ޚަބަރު

ކޮޗިންގައި ތާށިވި މީހުން ރާއްޖެ ގެނެސްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އިންޑިއާގެ ކޮޗިން އިން ފުރައިގެން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ މަތިންދާބޯޓަކަށް އިއްޔެ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދަތުރު ނުކުރެވި އެ ސިޓީގައި ތާށިވެފައި ތިބި ހުރިހާ ދިވެހި ފަސިންޖަރުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރައްކާތެރިކަމާ އެކު މާލެ ގެނެސްދީފިއެވެ.

އިއްޔެ ކެންސަލް ކުރަން ޖެހުނު މި ދަތުރަކީ މޯލްޑިވިއަންގެ އެއާބަސް އޭ320 މަރުކާގެ ބޯޓަކުން ކުރުމަށް ތާވަލުކުރެވިފައި އޮތް ދަތުރެކެވެ. ބޯޓަށް ދިމާވީ ސީދާ ކޮން ބާވަތެއްގެ މައްސަލައެއްކަން އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ފަސިންޖަރުންނަށް ދިމާވި ދަތިތައް ހައްލުކޮށް، މިއަދު ހަމަ އެ މަރުކާގެ ބޯޓެއްގައި އެންމެން ވަނީ ރާއްޖެ ގެނެސްފައެވެ.

ބޭސްފަރުވާއަށާއި އެކިކަހަލަ ވިޔަފާރި ބޭނުންތަކުގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް ވެސް ގިނަ އަދަދެއްގެ ދިވެހިން ގަވާއިދުން ދަތުރުކުރާ ކޮޗިން އަކީ ދިވެހިންގެ މެދުގައި ވަރަށް މަޝްހޫރު މަންޒިލެކެވެ. މޯލްޑިވިއަން އިން އެންމެ ފުރަތަމަ މި ސިޓީއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހުއެވެ.

މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގާތްގަނޑަކަށް ދޮޅުގަޑިއިރުން ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭއިރު، މި ރޫޓުގައި ގައުމީ އެއާލައިންގެ އިތުރުން އިންޑިއާގެ މަޝްހޫރު އެއާލައިން އިންޑިގޯއިން ވެސް އަންނަނީ މެދުކެނޑުމެއްނެތި ފްލައިޓްތައް އޮޕަރޭޓް ކުރަމުންނެވެ.