ދައުލަތުގެ އާމްދަނީ % 10.9 އިތުރުވެ 24.1 ބިލިއަން ރުފިޔާއަށް
ޖުމްލަ އާމްދަނީއާއި ހިލޭ އެހީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9އިންސައްތަ އިތުރުވެ 24.1ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން 23ޖުލައި 2026ގެ ނިޔަލަށް އެކުލަވާލައި ތައްޔާރުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިކަމަށް މަގުފަހިވީ، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ ދެމިހުރި ގޮތެއްގައި އިތުރުވުން ހިމެނޭ ގޮތަށް، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ، 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 21.7ބިލިއަން ރުފިޔާއަށްވުރެ 2.4ބިލިއަން ރުފިޔާ އިތުރުވެފައެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 12.1އިންސައްތަ ނުވަތަ 2.0ބިލިއަން ރުފިޔާ އިތުރުވެ، 16.4ބިލިއަން ރުފިޔާއިން 18.4ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. މި މުއްދަތުގައި ޖީ.އެސް.ޓީ ގެ ގޮތުގައި 10.0ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.7އިންސައްތަ ނުވަތަ 878.5މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިގޮތުން އާންމު މުދަލާއި ޚިދުމަތްތަކުން ނަގާ ޖީ.އެސް.ޓީން ލިބުނު އާމްދަނީ ވަނީ އިތުރަށް ކުރިއަރައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.6އިންސައްތަ އިތުރުވެ، 3.1ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.7ބިލިއަން ރުފިޔާއަށްވުރެ 371.3މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނަގާ ޓީ.ޖީ.އެސް.ޓީ 8.0އިންސައްތަ ނުވަތަ 507.2މިލިއަން ރުފިޔާ އިތުރުވެ، 6.4ބިލިއަން ރުފިޔާއިން 6.9ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 40.4ބިލިއަން ރުފިޔާގެ ތެރެއިން 59.7އިންސައްތަ، 23ޖުލައި 2026ގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ.
