އިންޑިއާގެ ޖައްވީ އާ ލޯ "އީއޯއެސް-05" އަދި ދެކުނު އޭޝިއާއަށް އޭގެ އަސަރު
އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ދާދި ފަހުން ވަނީ "އީއޯއެސް-05" ގެ ނަމުން ނަންދީފައިވާ އާ ސަވައިލެންސް ސެޓެލައިޓެއް ޖިއޯސިންކްރޮނަސް އާތު އޯބިޓް (ޖީއީއޯ) އަށް ކާމިޔާބުކަމާއެކު ފޮނުވާލާފައެވެ. ސެޕްޓެމްބަރު 4 ވަނަ ދުވަހު ޖީއެސްއެލްވީ-އެފް17 ރޮކެޓްގައި ޖައްވަށް ފޮނުވާލި މި ސެޓެލައިޓަކީ، އިންޑިއާއިން ޖީއީއޯގައި ގާއިމުކުރި ފުރަތަމަ އާތު އޮބްޒަވޭޝަން ސެޓެލައިޓެވެ. މީގެ ސަބަބުން 34,903 ކިލޯމީޓަރާއި 35,884 ކިލޯމީޓަރާ ދެމެދުގެ އުސްމިނެއްގައި ހުރެގެން އިންޑިއާ ބައްރުގެ ސަރަހައްދުތައް މެދުކެނޑުމެއްނެތި ބެލެހެއްޓުމުގެ ގާބިލުކަން ނިއުދިއްލީއަށް ލިބިގެންދާނެއެވެ. އިސްރޯގެ ޗެއާމަން ވީ. ނާރާޔަނަން ވިދާޅުވި ގޮތުގައި "އީއޯއެސް-05 ވެގެންދާނީ ޖިއޯ އޯބިޓުން ގައުމަށް މުހިންމު ސްޓްރެޓީޖިކް ޑޭޓާ ފޯރުކޮށްދޭ އިންޑިއާގެ ފުރަތަމަ ޚާއްސަ އިމޭޖިން ސެޓެލައިޓަށެވެ."
މި ސެޓެލައިޓް ޖައްވަށް ފޮނުވާލުމަކީ އިންޑިއާގެ އިންޓެލިޖެންސް، ސަވައިލެންސް، އަދި ރިކޮނައިސެންސް (އައިއެސްއާރް) ގާބިލުކަން އިތުރުކުރުމަށް އެ ގައުމުން ގެންގުޅޭ ދުރުރާސްތާގެ ޕްލޭންގެ ދަށުން އެޅި ފިޔަވަޅެކެވެ. މީގެ ސަބަބުން، ހާއްސަކޮށް ޕާކިސްތާނުގެ ކަނޑުގެ އަސްކަރީ މަނަވަރުތަކާއި، މަތިންދާބޯޓުތަކާއި، ސްޓްރެޓީޖިކް ހަތިޔާރުތަކުގެ ހަރަކާތްތަކުގެ އިތުރުން ކާރިސާތަކުގެ ވަގުތުތަކުގައި ސިފައިން ހަރަކާތްތެރިވާ ގޮތް މެދުކެނޑުމެއްނެތި ގާތުން ބެލުމުގެ ފުރުސަތު އިންޑިއާއަށް ފަހިވެގެންދާނެއެވެ. ޖައްވުގައިވާ މި "އާ ލޯ" އަކީ އުފެދެމުން އަންނަ އާ ޓެކްނޮލޮޖީގެ ޒަމާނުގައި އިންޑިއާގެ ކައުންޓާފޯސް ގާބިލުކަން އިތުރުކޮށްދޭނެ މުހިންމު އަސްކަރީ ހަތިޔާރެކެވެ.
