ޚަބަރު

ގާކޮށީގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ގާކޮށީގައި ފުޓްސަލް ދަނޑުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ގަލޮޅު ގާކޮށި ފްލެޓްތަކާ އިންވެގެން އޮންނަ ހުސްބިމުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރ، އާރްޑީސީ ތަމްސީލުކުރައްވައި މި ލިޔުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، ޖުމްލަ 1،521،283.60 ރުފިޔާ (އެއް މިލިއަން ފަސް ލައްކަ އެކާވީސް ހާސް ދުއިސައްތަ އަށްޑިހަ ތިން ރުފިޔާ ފަސްދޮޅަސް ލާރި) ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް 120 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އާރްޑީސީން އެއްކޮށް ނިންމަން ޖެހޭނެއެވެ.

ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަކީ މިއަދުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ހިންގަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!