ޚަބަރު

ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި މޭޔަރު ސައުދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތިނަދޫގެ މޭޔަރު ސައުދު އަލީ--

ގދ. ތިނަދޫ ސިޓީއަށް ބަދަލުކުރި ކުރުމުގައި އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި އޭރު ތިނަދޫ ކައުންސިލްގެ ރައީސް އަދި މިހާރުގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދިނީ ނިމިގެން ދިޔަ ވެރިކަމުގަ އެވެ. ސިޓީއެއްގެ ދަރަޖަ ލިބެނީ 10،000މީހުން ހަމަވެގެން ކަމަށްވާ އިރު ތިނަދޫއަށް 10،000މީހުން ހަމަވީ އެހެން ރަށްތަކުގެ ރަޖިސްޓްރީގައި ތިބި މީހުން, އެ މީހުންނަށް ނޭނގި ތިނަދޫގެ ރަޖިސްޓްރީއަށް ބަދަލުކޮށް, ތިނަދޫގެ ރަޖިސްޓްރީގައި ތިބި ގިނަ ބަޔަކު ޑަބަލްކޮށް ހިމަނާ, މީހުންގެ ނަމާއި ގޭގެ ނަންތައް އެކި ގޮތްގޮތަށް ބަދަލުކޮށްގެން ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

އެހެންވެ އެ މައްސަލަ ފުލުހުން ވެސް ދިޔައީ ބަލަމުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ ތިނަދޫ ކައުންސިލުން އެރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކަށް ގދ. ތިނަދޫ އާބާދީއާއި ގުޅޭގޮތުން ސައްހަ ނޫން މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައި މޭޔަރު ސައުދުގެ މައްޗަށް ދައުވާކުރަން މި މަހުގެ 19ވަނަ ދުވަހު ފުލުހުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ކުރަނީ ދޮގުމަޢުލޫމާތުދިނުމާއި ދޮގުހެކި ދިނުމުގެ ތުހުމަތު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އެ މައްސަލައިގައި ސައުދުގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ދިރާސާ ކުރަމުންދާ ކަމަށް ވެސް ޕީޖީއިން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!