އިންޑިއާގެ މިހާރުގެ ޖައްވީ ނިޒާމު އެކުލެވިގެންވަނީ ނެވިގޭޝަން، މުވާސަލާތީ، އައިއެސްއާރް އަދި ސައިންޓިފިކް ސެޓެލައިޓްތަކުގެ މައްޗަށެވެ. މުވާސަލާތީ ބޭނުންތަކަށް ޚާއްސަ 3 އަސްކަރީ ސެޓެލައިޓް އިންޑިއާގައި އޮންނައިރު، އޭގެ ތެރެއިން 2 ސެޓެލައިޓް ބޭނުންކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އަދި އަނެއް ސެޓެލައިޓް ބޭނުންކުރަނީ ވައިގެ ސިފައިންނެވެ. މީގެ އިތުރުން އަސްކަރީ މުވާސަލާތަށްވެސް ބޭނުންކުރެވޭ ފަދަ، ދެ ބޭނުމެއް އެކުލެވޭ ގާތްގަނޑަކަށް 10 ސެޓެލައިޓް އިންޑިއާގައި އެބައޮތެވެ. އިންޑިއާގެ ނެވިގޭޝަން ސެޓެލައިޓް ސިސްޓަމް، "ނަވިކް" (NavIC) ގައި އޮޕަރޭޝަނަލް 3 ސެޓެލައިޓް ހިމެނެއެވެ. އެއީ އައިއާރްއެންއެސްއެސް-1ބީ، އައިއާރްއެންއެސްއެސް-1އައި އަދި އެންވީއެސް-01 އެވެ. ނަމަވެސް އަސާސީ ޕޮޒިޝަނިންގ ޚިދުމަތަށް މަދުވެގެން 4 ސެޓެލައިޓް އޯބިޓްގައި ބޭނުންވާއިރު، އެންވީއެސް-03 ވަރަށް އަވަހަށް ޖައްވަށް ފޮނުވާލާނެއެވެ. އިންޑިއާގެ އައިއެސްއާރް ނިޒާމުގައި ހިމެނެނީ އޮޕްޓިކަލް ބޭނުންތަކަށް ހާއްސަ ކްރޯސެޓް (CROSAT) ސީރީޒްއާއި، އެސްއޭއާރް (SAR) އަށް ހާއްސަ ރިސެޓް (RISAT) އާއި ނިސާރް (NISAR) ސީރީޒްގެ އިތުރުން އިލެކްޓްރޯނިކް އައިއެސްއާރް އަށް ހާއްސަ އެމިސެޓް (EMISAT) އެވެ. އަލަށް ފޮނުވާލި އީއޯއެސް-05 ވެގެންދާނީ އިންޑިއާ ބައްރު ވަގުތުން ވަގުތަށް ބަލަހައްޓައިދޭނެ އިންޑިއާގެ ފުރަތަމަ އައިއެސްއާރް ސެޓެލައިޓަށެވެ.
2024 ވަނަ އަހަރު، އިންޑިއާގެ ކެބިނެޓް ކޮމިޓީ އޮން ސެކިއުރިޓީ (ސީސީއެސް) އިން ވަނީ "ސްޕޭސް ބޭސްޑް ސަވައިލެންސް ފޭސް-3" (އެސްބީއެސް-3) ޕްރޮގްރާމް ފާސްކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން ޖައްވުގެ ތިރީ އޯބިޓް (އެލްއީއޯ) އަދި ޖިއޯސްޓޭޝަނަރީ އޯބިޓަށް ފާރަވެރިވުމުގެ 52 ޑިފެންސް ސެޓެލައިޓް ފޮނުވުމަށް ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫޢުގެ ދަށުން 21 ސެޓެލައިޓް އިސްރޯއިން ފޮނުވާއިރު، 31 ސެޓެލައިޓް ތަރައްގީކުރާނީ އަމިއްލަ ކުންފުނިތަކުންނެވެ.
