ލައިފްސްޓައިލް

ދިރިއުޅުމުގައި ވަކި މީހަކަށް ބަރޯސާ ނުވާށެވެ. ތިބާގެ ހުވަފެންތަކުގައި ކުލަ ޖައްސާނީ ތިބާ އަމިއްލަ އަށެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރިއުޅުމުގައި މިސްރާބެއް ނެތި އެއްވެސް މީހަކު ހަގީގަތުގައި ދަތުރު ނުކުރާނެ ކަން ޔަގީނެވެ. ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ދަތުރު ފަށަނީ ވާސިލުވާން ބޭނުންވާ މަންޒިލެއް ހިތުގައި ކަނޑައަޅައިގެންނެވެ. ބައެއް ފަހަރަށް އެ މަންޒިލަށް ވާސިލުވުމުގެ ކުރިން، ގަދަވަޔާއި ވިއްސާރައިގެ ކޮޅިގަނޑެއްގައި ޖެހި ތިމަންނާއަށް މަންޒިލް އަތު ނުވާނޭ ބުނެ، ދަތުރު ކުރު ކޮށްލަނީ ވެސް މަދު ބަޔަކު ނޫނެވެ. ދިރިއުޅުމުގައި އެހެން މީހަކަށް ބަރޯސާވެ އެމީހަކު އެންމެ ކައިރީގައި އުޅެފައި ވަކިވުމުން ދެން ދިރިއުޅުމުގެ ދަތުރުގައި ބެހިގެން ދާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ.

Ads by STELCO

ދިރިއުޅުމުގެ ދަތުރުގައި ތިބާ ދަތުރުކުރާ ނައު ދުއްވަން ޖެހޭ މިސްރާބު އެނގޭނީ ތިބާ އަށެވެ. އެ ދަތުރުގައި، ދަތުރުކުރާ މެޕު އޮންނާނީ ތިބާގެ ހިތުގައެވެ. ތިބާއަށް އެކަން ނުވާނޭ ބުނެ އެހެން މީހަކަށް އިތުބާރުކޮށް، ތިބާގެ ދިރިއުޅުމުގެ މާލިމީކަން ކުރަން އެހެން މީހެއްގެ އަތް މައްޗަށް ދޫކޮށްލުމަކީ މޮޔަ ކަމެކެެވެ. ސަބަބަކީ ހެއްޔެވެ؟ މިއަދު ޒަމާން ބަދަލުވެފައި ވާތީއެވެ. އެދުމެއް ނެތި ވެދުމެއް މިއަދު ކުރާނީ މަދު މީހެއް ކަމުގައި ވާތީއެވެ. އެންމެ ކައިރީގައި އުޅޭ، އެންމެ ގާތް ރަހުމަތްތެރިޔާގެ ހިތުގައި ތިބާގެ މައްޗަށް އޮތީ ލޯބި ކަމެއް ނުވަތަ ނަފުރަތުގެ ހޫނު އަލިފާން ކަމެއް ތިބާއަށް ވެސް ނޭނގޭތީއެވެ.

ގަބޫލު ކުރިއަސް ނުކުރިއަސް ދިރިއުޅުމުގައި ގިނަ ފަހަރަށް ކަންތައްތައް ވަނީ މިހެންނެވެ. އަޅުގަނޑުވެސް އެއްބަހެވެ. ދިރިއުޅުމުގައި ކޮންމެ މީހަކުވެސް އަނެކުންގެ އެހީތެރިކަން ބޭނުންވާނެއެވެ. ދިރިއުޅުމުގައި މަދަދުވެރިވާނޭ މިތުރަކު ބޭނުންވާނެއެވެ. ދިރިއުޅުމުގެ ދަތުރުގައި މަގު ކިޔައިދޭނެ ނުވަތަ މަގު ދައްކައިދޭނެ އެކުވެރިއަކު ނެތްނަމަ ތިބާގެ ދިރިއުޅުން "ފަރަކަށް" އަރާފާނެ ނޫން ހެއްޔެވެ. ނަމަވެސް ދަންނަވަން ތޯއެވެ.ދިރިއުޅުމުގެ ދަތުރުގައި މަގުދަައްކައިދޭނެ ފަޅުވެރިއަކު ތިބާއަށް އިންތިހާއަށް ބޭނުންވެއެވެ. ނަމަވެސް ތިބާގެ ދިރިއުޅުމުގެ ދަތުރުގައި ނައު ދުއްވަން ހުންގާނު އެހެން މީހެއްގެ އަތަށް ދޫކޮށް ނުލާށެވެ.

އެކުވެރިޔާއެވެ. ތިބާ ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭކަށް އިތުރު މީހަކު ނާންނާނެއެވެ. ތިބާ ދެކޭ ހުވަފެންތަކުގައި ކުލަ ޖައްސާނީ ތިބާ އަމިއްލައަށެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބުރަ މަސައްކަތް ކުރާނީ ވެސް ތިބާއެވެ. ހިތްވަރާއެކު މަސައްކަތް ކޮށްފި ނަަމަ ކާމިޔާބު ވާނެކަން ގައިމެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!