ދުނިޔެ

އިޓަލީ އާއި އިންޑިއާގެ ސްޓްރެޓީޖިކް ގުޅުން އަމަލީ މައިދާނުގައި އިމްތިހާނަކަށް

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިންޑިއާ ދެމެދު އެކުލަވާލާފައިވާ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހުއްދައަށް އެދި، ޔޫރަޕިއަން ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ ރަސްމީކޮށް ކައުންސިލަށް ހުށަހަޅާފައެވެ. މިއާއެކު، ވިހި އަހަރު ކުރިން ފެށި، އަދި މި އަހަރުގެ ޖެނުއަރީ މަހު ނިންމާލި މަޝްވަރާތައް އަމަލީ ގޮތުން ތަންފީޒުކުރުމާ ގާތަށް މިވަނީ ޖެހިލާފައެވެ. ހަމައެއާއެކު، ރޯމް އާއި ނިއުދިއްލީގެ ގުޅުން ވެސް މުޅިން އައު މަރުޙަލާއަކަށް ވަނީ ފުރޮޅިފައެވެ. ވިޔަފާރިއާއި، ދިފާޢީ އަދި މުވާސަލާތީ ރޮނގުން އުފެދިފައިވާ ސިޔާސީ އޮއިވަރު، މިހާރު ވަނީ އަމަލީ އެއްބާރުލުމަކަށް ބަދަލުކުރަން ޖެހިފައެވެ.

އީޔޫ އާއި އިންޑިއާގެ އެއްބަސްވުމަކީ ޖިއޯޕޮލިޓިކަލް ގޮތުން ބަލާއިރު ވަރަށް ބޮޑު އިންގިލާބެކެވެ. މި ދެ ފަރާތް ގުޅުމުން ދުނިޔޭގެ ޖީޑީޕީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާއިރު، އާބާދީގެ ނިސްބަތް 2 ބިލިއަނަށް އަރައެވެ. މިހާރުވެސް މުދަލާއި ޚިދުމަތުގެ ވިޔަފާރީގެ މުއާމަލާތްތައް އަހަރަކު 180 ބިލިއަން ޔޫރޯއަށްވުރެ މައްޗަށް އަރާއިރު، މީގެ ސަބަބުން އީޔޫގައި 800،000 ވަޒީފާ ވަނީ އުފެދިފައެވެ. ބްރަސެލްސް އިން ލަފާކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޔޫރަޕުން އިންޑިއާއަށް ކުރާ މުދަލާއި ޚިދުމަތުގެ އެކްސްޕޯޓު އަހަރަކު 58 ބިލިއަން ޔޫރޯއަށް އިތުރުވެ، ޓެރިފް ކުޑަވުމުގެ ސަބަބުން އީޔޫގެ އެކްސްޕޯޓަރުންނަށް އަހަރަކު 4 ބިލިއަން ޔޫރޯ ސަލާމަތްކުރެވޭނެއެވެ.

ނަމަވެސް މި އެއްބަސްވުމުގެ މުހިންމުކަން ހަމައެކަނި މި އަދަދުތަކުން ނިމެނީއެއް ނޫނެވެ. ކޮމިޝަނުން ޤަބޫލުކުރާ ގޮތުގައި، ޔޫރަޕްގެ އިޤްތިޞާދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަޕްލައި ޑައިވާސިފައި ކުރުން (އެކި ފަރާތްތަކުން މުދާ ހޯދުން) މުހިންމެވެ. ޖިއޯޕޮލިޓިކަލް ވާދަވެރިކަމާއި ވިޔަފާރީގެ ހަމަނުޖެހުންތައް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ނިއުދިއްލީއާއެކު ވެވޭ އެއްބަސްވުމަކީ ސްޓްރެޓީޖިކް ގޮތުން އެހެން ބާރުތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޔޫރަޕްގެ އިޤްތިޞާދީ ގުޅުންތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