މެއި 2025 ގެ ކާރިސާއަށްފަހު، ޖައްވީ މައިދާނުގައި އިންޑިއާގެ އަސްކަރީ ގާބިލުކަން އިތުރަށް ހަރުދަނާކުރުމަށް އިންޑިއާގެ ސްޓްރެޓީޖިކް ދާއިރާތަކުން ދަނީ ގޮވާލަމުންނެވެ. މިގޮތުން، އިންޑިއަން ޑިފެންސް ސްޕޭސް ސިމްޕޯޒިއަމް (އައިޑީއެސް) 2026 ގައި ވާހަކަދައްކަވަމުން، ކުރީގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް އަނިލް ޗޯހަން ވަނީ ޖައްވުގައި އަސްކަރީ ވަސީލަތްތައް ގާއިމުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ، "ޖައްވުގައި އަޅުގަނޑުމެން ނާކާމިޔާބުވެއްޖެނަމަ، އަޅުގަނޑުމެންނަށް މަޖުބޫރުވާނީ ލޯކަނު ހާލަތެއްގައި ހަނގުރާމަކުރާށެވެ. ނަމަވެސް، ޖައްވުގެ ކޮންޓްރޯލް އަޅުގަނޑުމެންގެ އަތުގައި އޮވެއްޖެނަމަ، ދުރުވިސްނުމާއެކު ހަނގުރާމަކުރުމުގެ ފުރުސަތު ލިބޭނެއެވެ."
މި ވާހަކަފުޅުން ދައްކުވައިދެނީ ޖައްވު އަސްކަރީ ގޮތުން ބޭނުންކުރުމުގައި އިންޑިއާގެ ސްޓްރެޓީޖިކް ވިސްނުމަށް އައިސްފައިވާ ބޮޑު ބަދަލެވެ. ހަނގުރާމައިގެ ޒާތަށް އަންނަމުންދާ ބަދަލުތަކާއެކު، ސުލްހަވެރި ދުވަސްވަރުގައްޔާއި ކާރިސާތަކުގެ ވަގުތުތަކުގައި ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދުތައް މެދުކެނޑުމެއްނެތި ބެލެހެއްޓުމަށް އައިއެސްއާރް ނިޒާމު ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަލަށް ޖައްވަށް ފޮނުވާލި އީއޯއެސް-05 އަކީ އިންޑިއާގެ މިހާރުގެ އައިއެސްއާރް ނިޒާމަށް މެދުކެނޑުމެއްނެތި ފާރަވެރިވުމުގެ ފަށަލައެއް އިތުރުކޮށްދޭނެ ވަރަށް މުހިންމު ސެޓެލައިޓެކެވެ. މިހާރު އިންޑިއާގެ ގިނަ ސެޓެލައިޓްތައް ހުރީ އެލްއީއޯގައެވެ. މި ސެޓެލައިޓްތަކުން ސާފު މަންޒަރުތައް ފޯރުކޮށްދިން ނަމަވެސް، ދުނިޔެ ވަށައިގެން މާ ހަލުވިކޮށް ދައުރުވާތީ އެކަމުގައި ހުރަސްތަކެއް ހުރެއެވެ. ނަމަވެސް ޖިއޯސިންކްރޮނަސް އޯބިޓްގައި އީއޯއެސް-05 ހުރުމުން، އިންޑިއާ ބައްރު ދިގު މުއްދަތަކަށް ބަލަހައްޓައިދޭނެއެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ޕްރިސިޝަން-ސްޓްރައިކް ނުވަތަ ސީދާ އަމާޒަށް ހަމަލާދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. ސަބަބަކީ، މިފަދަ މިސައިލްތައް ބަރޯސާވަނީ ހަމައެކަނި ދުރުރާސްތާއާއި ޞައްޙަކަމަށް ނޫންކަމަށްވެފައި، އަމާޒު ހުރި ތަނުގެ މައުލޫމާތު ވަގުތުން ވަގުތަށް ލިބުމަކީވެސް މުހިންމު ކަމަކަށް ވާތީއެވެ. އެހެންކަމުން ނެޓްވޯކް-ސެންޓްރިކް ހަނގުރާމަތަކުގައި ސެންސަރުން ފެށިގެން ހަމަލާދިނުމާ ހަމައަށް ހިނގާ ޕްރޮސެސް (ސެންސަރ-ޓު-ޝޫޓަރ ޗެއިން) ގައި ޖައްވީ ސަވައިލެންސް ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.
