ޕާކިސްތާނުން އަފްޣާން ރެފިއުޖީން ބޭރުކުރާތީ އެމީހުންގެ މުސްތަޤުބަލް ބަނަވެއްޖެ
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، ޕާކިސްތާނަށް އުފަންވެ އެ ޤައުމުގައި ބޮޑުވެފައިވާ އެތައް ހާސް އަފްޣާން ރައްޔިތުންނެއް ޑީޕޯޓްކުރަން ފެށުމާއެކު، ގިނަ ބަޔަކު ވަނީ ފިލަން މަޖުބޫރުވެފައެވެ. މީގެ ސަބަބުން އެމީހުން އަމިއްލަ ވަޒަންކަމަށް ދެކޭ ދެ ޤައުމުގެ ދެމެދުގައި އެތައް އާއިލާއެއް ވަނީ ތާށިވެފައެވެ.
އުމުރުން 25 އަހަރުގެ ޝަޔާން ޚާން އަކީ އަފްޣާނިސްތާނަށް ނިސްބަތްވާ މީހެއް ނަމަވެސް، އޭނާ ދުވަހަކުވެސް އެ ޤައުމަކަށް ނުދެއެވެ. އޭނާގެ ބައްޕަ ޕާކިސްތާނަށް ހިޖުރަކުރީ 1979 ވަނަ އަހަރު ސޯވިއެޓް ޔޫނިއަންއިން އަފްޣާނިސްތާނަށް އެރުމާ ގުޅިގެންނެވެ. ޝަޔާން އުފަންވެ ބޮޑުވީ ޕާކިސްތާނުގައެވެ. ނަމަވެސް މިހާރު ފަށާފައިވާ ޑީޕޯޓްކުރުމުގެ އާ ކެމްޕޭނާއެކު، އޭނާގެ ޤާނޫނީ ހައިސިއްޔަތު ގެއްލި، އޭނާ ނުވެސް ދަންނަ ޤައުމަކަށް ފޮނުވާލަފާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
"އަފްޣާނިސްތާނުގައި އަހަރެމެންގެ އެއްވެސް އެއްޗެއް ނެތް. އަހަރެމެން އުފަންވެ ބޮޑުވީ މިތާނގައި. އެނބުރި ހިނގައްޖެނަމަ ހުރިހާ ކަމެއް ފަށަންޖެހޭނީ ސުމަކުން،" ޝަޔާން ބުންޏެވެ.
ޝަޔާން ދިރިއުޅެނީ އިސްލާމްއާބާދުގެ ބޭރުގައި އޭނާގެ ޕާކިސްތާނު އަންހެނުންނާއި ކުޑަ ދަރިފުޅާއެކުގައެވެ. ކަމާބެހޭ ފަރާތްތަކުގެ ކިބައިން ސަލާމަތްވުމަށް އޭނާގެ ވިޔަފާރި ވިއްކާލުމަށްފަހު، ޔުނިވަރސިޓީ ޑިގްރީއެއް އޮތް ނަމަވެސް މިހާރު މަސައްކަތްކުރަނީ ދުވަހު މުސާރައަށް އުޅޭ މަސައްކަތްތެރިއެއްގެ ގޮތުގައެވެ. އޭނާ ބުނިގޮތުގައި، ޑީޕޯޓްކުރަން ފެށިފަހުން ފުލުހުން ދަނީ ބާޒާރުމަތިން އަފްޣާން މީހުން ހައްޔަރުކުރަމުންނެވެ. އާއިލާއަށް ކާންދޭންޖެހޭތީ ފިލައިގެން އުޅެމުން ނުރަސްމީކޮށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ޝަޔާން ފަދައިން އެތައް ހާސް ޕަޝްތޫން އާއިލާތަކެއް ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ގޯސްވުމުގެ ސަބަބުން ތާށިވެފައެވެ. 2023 ގައި ފެށި "އިލީގަލް ފޮރިނަރސް ރިޕެޓްރިއޭޝަން ޕްލޭން" ގެ ދަށުން ޤާނޫނާ ޚިލާފަށް އުޅޭ އަފްޣާން ރައްޔިތުން ޑީޕޯޓްކުރުން ވަނީ ހަލުވިކޮށްފައެވެ. ޖުލައި 10 އިން ފެށިގެން މިފަދަ މީހުން ހައްޔަރުކުރުން އިތުރުކުރުމަށް ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓްރީން ވަނީ އަންގާފައެވެ.