އިޓަލީއަށް ބަލާއިރު، ޔޫރަޕުން ގެންނަ މި އަވަސް ބަދަލުތަކާ ގުޅިގެން ދެ ޤައުމުގެ ގުޅުން ވެސް ދަނީ ވަރަށް ބޮޑަށް ބަދަހިވަމުންނެވެ. އެތައް އަހަރަކަށްފަހު ނޯވޭއަށް ވަޑައިގެންނެވި އިޓަލީގެ ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި އޮސްލޯއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް، ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ 'އެކްސް' ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ވަގުތު ހޯއްދަވާފައެވެ. ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ #މެލޯޑީ (މެލޯނީ އަދި މޯދީ) ޓްރެންޑާ ގުޅުވައި، އޭރު ބްރިކްސްގެ އަހަރީ ބައްދަލުވުން ހޯސްޓްކުރައްވަމުން ގެންދެވި މޯދީއަށް "ދުޅަހެޔޮކަމާއި، ހަކަތަ އަދި ކާމިޔާބީ" އަށް އެދިވަޑައިގަންނަވާކަމަށް ލިޔުއްވާފައިވެއެވެ. އަދި "މަގޭ އެކުވެރިޔާއަށް އުފަންދުވަހުގެ ތަހުނިޔާ،" ކަމަށް ވިދާޅުވެ، އޭނާ އިތުރަށް ލިޔުއްވާފައިވެއެވެ. "އިޓަލީއާއި އިންޑިއާއިން ދަނީ ދެ ޤައުމުގެ ފުން އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމަށްވެސް ފާގަތިކަމާއި އެއްބާރުލުމުގެ މުސްތަޤުބަލެއް ގުޅިގެން ބިނާކުރަމުންނެވެ."

ރޯމް އަދި ނިއުދިއްލީ އިން ވަނީ 2023 ވަނަ އަހަރު 'ސްޓްރެޓީޖިކް ޕާޓްނަރޝިޕް' އެއް ޤާއިމުކޮށް، ޖެހިގެން އައި އަހަރު 2025 އިން 2029 އަށް 'ޖޮއިންޓް ސްޓްރެޓީޖިކް އެކްޝަން ޕްލޭން' އެއް އެކުލަވާލާފައެވެ. އަދި މިދިޔަ މެއި މަހު މޯދީ ރޯމަށް ކުރެއްވި ދަތުރުފުޅުގައި މި ގުޅުން ވަނީ 'ސްޕެޝަލް ސްޓްރެޓީޖިކް ޕާޓްނަރޝިޕް' އަކަށް މަތިކޮށްފައެވެ. މީގެ ދަށުން، ޚާރިޖީ ވަޒީރުން އިސްވެ ތިއްބަވައިގެން އެކްޝަން ޕްލޭން ތަންފީޒުވަމުންދާ ގޮތް ބަލާނެ ނިޒާމެއް ވަނީ ހަމަޖެހިފައެވެ. މިހާރު އުފެދޭ ސުވާލަކީ ދެ ޤައުމުން ގުޅުން ބަދަހިކުރަން ބޭނުންވޭތޯއެއް ނޫނެވެ، ނަމަވެސް ސިޔާސީ ގޮތުން ގެނެވުނު މި ބަދަލުތައް އިޤްތިޞާދީ، ސިނާއީ އަދި ސްޓްރެޓީޖިކް ނަތީޖާތަކަކަށް ބަދަލުކުރެވިދާނެތޯއެވެ.

އަމަލީ ގޮތުން މީގެ ނަތީޖާ އެންމެ ފުރަތަމަ ފެންނާނީ ވިޔަފާރީގެ ދާއިރާއިންނެވެ. ދެ ޤައުމުން ވަނީ 2029 ވަނަ އަހަރު އަންނަންވާއިރަށް ދޭދޭ ވިޔަފާރީގެ މިންވަރު އަހަރަކު 20 ބިލިއަން ޔޫރޯއަށް އެރުވުމަށް އަމާޒު ހިފާފައެވެ. އީޔޫ-އިންޑިއާ އެއްބަސްވުމުގެ ސަބަބުން ޓެރިފްތައް ކުޑަވެ، މާކެޓަށް ވަނުމަށް ހުރި ބައެއް ހުރަސްތައް ނެތިގެންގޮސް، މި އަމާޒަށް ވާސިލުވުމަށް ފަސޭހަވެގެންދާނެއެވެ. ނަމަވެސް، ހަމައެކަނި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކުން، ފުރުޞަތުތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ކުރަންޖެހޭ ދޭދޭ ޤައުމުތަކުގެ މަސައްކަތްތަކެއް ފޫނުބެއްދޭނެއެވެ.