މީގެ އިތުރުން، ޖައްވުގައި ފާރަވެރިވާނެ ލޯތައް ހުރުމަކީ އާންމު އަދި ސްޓްރެޓީޖިކް ބޭނުންތަކަށް އިންޑިއާގެ ކައުންޓާފޯސް ގާބިލުކަން ވަރުގަދަކޮށްދޭނެ ކަމެކެވެ. އިންޑިއާއިން އައިއެސްއާރް ނިޒާމު ވަރުގަދަކޮށް، ކައުންޓާފޯސް ގާބިލުކަން އިތުރުކުރުމުން އޭގެ ސީދާ އަސަރު ޕާކިސްތާނަށް ކުރާނެއެވެ. ޖައްވުގައިވާ އިންޑިއާގެ މި "ލޮލުގެ" ސަބަބުން އަރަބި ކަނޑުގައި ޕާކިސްތާނުގެ މަނަވަރުތައް ހަރަކާތްތެރިވާ ގޮތާއި، މަތިންދާބޯޓުތަކުގެ ހަރަކާތްތަކާއި، އަދި މޯބައިލް މިސައިލް ލޯންޗަރުތައް ބަހައްޓާފައިވާ ތަންތަން ވަގުތުން ވަގުތަށް ކަހަލަ ގޮތަކަށް އިންޑިއާގެ ތިން ބާރުގެ އަސްކަރިއްޔާއަށް ފެންނާނެއެވެ. މޯބައިލް ސިސްޓަމްތައް ސަލާމަތްތެރިކަމާއެކު ބޭއްވުމުގެ މައިގަނޑު އަސާސަކީ އެތަކެތި ފޮރުވައިގެން ގެންގުޅުންކަމަށް ވާއިރު، ފުޅާ ދާއިރާއެއްގައި މެދުކެނޑުމެއްނެތި ބަލަހައްޓަމުންދިއުމާއި، އޭގެ ފަހަތުން ސާފު މަންޒަރުތައް ނެގުމަކީ އަމާޒު ދެނެގަނެ، ހަމަލާދިނުމަށް ނަގާ ވަގުތު ކުޑަކޮށްދޭނެ ކަމެކެވެ. މިއާއެކު ޖައްވަށް އިތުރުވި މި ލޮލުގެ ސަބަބުން އިންޑިއާގެ ދުރުރާސްތާ މިސައިލްތަކުގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާނެއެވެ.
ހަމައެހެންމެ، މިއީ އިންޑިއާގެ އަމިއްލަ ދިފާއީ ބާރު ގާއިމުކުރުމަށްވެސް މުހިންމު ސެޓެލައިޓެކެވެ. ޕާކިސްތާނުން ދީފާނެ ކައުންޓާސްޓްރައިކް ހަމަލާއަކަށް ފާރަވެރިވުމަށާއި، ޚާއްސަކޮށް ޒަމާނީ މިސައިލް ޑިފެންސް ސިސްޓަމަކާއެކު ރައްކާތެރިވުމަށް މިއީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޕާކިސްތާނު ސިފައިންގެ ހަރަކާތްތައް މެދުކެނޑުމެއްނެތި ބަލަހައްޓަން އެނގުމުން އިންޑިއާއަށް ދިފާއީ ގޮތުން ފުރިހަމައަށް ތައްޔާރުވެވޭނެއެވެ.
