ޚަބަރު

އުކުޅަހުގައި އަލަށް ހެދި ވޮލީ ކޯޓު ރައީސް ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އުކުޅަހުގައި އަލަށް ހެދި ވޮލީ ކޯޓު ރައީސް ހުޅުއްވައިދެއްވުން / ފޮޓޯ: ރައީސް އޮފީސް

އއ. އުކުޅަހުގައި އަލަށް ހެދި އައުޓްޑޯ ވޮލީ ކޯޓު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ކޯޓު އާންމުންނަށް ހުޅުވާލުމަށްޓަކައި އުކުޅަހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަތެވެ. ހަމައެއާ އެކު، ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ވެސް މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލާފައިވާ މި ޒަމާނީ ކޯޓު ހުޅުވުން ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ޚާއްޞަ އެކުވެރިކަމުގެ ވޮލީ މެޗެއް ވެސް ކުޅެފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، ރާއްޖޭގެ ރަށްރަށުގައި ވޮލީ ކުޅުމުގެ ފުރުޞަތު ފުޅާކޮށްދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މިހާރު ވެސް އިތުރު ދިހަ ރަށެއްގައި ވޮލީ ކޯޓުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!