އިންޑިއާގެ ޖީސީސީ ސިނާއަތުން ލިބެން އޮތް 150 ބިލިއަން ޑޮލަރުގެ ފުރުސަތުގެ ބޭނުން ހިފުމަށް ސްޓޭޓްތަކުގެ މެދުގައި ވާދަވެރިކަން
އިންޑިއާގައި ފުޅާވަމުން އަންނަ ގްލޯބަލް ކެޕަބިލިޓީ ސެންޓަރ (ޖީސީސީ) ގެ ސިނާއަތް ރަނގަޅަށް މެނޭޖުކުރެވިއްޖެނަމަ، އެ ގައުމުގެ އިލްމީ އިގްތިސާދު އިތުރަށް ހަރުދަނާވެ، ޓެކްނޮލޮޖީއާއި އީޖާދީ މަސައްކަތްތަކުގެ މައި މަރުކަޒެއްގެ ގޮތުގައި އިންޑިއާގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ދުނިޔޭގެ ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތަކުގެ ޓެކްނޮލޮޖީ އާއި ރިސާޗް އަދި އިންނޮވޭޝަން ހަބްތައް ގާއިމުކުރުމަށް އިންޑިއާގެ އެކި ސްޓޭޓްތަކުން ވާދަކުރަމުން އަންނައިރު، ޖީސީސީ ސިނާއަތަށް މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ. ކުރިން ހަމައެކަނި ބެންގަލޫރާއި، ހައިދަރުއާބާދުގެ އިތުރުން ނޭޝަނަލް ކެޕިޓަލް ރީޖަންގައި ގާއިމުކޮށްފައިވާ މިފަދަ މަރުކަޒުތައް، މިހާރު ވަނީ އިންޑިއާގެ ކުރިއަރަމުން އަންނަ އެހެން ސިޓީތަކަށް ފުޅާވާން ފަށާފައެވެ.
ޖީސީސީތަކަކީ މިހާރު ހަމައެކަނި އޮފީސްތަކުގެ އާދައިގެ އިދާރީ މަސައްކަތްތައް ކުރާ ތަންތަނެއް ނޫނެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، ސެމިކޮންޑަކްޓަރ ޑިޒައިން ކުރުމާއި، ސައިބަރ ސެކިއުރިޓީ، ފައިނޭންޝަލް ރިސްކް މެނޭޖްމަންޓްގެ އިތުރުން ޕްރޮޑަކްޓް އިންޖިނިއަރިން އަދި ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފަދަ މުހިންމު އަދި އަގުބޮޑު މަސައްކަތްތައް ކުރަނީ މި މަރުކަޒުތަކުގައެވެ.
އަންދާޒާކުރެވޭ ގޮތުގައި މިހާރުވެސް އިންޑިއާގެ އިގްތިސާދަށް މި ސިނާއަތުން 65 އާއި 70 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ހިއްސާކުރެއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް އަންނައިރު މި އަދަދު 100 އާއި 150 ބިލިއަން ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. އިންޑިއާގައި މިހާރުވެސް 1,700 އަށްވުރެ ގިނަ ޖީސީސީ ހުރިއިރު، އެތަންތަނުގައި ގާތްގަނޑަކަށް ދެ މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން ވަޒީފާ އަދާކުރެއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަރުކަޒުތަކުގެ އަދަދާއި ވަޒީފާ އަދާކުރާ މީހުންގެ އަދަދު 50 އިންސައްތަ އިތުރުވާނެކަމަށް ބެލެވެއެވެ.
