ވިޔަފާރި

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލަވާލައިފި

ފާތިމަތު އަފްނާން ، ދެން އޮންލައިން

ދައުލަތުގެ ޕްރޮކިއުމަންޓްތައް ބަލަހައްޓަން، ފިނޭންސް މިނިސްޓްރީން ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލަވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް ޕްރޮކިއުމަންޓްއިން އެކުލަވާލި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގައި ޗެއާޕާސަންއަކީ މުހައްމަދު ޝިފާހުއެވެ.

މި ބޯޑުގައި ދެން ތިއްބަ ވަނީ އެންވަރުމަންޓް މިނިސްޓްރީގެ އަޖުވަދު މުސްތޮފާގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީގެ ޑރ. ކިނާނަތު އަދި ޕްރައިވެޓް ސެކްޓާއިން ޑރ. މުހައްމަދު އާދިލްއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފާތުމަތު ނުޒުހާ އާއި ޕްރޮވެޓް ސެކްޓާއިން މާޝާ ލުތުފީއެވެ.

ޕަބްލިކް ޕްރޮކިއުމަންޓްގެ އޮނިގަނޑު ހަރުދަނާކޮށް، ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށްޓަކައި 23 ފެބްރުއަރީ 2020ގައި ރިޔާސީ ޤަރާރަކުން "ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު" ވަނީ އުފައްދަވާފައެވެ. މިނިސްޓްރީ އޮފް ފައިނޭންސްގެ ދަށުން ހިނގަމުންދާ މި ބޯޑަކީ ދިވެހިރާއްޖޭގެ ޕަބްލިކް ޕްރޮކިއުމަންޓްގެ ނިޒާމު ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ދައުލަތުގެ ޚަރަދުތައް ހިނގަނީ އިންސާފުވެރިކަމާއި ފާޅުކަންބޮޑު ގޮތެއްގައިތޯ ކަށަވަރުކުރުމެވެ. މިގޮތުން ދައުލަތުގެ ޕްރޮކިއުމަންޓް ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި އިސްލާޙުކުރުމާއި ދައުލަތުގެ އިދާރާތަކުން ކޮންޓްރެކްޓްތައް ދިނުމުގައްޔާއި މުދާ ހޯދުމުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުންދޭތޯ މި ބޯޑުން މޮނިޓާ ކުރާނެއެވެ. މީގެ އިތުރުން ޕަބްލިކް ޕްރޮކިއުމަންޓް ނިޒާމު ހިންގައި އިތުރަށް ހަރުދަނާކުރަން ވެސް މަސައްކަތް ކުރާނެއެވެ.