މި މައުޟޫޢުތަކަށް ވަނީ ރޯމްގެ ޖޯން ކެބޮޓް ޔުނިވަރސިޓީ (ޖޭސީޔޫ) ގެ ގުއަރީނީ އިންސްޓިޓިއުޓް ފޯ ޕަބްލިކް އެފެއަރޒް އިން އިންތިޒާމުކޮށްގެން ދާދި ފަހުން ބޭއްވި ފުރަތަމަ 'އިޓަލީ-އިންޑިއާ ޓްރެކް 1.5 ޑައިލޮގް' ގައި ވަރަށް ފުޅާކޮށް މަޝްވަރާކޮށްފައެވެ. މީޑިއާ ޕާޓްނަރުންގެ ގޮތުގައި 'ފޯމިޗޭ' އަދި 'ޑީކޯޑް39' ހަރަކާތްތެރިވި މި އިވެންޓުގެ އާންމު ޕްރޮގްރާމްގައި އިޓަލީގައި ހުންނަވާ އިންޑިއާގެ ސަފީރު، ވާނީ ރާއޯ ވެސް ބައިވެރިވެވަޑައިގަތެވެ. ޗެތަމް ހައުސް ރޫލްގެ ދަށުން ކުރިއަށްދިޔަ މި ބައްދަލުވުމުގައި، 2027 ވަނަ އަހަރު ފާހަގަކުރާ ދެ ޤައުމުގެ ޚާރިޖީ ގުޅުމުގެ 80 ވަނަ އަހަރީދުވަހާ ދިމާއަށް ދެ ޤައުމުގެ ގުޅުން ބައްޓަންވަމުންދާ ގޮތާމެދު ވަނީ މަޝްވަރާކޮށްފައެވެ.

ޖޭސީޔޫ ގެ އިވެންޓުގައި ފާހަގަކުރެވުނު ގޮތުގައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމުގެ ފުރުޞަތުތައް އޮތީ މިހާރު ޤާއިމުވެފައިވާ އިންފްރާސްޓްރަކްޗަރއަށްވުރެ މާ ފުޅާކޮށެވެ. އިންވެސްޓްމަންޓްތަކުގެ ހަމަހަމަކަން ނެތުމާއި، ދެ ޤައުމުގެ ގަވާއިދުތަކުގެ ތަފާތުތަކާއި، ޓެރިފް ނޫން ހުރަސްތަކަކީ އަދިވެސް އިތުރު ގުޅުންތަކަށް ހުރި ގޮންޖެހުންތަކެކެވެ. މީގެ އިތުރުން މާލީ އިދާރާތަކުން ވެސް ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމުގައި އިތުރު ދައުރެއް އަދާކުރަންޖެހެއެވެ. ހަމައެއާއެކު، އޮޓޯމޯޓިވް ކޮމްޕޯނަންޓްސް، ސެމިކޮންޑަކްޓަރ އަދި ޑިޖިޓަލައިޒޭޝަން ފަދަ ދާއިރާތަކަކީ ސިނާއީ ގޮތުން ގުޅިގެން މަސައްކަތްކުރެވިދާނެ މުހިންމު ދާއިރާތަކެކެވެ. މުސްތަޤުބަލުގައި އިޓަލީ އާއި އިންޑިއާގެ އިޤްތިޞާދީ ގުޅުން މިންކުރެވޭނީ ހަމައެކަނި އެއް ޤައުމުން އަނެއް ޤައުމަށް ވިއްކާ މުދަލެއްގެ މިންވަރަކުން ނޫނެވެ، ނަމަވެސް ދެ ޤައުމުގެ ކުންފުނިތަކަށް ގުޅިގެން އުފެއްދޭނެ އުފެއްދުންތަކުންނެވެ.

ދިފާޢީ ދާއިރާގެ ގުޅުމަށް ވެސް މިފަދަ ބަދަލުތަކެއް އަންނަނީ ފެންނަމުންނެވެ. ހަތިޔާރު ގަތުމާއި، ސިނާއީ ޕާޓްނަރޝިޕްތަކާއި، ދިރާސާކުރުމާއި ތަރައްޤީކުރުމުގެ (އާރްއެންޑްޑީ) އިތުރުން ސިފައިން ބަދަލުކުރުމުގެ ޕްރޮގްރާމްތައް ވެސް ދަނީ ކުރިއަށެވެ. ކަނޑުގެ ސިފައިންގެ ޒިޔާރަތްތަކާއި އަސްކަރީ ތަމްރީނުތައް ކުރިއަށްދާއިރު، ގުޅިގެން އަސްކަރީ ތަމްރީނުތައް ބާއްވާނެ ރަސްމީ އޮނިގަނޑެއް އަދި އެކުލަވާލެވިފައެއް ނުވެއެވެ. އިންޑިއާއިން ބޭނުންވަނީ ހަމައެކަނި ބޭރުން ހަތިޔާރު ގަންނާކަށެއް ނޫނެވެ، އެ ޤައުމުން އަމާޒު ހިފާފައިވަނީ ހަތިޔާރު ހޯދާ ވަސީލަތްތައް ގިނަކޮށް، އަމިއްލަ ޤައުމުގައި ހަތިޔާރު އުފެއްދުން އިތުރުކުރާށެވެ. މިއީ އިޓަލީއަށް، ހަމައެކަނި މުދާ ވިއްކާ ފަރާތެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ގުޅިގެން ހަތިޔާރު އުފެއްދުމާއި ރިސާޗްގެ ދާއިރާއިން ޕާޓްނަރޝިޕްތަކެއް ހެދުމަށް ހުޅުވިގެންދާ ފުރުޞަތެކެވެ.

މީގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ވެސް މުހިންމު ބައެކެވެ. އިޓަލީ އާއި އިންޑިއާ އޮތީ އިންޑޯ-ޕެސިފިކް ސަރަޙައްދުން ފެށިގެން މެދުއިރުމައްޗާއި ޔޫރަޕް ގުޅުވައިދޭ ކަނޑުގެ ނިޒާމުގެ ދެކޮޅުގައެވެ. އެހެންކަމުން މި ކަނޑުގެ މަގުތައް ހިމާޔަތްކުރުމަކީ ދެ ޤައުމުގެ ވެސް އިޤްތިޞާދީ އަދި ސަލާމަތީ މަސްލަހަތާ ގުޅިފައިވާ ކަމެކެވެ. ރޯމްގައި ބޭއްވި މަޝްވަރާތަކުގައި މަޢުލޫމާތު ހިއްސާކުރުމާއި، ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ވެސް ވާހަކަދެކެވުނެވެ. މިއީ ސިނާއީ ގުޅުންތަކުގެ އިތުރަށް ގުޅުން ފުޅާވަމުންދާ ކަމުގެ ހެއްކެކެވެ.

މި އޮނިގަނޑުގެ ތެރެއިން 'އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް އިކޮނޮމިކް ކޮރިޑޯ' (އައިމެކް) ގެ މުހިންމުކަން ވެސް ފާހަގަކުރެވެއެވެ. މި ކޮރިޑޯގެ މުހިންމުކަން ގުޅިފައިވަނީ، ވިޔަފާރިއާއި، ބަނދަރުތަކާއި، ލޮޖިސްޓިކްސްއާއި، ހަކަތައިގެ އިންފްރާސްޓްރަކްޗަރއާއި، ޑިޖިޓަލް ކަނެކްޓިވިޓީ އަދި ސަޕްލައި ޗެއިންގެ ރައްކާތެރިކަން ފަދަ، ދެ ޤައުމުން މިހާރުވެސް މަސައްކަތްކުރަމުންދާ އެތައް ދާއިރާއެއް ގުޅުވައިދިނުމުގެ ޤާބިލުކަމާއެވެ. ރޯމްއަށް ބަލާއިރު، މި ކޮރިޑޯގެ ސަބަބުން އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އެ ޤައުމުގެ ހަރަކާތްތެރިކަން އިތުރުވުމާއި މެޑިޓަރޭނިއަން ސަރަޙައްދުގެ ނުފޫޒު ގުޅުވައިދެއެވެ. މިކަމުގެ ސަބަބުން އުފެދިފައިވާ 'އިންޑޯ-މެޑިޓަރޭނިއަން' ކޮންސެޕްޓަކީ، މެއި މަހު މޯދީ އާއި މެލޯނީ ގުޅިގެން ލިޔުއްވި އޮޕް-އެޑް އިން ވެސް ފެނިގެންދިޔަ ފަދައިން، ސިޔާސީ ލީޑަރުންގެ ސްޓްރެޓީޖިކް ބަސްކޯށީގެ ތެރެއަށް މިހާރު ވަދެފައިވާ ކޮންސެޕްޓެކެވެ. ނިއުދިއްލީއަށް ބަލާއިރު، މިއީ ގަލްފާއި މެޑިޓަރޭނިއަން މެދުވެރިކޮށް ޔޫރަޕްގެ މާކެޓްތަކާ ގުޅުން ބަދަހިކުރުމަށް ލިބޭ އިތުރު މަގެކެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި، ރަތް ކަނޑުގައި ހޫތީންގެ ސަބަބުން އުފެދިފައިވާ އާ ނުރައްކާތަކުގެ ސަބަބުން މި އަމާޒަށް ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، މީގެ އަސްލު ބޭނުންތެރިކަން ކެނޑިގެނެއް ނުދެއެވެ. ހަމައެއާއެކު، އިންޑޯ-ޕެސިފިކް ސަރަޙައްދުން ފެށިގެން މެޑިޓަރޭނިއަން އަދި އެފްރިކާއާ ހަމައަށް ޗައިނާގެ ނުފޫޒު ގަދަވަމުންދިއުމަކީ ދެ ޤައުމުންވެސް ހަރަކާތްތެރިވާ ސްޓްރެޓީޖިކް މާޙައުލު ބައްޓަންކުރުމަށް މެދުވެރިވާ ސަބަބެކެވެ. ނަމަވެސް، މި މާޙައުލާމެދު އިންޑިއާއިން ދެކޭ ގޮތުގައި އަސާސީ ތަފާތުތަކެއް އެބަހުއްޓެވެ. އިންޑިއާގެ ޚާރިޖީ ސިޔާސަތު އަދިވެސް ބިނާވެފައިވަނީ ވަކި ފަރާތަކަށް ނުޖެހި، ގިނަ ބަޔަކާއެކު ގުޅުން ބޭއްވުމުގެ މައްޗަށެވެ. އެހެންކަމުން އިޓަލީ ނުވަތަ ޔޫރަޕާއެކު ގުޅުން ބަދަހިކުރުމުގެ މާނައަކީ، އިންޑިއާއިން ހުޅަނގުގެ ފިކުރަށް އެއްކޮށް ބަދަލުވުމެއް ނޫނެވެ. އެހެންކަމުން އެންމެ ޝައުޤުވެރިވާ ސުވާލަކީ، ފުރިހަމައަށް އެއްގޮތް ސްޓްރެޓީޖިކް ސިޔާސަތެއް ނެތިވެސް، ފުންކޮށް ގުޅިގެން މަސައްކަތްކުރެވޭނެ މިންވަރަކަށް ދެ ޤައުމުގެ މަސްލަހަތު އެއްގޮތްވާ ކަންތައްތަކެއް އިޓަލީ އާއި އިންޑިއާއަށް ހޯދިދާނެތޯއެވެ.