މިކަމުން ލިބެން އޮތް އިގްތިސާދީ ފައިދާ ދެނެގަނެ، އިންޑިއާގެ ސްޓޭޓް ސަރުކާރުތަކުން އަންނަނީ އިންވެސްޓްމަންޓްތައް ހޯދުމަށް ވަރުގަދަ ސިޔާސަތުތަކެއް ތަންފީޒުކުރަމުންނެވެ. އެގޮތުން، 2029 ވަނަ އަހަރުގެ ނިޔަލަށް އިތުރު 500 ޖީސީސީ ގާއިމުކުރުމަށް ކަރްނާޓަކާއިން އަމާޒުހިފާފައިވާއިރު، ބެންގަލޫރުގެ ބޭރުން މައިސޫރާއި ހުއްބާލީ ފަދަ ސިޓީތަކަށް އިންވެސްޓްކުރުމަށް ކުންފުނިތަކަށް އަންނަނީ ބާރުއަޅަމުންނެވެ. އުއްތަރު ޕްރަދޭޝްއިން އޭއައި އަދި ސައިބަރ ސެކިއުރިޓީ ސެންޓަރުތަކަށް ބިމުގެ ސަބްސިޑީއާއި އެހެނިހެން އިނާޔަތްތައް ހުށަހަޅަމުންދާއިރު، ޓެމިލް ނާޑޫ، ޓެލަންގާނާ، ގުޖުރާތު، މަހާރާޝްޓްރާ، ކެރެލާ އަދި އަންދްރަ ޕްރަދޭޝް ފަދަ ސްޓޭޓްތަކުން ވެސް ޓެކްސްގެ ލުއިތަކާއި އުމްރާނީ ތަރައްގީ މެދުވެރިކޮށް އިންވެސްޓަރުން ޝައުގުވެރިކުރުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސިނާއަތުގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ބައިނަލްއަގުވާމީ ކުންފުނިތަކުން މިހާރު ވިސްނަނީ އިންޑިއާގައި އިންވެސްޓްކުރާނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އޭގެ ބަދަލުގައި އެ ކުންފުނިތަކުން ބަލަނީ، ހުނަރުވެރި މުވައްޒަފުންނާއި، އުމްރާނީ ވަސީލަތްތަކާއި، ގާނޫނީ ލުއިފަސޭހަތަކުގެ އިތުރުން ހިންގުމުގެ ހަރަދު އެންމެ ކުޑަވާނީ ކޮން ސްޓޭޓެއްގައިތޯއެވެ. މާލީ ހިދުމަތްދޭ ކުންފުނިތަކުގެ ސަމާލުކަން ގުޖުރާތުގެ ގިފްޓް ސިޓީއަށް ހުއްޓިފައިވާއިރު، ބޭންކިންގ އަދި ބޭސް އުފައްދާ ކުންފުނިތަކުގެ މައި މަރުކަޒަކަށް ވެފައިވަނީ ހައިދަރުއާބާދެވެ. މީގެ އިތުރުން ހަރަދު ކުޑަވުމާއި ހުނަރުވެރި މަސައްކަތްތެރިން ލިބެން ތިބުމާއެކު، އިންޑިއާގެ ޓިއަރ-2 ގެ ސިޓީތަކަށް ވެސް އަންނަނީ ބޮޑު ސަމާލުކަމެއް ލިބެމުންނެވެ.
އެހެންނަމަވެސް، ސްޓޭޓްތަކުގެ މެދުގައި އޮތް މި ވާދަވެރިކަމުގެ ސަބަބުން ސަބްސިޑީ ދިނުމުގެ ރޭހެއް ފެށިދާނެކަމަށް މާހިރުން އިންޒާރުދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓްމަންޓްތަކުން އެކަށީގެންވާ ފައިދާއެއް ނުލިބިދާނެކަމުގެ ބިރު އެބައޮތެވެ. މިކަމާ ގުޅިގެން އިންޑިއާގެ މަރުކަޒީ ސަރުކާރުން އަންނަނީ، ސްޓޭޓްތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަކީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށްދާ ކަމެއްކަން ކަށަވަރުކުރުމަށްޓަކައި ގައުމީ ފްރޭމްވޯކެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، ހަމައެކަނި މާލީ އިނާޔަތްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުރު ރާސްތާގައި މިކަމުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާނީ، ހުނަރުވެރި މީހުން ބިނާކުރުމަށާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ އިތުރުން ވިޔަފާރިކުރުމަށް ފަހި މާހައުލެއް ބިނާކުރާ ސްޓޭޓްތަކުންނެވެ.
