތުވި އަހަރުތަކުގައި ޗައިނާގެ މަޝްރޫޢުތަކަށް އަމާޒުކޮށް ދޭ ޙަމަލާތައް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ.
ވަކިވެގަތުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ބަލޫޗިސްތާން ލިބަރޭޝަން އާރމީ (ބީއެލްއޭ) އިން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބޭރުގެ މަޝްރޫޢުތަކަށާއި، ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށް 100 އަށްވުރެ ގިނަ ޙަމަލާ ވަނީ ދީފައެވެ. މި މަހުގެ ތެރޭގައި ޕާކިސްތާނުގެ 42 ސަލާމަތީ އޮފިޝަލުން ވަނީ މަރާލާފައެވެ. އަދި މާރިޗު މަހު ޖައްފާރު އެކްސްޕްރެސް ކޯޗެއް ހައިޖެކްކޮށް، އެތައް ސަތޭކަ ފަސިންޖަރުން ބީއެލްއޭ އިން ވަނީ ރަހީނުކޮށްފައެވެ.
ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި މި ޙަމަލާތަކަށް ވާގިވެރިވަނީ އިންޑިއާއާއި އަފްޣާނިސްތާނުގެ ތާލިބާނުންނެވެ. ނަމަވެސް މުޙައްލިލުން ދެކޭގޮތުގައި މީގެ އަސްލަކީ ޕާކިސްތާނުން ބަލޫޗިސްތާނުގެ ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާތީ އުފެދިފައިވާ ތާރީޚީ ހިތްހަމަނުޖެހުންތަކެވެ. ބަލޫޗިސްތާނަކީ ގްވާދަރް ބަނދަރު މެދުވެރިކޮށް ހޯރމޫޒް ކަނޑުއޮޅިއާ ގުޅިފައިވާ އަދި އީރާނާއި އަފްޣާނިސްތާނުގެ ބޯޑަރު ހިމެނޭ އެންމެ ބޮޑު ޕްރޮވިންސް ކަމުގައި ވިޔަސް، އެއީ ޤައުމުގެ އެންމެ ފަގީރު އަދި ތަރައްޤީނުވާ ސަރަޙައްދެވެ.
2015 އިން ފެށިގެން ބިލިއަނުން އިންވެސްޓްކުރަމުން އަންނަ ޗައިނާއަށް މި ޙަމަލާތަކަކީ ބޮޑު ކަންބޮޑުވުމެކެވެ. 2019 ވަނަ އަހަރު ބީއެލްއޭއިން ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް އިންޒާރުދީ ނެރުނު ވީޑިއޯއެއްގައި ބުނެފައިވަނީ "ބަލޫޗިސްތާނު ދޫކޮށް ދިއުމަށް އަދިވެސް ވަގުތު އެބައޮތް" ކަމަށާއި، ނޫންނަމަ "ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެ" ފަދަ ޙަމަލާތަކެއް ދޭނެކަމަށެވެ.
އޭގެ ފަހުން ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. ޖުލައި 2021 ގައި ހުޅަނގު އުތުރު ޕާކިސްތާނުގައި ދާސޫ ހައިޑްރޯޕަވަރ މަޝްރޫޢުގެ މުވައްޒަފުން ގޮވައިގެން ދަތުރުކުރި ބަހަކަށް ދިން ޖާނުންފިދާވުމުގެ ޙަމަލާއެއްގައި 13 މީހުން މަރުވިއެވެ. މީގެ ތެރޭގައި ޗައިނާގެ 9 މީހުން ހިމެނެއެވެ. އޭޕްރީލް 2022 ގައި ކަރާޗީ ޔުނިވަރސިޓީގެ ކޮންފިއުޝަސް އިންސްޓިޓިއުޓަށް އަންހެނަކު ދިން ޖާނުންފިދާވުމުގެ ޙަމަލާއެއްގައި ޗައިނާގެ 3 ރައްޔިތުން މަރުވިއެވެ.