މި ނަޒަރުން ބަލާއިރު 'ޓްރެކް 1.5' ގެ ދައުރު ވަރަށް މުހިންމެވެ. ސަރުކާރުތަކުގެ މެދުގައި އޮންނަ ގުޅުން، އެ ގުޅުން ދެމެހެއްޓުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރަށް ވުރެ ހަލުވިކޮށް ވަނީ ކުރިއަރާފައެވެ. ފުރިހަމަ ސްޓްރެޓީޖިކް ޕާޓްނަރޝިޕަކަށް، ދެ މާކެޓުގައި ވެސް އިންވެސްޓްކުރާނެ ޤާބިލު ކުންފުނިތަކާއި، ދިގުމުއްދަތުގެ ގުޅުންތައް ބިނާކުރާނެ ޔުނިވަރސިޓީތަކާއި ރިސާޗް އިންސްޓިޓިއުޓްތައް ބޭނުންވެއެވެ. އަދި ދެ މުޖުތަމަޢުގެ މެދުގައި މީހުން ދަތުރުފަތުރުކުރުން ވެސް އިތުރުވާން ޖެހެއެވެ. ތަޢުލީމީ ބަދަލުވުންތަކާއި، އިންޓަރންޝިޕްތަކާއި، ބަސް ދަސްކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން، އިޓަލީގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ޙާލަތާއި، މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަކީ ވެސް މި ޕްރޮސެސްގެ މުހިންމު ބައެކެވެ. 2027 ވަނަ އަހަރު އަންނަ ދެ ޤައުމުގެ ޚާރިޖީ ގުޅުމުގެ 80 ވަނަ އަހަރީދުވަހާއި، ސަޤާފީ ފަތުރުވެރިކަމަށް ޚާއްސަކޮށްފައިވާ އެ އަހަރަކީ މި ބިންގާ އިތުރަށް ފުޅާކުރުމަށް ލިބޭނެ ރަނުގެ ފުރުޞަތެކެވެ. ގުއަރީނީ އިންސްޓިޓިއުޓުން ވެސް އަމާޒު ހިފާފައިވަނީ މި ބިންގާތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށެވެ.