ޚަބަރު

މިފްކޯއަށް މަސް ގަންނަ އަގު 20ރ. އަށްވުރެ ކުޑަ ނުކުރާނަން: ވަޒީރު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަންނަ އަގު ކިލޯއެއް 20ރ. އަށްވުރެ ކުޑަ ނުކުރާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މަސް ކިލޯއެއްގެ އަގު 20ރ. ގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި ސަރުކާރުން ކުރިއަށް އޮތް ތަނުގައި އެ ގޮތުގައި ކުރިއަށް ދާނެ ކަމަށެވެ.

"މިފްކޯއިން ދެން 20ރ.އަށް ވުރެ ދަށްކޮށް މަހެއް ނުގަންނާނެ. އެންމެ ދަށް އަގަކީ އެއީ. އިއްޔެ ވެސް 21ރ.އަށް މިފްކޯއަށް މަސް ގަތީ،" ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި މަސްވެރިންނަށް ނުދީ އޮތް ބެކްލޮގް ދައްކައި ހަލާސްކުރުމަށް ފަހު މިފްކޯއަށް މަސް ގަންނަމުން އައީ 16ރ.ގެ ރޭޓުންނެވެ. ނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން ކަންނެލި މަސް ކިލޯއެއް ވެސް އަދި ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 20ރ.އަށް ވަނީ މަތިކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކަޅުބިކަލަމަސް ކިލޯއެއް ގަންނަ އަގު ވެސް ވަނީ 21ރ.އަށް ވަނީ ބޮޑުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!