ފުރަން ގޮސްތިބި 6 މީހަކު، 3.8 މިލިއަން ރުފިޔާގެ ޑޮލަރާ އެކު ހައްޔަރުކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތުން އެކުލަވާލާފައިވާ ޚާއްޞަ ޓާސްކްފޯހަކުން ހިންގި އޮޕަރޭޝަނެއްގައި، ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމަށްފަހު ފުރަން އުޅުނު ބަންގްލަދޭޝްގެ ހަ މީހަކު ގިނަ އަދަދެއްގެ ބޭރު ފައިސާއާ އެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަތުލައިގަނެފިއެވެ.
ފުލުހުންގެ ޚިދުމަތުން 'އެކްސް'ގައި އާންމުކޮށްފައިވާ ގޮތުން، މި މީހުން ހިފަހައްޓާފައި ވަނީ ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ. މިގޮތުން، 2026ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18ވަނަ ދުވަހު އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެއަރޕޯޓުގައި ހިންގި މި އޮޕަރޭޝަނުގައި، އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެނބުރި ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މި މީހުންގެ އަތުން ޖުމްލަ 18 ގައުމެއްގެ ފައިސާ ފެނިފައިވެއެވެ. އޭގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1,815 ސްޓަރލިންގ ޕައުންޑު ހިމެނެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މީގެ ޖުމްލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި)އަށް އަރައެވެ. ތަޙުޤީޤީ ބޭނުމަށް މި ހުރިހާ ފައިސާއެއް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.