އެހެންނަމަވެސް، މިކަމުގެ ސަބަބުން ދެކުނު އޭޝިއާގެ ޑިޓަރެންސް ޑައިނަމިކްސްއަށް ބަދަލުތަކެއް އަންނާނެއެވެ. އަވަހަށް އަމާޒުތައް ދެނެގަނެ، ހަމަލާދޭނެ މައުލޫމާތު ހޯދައި، އަދި ސީދާ އަމާޒަށް ހަމަލާދިނުމުގެ ގާބިލުކަން އިތުރުވުމަކީ ކާރިސާތަކުގައި ގޮތް ނިންމުމަށް ލިބޭ ވަގުތު ކުޑަވާނެ ކަމެކެވެ. އިންޑިއާއާއި ޕާކިސްތާނަކީ ބޯޑަރު ގުޅިފައިވާ ދެ ގައުމަށް ވުމާއެކު، މިހާރުވެސް ގޮތް ނިންމުމަށް ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެހެންކަމުން، ސްޓްރެޓީޖިކް ހަތިޔާރުތައް ފަސޭހައިން ދެނެގަނެވޭ ގޮތްވުމަކީ، ޕާކިސްތާނުން އެމީހުންގެ އަސްކަރީ ވަސީލަތްތައް އަވަހަށް އެކި ސަރަހައްދުތަކަށް ފަތުރާލައި ފޮރުވުމަށް މަޖުބޫރުކުރުވާނެ ކަމެކެވެ. މިއީ "ބޭނުންކުރޭ ނޫނީ ގެއްލުވާލާ" ގެ އުނދަގޫ ހާލަތެއް މެދުވެރިކުރުވައި، ނުބައި ހިސާބެއް ޖެހި، ގަސްތަކާ ނުލައި މައްސަލަ އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުކޮށްދޭނެ ކަމެކެވެ. ވީމާ، ޖައްވީ އައިއެސްއާރް ގާބިލުކަން އިތުރުވުމަކީ ހާލަތު ދެނެގަތުމަށް ފަސޭހަވާނެ ކަމެއް ނަމަވެސް، މިއީ ދެކުނު އޭޝިއާގެ ކާރިސާތައް ކޮންޓްރޯލްކުރުމަށާއި ހަމަޖެހުން ގާއިމުކުރުމަށް ކުރިމަތިވާނެ އާ ގޮންޖެހުންތަކެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، އީއޯއެސް-05 އަކީ އިންޑިއާގެ އެސްބީއެސް-3 ޕްރޮގްރާމްގެ ދަށުން އެ ގައުމުގެ އައިއެސްއާރް ގާބިލުކަން އިތުރުކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫޢުގެ އެންމެ ސެޓެލައިޓެކެވެ. ނަމަވެސް މި ސެޓެލައިޓް ލޯންޗުކުރުމުން ދައްކުވައިދެނީ އިންޑިއާގެ ސްޓްރެޓީޖިކް ވިސްނުމަށް އައިސްފައިވާ ބަދަލެވެ. އެގޮތުން، ދޭތެރެއަކުން ފޮޓޯ ނެގުމުގެ ބަދަލުގައި މެދުކެނޑުމެއްނެތި ފާރަވެރިވުމުގެ ގާބިލުކަން ހޯދުމަކީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދޭނެ ކުރިއަށް އޮތް ކާރިސާއެއްގެ މިސްރާބު ބަދަލުކޮށްލާނެ ކަމެކެވެ. މިކަމުގެ ސަބަބުން އިސްލާމްއާބާދުން އެމީހުންގެ އާންމު އަދި ސްޓްރެޓީޖިކް ހަތިޔާރުތައް ރައްކާތެރިކުރުމަށްޓަކައި އެތަކެތި ފޮރުވުމާއި، އޮޅުވާލުމާއި، އަދި އަވަހަށް ބަދަލުކުރެވޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރަން މަޖުބޫރުވާނެއެވެ.