2024 ވަނަ އަހަރުގެ މާރިޗު މަހު ކަރާކޯރަމް ހައިވޭގައި ދާސޫ ޑޭމް މަޝްރޫޢުގެ މުވައްޒަފުންނަށް ދިން ޖާނުންފިދާވުމުގެ ޙަމަލާއެއްގައި ޗައިނާގެ 5 މީހުން މަރުވިއެވެ. އަދި ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު ކަރާޗީގެ ޖިންނާ އިންޓަނޭޝަނަލް އެއަރޕޯޓް ކައިރިން ވެހިކަލެއް ގޮއްވާލައިގެން ދިން ޙަމަލާގައި ޗައިނާގެ 2 މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވިއެވެ. އެއަށްފަހު ފެބްރުއަރީ 2025 ގައި ސައިންޑަކް ކޮޕަރ އެންޑް ގޯލްޑް މައިންގެ ކޮންވޯއިއަކަށް ދިން ބޮމުގެ ޙަމަލާއެއްގައި 8 މީހުން ޒަޚަމްވިއެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ 6 ސިފައިން ހިމެނޭއިރު، އަނެއް 2 މީހުންނަކީ ކޮންބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ޙަމަލާތައް އިތުރުވުމާ ގުޅިގެން ޕާކިސްތާނުން ވަނީ ޗައިނާ ރައްޔިތުންގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ޗައިނާއިންވެސް ދަނީ އެ ޤައުމުގެ ރައްޔިތުންނާއި މުދާ ޙިމާޔަތްކުރުމަށް ސަލާމަތީ ފައުޖުތައް ފޮނުވުމާމެދު ވިސްނަމުންނެވެ. ޖުލައި 16 ވަނަ ދުވަހު ޝަންހާއީގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްޙާޤް ދާރް ވަނީ ބައްދަލުކުރައްވައި، "ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ސަލާމަތީ ޔަޤީންކަން ހަރުދަނާކުރުމަށް" އެއްބަސްވެވަޑައިގެންފައެވެ. މީގެ ދުވަސްކޮޅެއް ކުރިން، ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙްސިން ނަޤްވީ ވަނީ ނިއުޔޯކްގައި ހުންނަ އދ. ގައި ޗައިނާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ ލިންގ ޖީފެންގް އާ ބައްދަލުކުރައްވާފައެވެ. ނަޤްވީ ވިދާޅުވީ ޗައިނާ ރައްޔިތުންނާއި މަޝްރޫޢުތަކަށް ޚާއްޞަ ޕްރޮޓެކްޝަން ޕޮލިސް ފޯހެއް އުފައްދައި، "ޗައިނާއާއެކު އޮންނަ ސަލާމަތީ އެއްބާރުލުން އައު ހަރުފަތަކަށް ގެންދިއުމަށް" ޕާކިސްތާނުން ބޭނުންވާ ކަމަށެވެ.
2015 ގައި ފެށި ސީޕެކްގެ އެންމެ މުހިންމު އެއް މަޝްރޫޢަކީ ގްވާދަރް ބަނދަރެވެ. މިއީ ސީޕެކްގެ "ތާޖުގެ ޖަވާހިރު" ގެ ގޮތުގައި ބެލެވޭ މަޝްރޫޢެވެ. ހޯރމޫޒް ކަނޑުއޮޅިއާ 180 ނޯޓިކަލް މޭލު ކައިރީގައި އޮންނަ މި ސަރަޙައްދު ކުރިން ސިފަކުރެވުނީ "ޕާކިސްތާނުގެ ދުބާއީ" ގެ ގޮތުގައެވެ. ޗައިނާއިން ވަނީ 2025 ވަނަ އަހަރު ގާތްގަނޑަކަށް 230 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ޕާކިސްތާނުގެ އެންމެ ބޮޑު އެއަރޕޯޓް ގްވާދަރްގައި ހުޅުވާފައެވެ.