އދ. ގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 5 އިން 11 އަށް އެކަނިވެސް 6,195 އަފްޣާން މީހުން ޕާކިސްތާނުން އަނބުރާ ގޮސްފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ތިންބައިކުޅަ އެއްބައި އިތުރު އަދަދެކެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނާގޮތުގައި 2023 އިން ފެށިގެން މިހާތަނަށް 2.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އަފްޣާނިސްތާނަށް އެނބުރި ގޮސްފައެވެ. ނަމަވެސް އަދިވެސް އެއް މިލިއަނަށްވުރެ ގިނަ އަފްޣާން ރައްޔިތުން ޕާކިސްތާނުގައި އެބަތިބިކަމަށް އދ. އިން އަންދާޒާކުރެއެވެ.
ބައެއް އާއިލާތަކުން ކޯޓުތަކަށް މައްސަލަ ހުށަހެޅި ނަމަވެސް، އެކަމުން މާބޮޑު ކުރިއެރުމެއް ނުލިބޭކަމަށް ތަޖުރިބާކާރުން ބުނެއެވެ. 'ސޮސައިޓީ ފޯ ހިއުމަން ރައިޓްސް އެންޑް ޕްރިޒަނަރސް އެއިޑް' (ޝާޕް) ގެ ޕްރޮޖެކްޓް ޑިރެކްޓަރ އާތިފް އަފްޒަލް ވިދާޅުވިގޮތުގައި، ކޯޓުތަކުން މައްސަލަތައް ބަލައިގަތް ނަމަވެސް، ސާފު ހުކުމެއް ނުކުރެއެވެ. މީގެ ސަބަބުން އެމީހުންގެ މުސްތަޤުބަލާމެދު ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
ޕާކިސްތާނު ސަރުކާރުން މިކަން ދިފާއުކޮށް ބުނަމުންދަނީ މިއީ ޤައުމީ ސަލާމަތާއި އިމިގްރޭޝަން ޤާނޫނުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަފްޣާނިސްތާނުގެ ފަސްގަނޑު ބޭނުންކޮށްގެން ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ފަދަ ޖަމާއަތްތަކުން ދޭ ހަމަލާތައް ހުއްޓުވުމަށް ތާލިބާނުން ނުކުޅެދިފައިވާކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ. ނަމަވެސް ކާބުލް އިން މިކަން ދޮގުކުރެއެވެ. ޕިޝާވަރުގައި ދިން ހަމަލާއަކާ ގުޅިގެން ޖޫން މަހު ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގައިވާ ހަނގުރާމަވެރިންގެ އައްޑާތަކަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ދެ ފަރާތުންވެސް އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.
މި މައްސަލަތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި ޕާކިސްތާނުގައި ވަޒަންވެރިވެފައިވާ އަފްޣާން ރައްޔިތުން ގަދަކަމުން ފޮނުވާލުމަކީ ދިގު ރާސްތާގައި ޕާކިސްތާނަށް ގެއްލުންވެދާނެ ކަމެކެވެ. އިންސްޓިޓިއުޓް އޮފް ސްޓްރެޓީޖިކް ސްޓަޑީޒް އިސްލާމްއާބާދުގެ ސެންޓަރ ފޯރ އަފްޣާނިސްތާން، މިޑްލް އީސްޓް އެންޑް އެފްރިކާގެ ޑިރެކްޓަރ އާމިނާ ޚާން ވިދާޅުވީ، އެމީހުން އަނބުރާ ޤައުމަށް ދިޔުމުން އެމީހުންނާ މެދު ދެކެނީ ބީރައްޓެހިންގެ ގޮތުގައި ކަމަށެވެ.
"ވަޒީފާގެ ފުރުސަތެއް، އިޖުތިމާއީ ރައްކާތެރިކަމެއް ނޯވޭ. އެހެންކަމުން މިފަދަ މީހުން ވެގެންދާނީ ޓެރަރިސްޓް ޖަމާއަތްތަކަށް ވަރަށް ފަސޭހައިން ރެކްރޫޓްކުރެވޭނެ ބަޔަކަށް،" އާމިނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފައިސާގެ ދަހިވެތިކަން ދައްކައިގެން ޓީޓީޕީ އަދި އަލްޤައިދާ ފަދަ ޖަމާއަތްތަކުން މި މީހުންގެ ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމަކީ ވަރަށް ގާތް ކަމެކެވެ.