ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލުގައި މުޅިން އައު ތިން ސްޕެޝަލިސްޓް ޚިދުމަތެއް ތަޢާރަފުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ހުޅުމާލޭ ހޮސްޕިޓަލުގައި މުޅިން އައު ތިން ސްޕެޝަލިސްޓް ޚިދުމަތެއް ތަޢާރަފުކުރުން / ފޮޓޯ: ސިއްހަތާ ބެހޭ ވުޒާރާ

ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްޞަ ބަލިތަކާ ގުޅޭ މުޅިން އައު ތިން ޚިދުމަތެއް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އަލަށް ތަޢާރަފުކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ ޔޫރޮލަޖީއާއި، ނާރުގެ ބަލިތަކަށް ޚާއްޞަ ނިއުރޮލޮޖީގެ އިތުރުން ބަނޑާއި ގޮހޮރުގެ ބަލިތަކަށް ފަރުވާދޭ ގޭސްޓްރޯއެންޓެރޮލޮޖީގެ ޚިދުމަތެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މީގެ އިތުރުން، މި ބަދަލާ އެކު އެ ހޮސްޕިޓަލުގައި ނިއުރޯ ސައިންސަށް ޚާއްޞަ ޔުނިޓެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.

މި ޚިދުމަތްތައް ފައްޓަވައިދެއްވުމަށް ފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މިއީ މައި ހޮސްޕިޓަލަށް އޮންނަ ބާރުބޮޑުވުން ކުޑަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ދައުލަތުގެ ހޮސްޕިޓަލުތަކުން ސްޕެޝަލިސްޓުންގެ ފަރުވާ ލުއިފަސޭހަކަމާ އެކު ލިބޭނެ މަގުފަހިކޮށްދީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސް ހިންގުމާ ހަވާލުވެހުންނެވި ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، މީގެ ކުރިން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން މިފަދަ ފަރުވާތައް ހޯދުމަށް ދާންޖެހެނީ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށެވެ. އެހެންނަމަވެސް، އަލަށް ގެނެވުނު ކުރިއެރުންތަކާ އެކު، ނިއުރޯ އަދި ޔޫރޮލަޖީ ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީއާއި ޔޫރޯފްލޯމެޓްރީ ޓެސްޓުތައް ހުޅުމާލެ ހޮސްޕިޓަލުން ކުރެވޭނެއެވެ. އަދި މާލަސްތަކެއް ނުވެ ކޮލޯނޯސްކޯޕީއާއި އެންޑޯސްކޯޕީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލަށް ޤާއިމުކުރި ނިއުރޯ ސައިންސް ޔުނިޓުން އީއީޖީ ހެދުމުގެ ފުރުޞަތު ރަސްމީ ގަޑިތަކުގައި ހަމަޖެހިފައިވާއިރު، މެންދުރު 14:00އާ ހަމައަށް ނަންނޯޓު ކުރެވޭނެއެވެ. ނަމަވެސް، ކުއްލި ފަރުވާއަށް ބޭނުންވާ އިމަޖެންސީ ޙާލަތްތަކުގައި 24 ގަޑިއިރު މެދުކެނޑުމެއްނެތި މި ޚިދުމަތް ފޯރުކޮށްދޭނެކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގެ އުމްރާނީ ތަރައްޤީއަށާއި ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން، 10 އެނދުގެ އައިސީޔޫއަކާއި، 14 އެނދުގެ އެންއައިސީޔޫއެއްގެ އިތުރުން 4 ތިއޭޓަރު ހިމެނޭ ކޮމްޕްލެކްސްއަކާއި ސީއެސްޑީގެ ޚިދުމަތާ އެކު، ނިމިދިޔަ 2024ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެ ހޮސްޕިޓަލް ވަނީ ޓަރޝަރީ ފެންވަރަށް ބަދަލުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!