އިޤްތިޞާދު

އޮގަސްޓްމަހުގެ ނިޔަލަށް ބީއެމްއެލްއިން 653 މިލިއަން ޑޮލަރު ވިއްކައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން، ރާއްޖެއިން ބޭރުކުރާ ފައިސާގެ ނިސްބަތް އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާކަން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، މިއީ ގާތްގަނޑަކަށް 33.33 އިންސައްތައިގެ (ތިންބައިކުޅަ އެއްބައިގެ) ބޮޑު ކުރިއެރުމެކެވެ. ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް 81.6 މިލިއަން ޑޮލަރު ދޫކުރަމުންދާއިރު، މި ނިސްބަތުން ޑޮލަރު ދޫކުރަމުން ގޮސްފިނަމަ އަހަރު ނިމޭއިރު އެ ބޭންކުން ވިއްކި ޑޮލަރުގެ ޖުމްލަ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ޑޮލަރު ވިއްކާފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ކްރެޑިޓް އަދި ޑެބިޓް ކާޑުގެ މުއާމަލާތްތަކަށެވެ. އެގޮތުން މަހަކު 38 މިލިއަން ޑޮލަރު ކާޑުތަކަށް ހޭދަވާއިރު، ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ)ގެ މުއާމަލާތްތަކަށް 27 މިލިއަން ޑޮލަރު، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް 9.4 މިލިއަން ޑޮލަރު އަދި ބޭސްފަރުވާ އާއި ތަޢުލީމީ ބޭނުންތަކަށް 7.3 މިލިއަން ޑޮލަރު މަހެއްގެ މައްޗަށް ދަނީ ހޭދަވަމުންނެވެ.

ބޭންކަށް ވަންނަ ބޭރު ފައިސާއަށްވުރެ ގިނައިން ރުފިޔާ މާރުކޮށްގެން ޑޮލަރު ނެރޭ މިންވަރު އިތުރުވުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫންކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ. ޚާއްޞަކޮށް ސެޕްޓެންބަރު މަހަކީ ޑޮލަރުގެ ދަތިކަން އާންމުކޮށް ވެސް ބޮޑު މަހަކަށްވުމާ އެކު، ޑޮލަރު ބޭރުވާ މިންވަރު އިތުރުވުމުގެ ސަބަބުން ފާއިތުވި ދެ ހަފުތާގައި ޓީޓީ ފަދަ މުއާމަލާތްތަކަށް ވަނީ ލަސްތަކަކާ ކުރިމަތިލާންޖެހިފައެވެ. މި މައްސަލަ ހައްލުކޮށް، އާމްދަނީއާއި ޚަރަދު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ބޭންކުން ވަނީ އީ-ކޮމާސް މުއާމަލާތްތަކަށް ވަކި ލިމިޓްތަކެއް ކަނޑައަޅައި، އެންމެ ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފައެވެ.

މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާއިރު، ކުރިއަށް އޮތް ހަފުތާގެ ނިޔަލަށް ޑޮލަރުގެ މުއާމަލާތްތައް ކުރީގެ އާންމު ހާލަތަށް އަންނާނެކަމަށް ބޭންކުން އުންމީދުކުރެއެވެ. އަދި ބީއެމްއެލްއިން ކަށަވަރުކޮށްދިން ގޮތުގައި، މިހާރު ދިމާވެގެން އުޅޭ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިގެ ފަރަގުން އުފެދުނު ވަގުތީ ކަމެކެވެ. މިއީ ބޭންކުގެ ބެލެންސް ޝީޓް ނުވަތަ އޮޕަރޭޝަނަލް ގާބިލުކަން ދަށްވެގެން ދިމާވި މައްސަލައެއް ނޫންކަމަށާއި، ކަސްޓަމަރުންނާއި މުޅި އިޤްތިޞާދުގެ ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭނެކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ ދީފައެވެ.