ޚަބަރު

ވެކްސިނާއި ބޭސް ރައްކާކުރަން ގާއިމުކުރާ ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ވެކްސިނާއި ބޭސް ރައްކާކުރަން ހުޅުމާލޭގައި ގާއިމުކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފިއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.

މިއީ އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް(އޭޑީބީ)ގެ އިނީޝިއޭޓިވްއެއްގެ ދަށުން ގާއިމުކުރާ ފެސިލިޓީއެކެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ފެސިލިޓީ ގާއިމުކުރެވުމުން ވެކްސިނާއި، ބޭސްތައް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކޮށް އެ ތަކެތި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަަމަށެވެ. އަދި ބޭހާއި ވެކްސިން ރައްކާކުރަން ތަންތަން ކުއްޔަށް ނަގަން ޖެހުން ކުޑަވެ ސިއްހީ ކަންކަމާ ގުޅޭ އޮފީސްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

ވެކްސިނާއި ބޭސް ރައްކާކުރަން ހާއްސަ ފެސިލިޓީއެއް ގާއިމުކުރާ އިރު ބޭސް ލިބިމުގެ ދަތިތައް ހައްލުކުރަން ސަރުކާރުން މިހާރު ވަނީ ސްޓޭޓް ފާމަސޫޓިކަލްގެ ނަމުގައި ހާއްސަ ކުންފުންޏެއް ވެސް އުފައްދައިފައެވެ. އަދި ކުރިން އެސްޓީއޯގެ ދަށުގައި ހުރި ބޭސް ފިހާރަތައް ސްޓޭޓް ފާމަސޫޓިކަލްގެ ދަށަށް ވެސް ވަނީ ބަދަލުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!